
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކަކީ ބޭރު ފައިސާއިން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތައް އޮތް ތަންތަން ކަމަށެވެ. އެގޮތުން، ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކަކީ ބޭންކުތަކުން ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓުމެންޓުތައް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވީ ސީދާ ރާއްޖެއިން ވާދަވެރި ފައިދާއެއް ނުވަތަ ރަނގަޅު މަންފާއެއް ލިބޭތީ. އެ ހިތްވަރު ނައްތާލުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް ނުރައްކާވާނެ،" ނަޝީދު ވިދާޅުވި އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޑޮލަރު މާރުކުރާއިރު، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ގަވަރުނަރު އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު ވިދާޅުވީ އިއްޔެ އެވެ.
ޑޮލަރު ތާށިކަމުގެ މައްސަލައިގައި ސަރުކާރުން އަޅާ ފިޔަވަޅުތައް އިއުލާންކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ، މިހާރު އޮންނަ ގޮތަށް ބޮލަަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް އޮތް ބައި ބަދަލުކުރަން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.
މި ބަދަލުގެ އިތުރުން، މިހާރު އޮންނަ ތިން މަސް ދުވަހުގެ ބަދަލުގައި ޑޮލަރު މާރުކުރަން ޖެހޭ މުއްދަތު މަސް ދުވަހަށް މަދުކުރަން ވެސް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ، އާމްދަނީ ލިބޭ ކަމުގައި ވަނީ ނަމަ، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަ ކުރަނީ ކޮން ގޮތަކަށް ކަންކަން ބެލޭނެ އުސޫލުތަކެއް ގާނޫނުގައި ހިމަނަން ވެސް ވަނީ ނިންމާފައެވެ.
އެ ބަދަލުތައް ގެންނަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރި ނަމަވެސް، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިއްޔެ ވަނީ ބުނެފައެވެ.
މަޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިސޯޓުތަކުން ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކުހާއި، އަދި ބޭރުގެ ލޯނުތައް ދެއްކުމަށް ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހޭއިރު، އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ވިޔަފާރިތަކަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށެވެ.




