
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފަޅުކުރަމުން ދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ގާނޫނަށް އެ ބަދަލު ގެނެސްފައެވެ. އަންނަ އޮކްޓޯބަރުން ފެށިގެން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރިސޯޓުތަކުން މާރުކުރަން މަޖުބޫރުވާނެއެވެ.
އޭގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. ރިސޯޓުތަކުން މުސާރަ ދެނީ ޑޮލަރުންނެވެ. ޓީމްއިން ހާމަކޮށްފައިވާ ގޮތުގައި އެކަމާ ދެކޮޅަށް ކެމްޕޭނެއް ފަށަން ވަނީ ނިންމާފައެވެ.
އެ ކެމްޕޭނުގެ ދަށުން އެންމެ ފުރަތަމަ ކުރަމުންދާ ކަމަކީ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތެވެ. ޓީމްއިން ހާމަކޮށްފައިވާ ގޮތުގައި އެ ޔޫނިއަންގެ ހުރިހާ މެންބަރު ރިސޯޓަކުން ވަނީ މި ޕެޓިޝަނަށް އެއްބާރުލުން ދިނުމަށް ނިންމާފަ އެވެ. ޔޫނިއަންގައި ނުހިމެނޭ ރިސޯޓުތަކުން ވެސް ޕެޓިޝަންގައި ބައިވެރިވުމަށް ޓީމުން ވަނީ ގޮވާލާފައެވެ.
އެ ޕެޓިޝަނުގައި ގޮވާލަނީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލުމަށެވެ. އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން ޓީމްގެ ފޭސްބުކް ޕޭޖަށް އިންބޮކްސް ކުރުމުން ހަމަޖެހޭނެ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
ރިސޯޓު މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވި ހާލަތެއްގެ އަގު މުވައްޒަފުން ދައްކަން ޖެހޭ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށް ޓީމްއިން ބުނެފައި ވެއެވެ. ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތި މުސާރަ ޑޮލަރަށް ބަދަލުކުރަން ތާއީދުނުކުރާކަން ޓީމްއިން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ޓީމްއިން ވަނީ ބުނެފައެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.




