
އެމްއެމްއޭ (މަރުކަޒީ ބޭންކު) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ، ޑޮލަރުން މުސާރަ ދިނުން ހުއްޓުވާ، 2030 އަންނައިރު ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާ އިން ކުރާ ގޮތަށް ބަދަލުތައް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެހެންކަމުން އެމްއެމްއޭގެ މި ނިންމުން އިއުލާނު ކުރެއްވުމާ އެކު ރުފިޔާ އިން މުސާރަ ދިނުމާ ދެކޮޅަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އަޑު އުފުލަން ފަށާފައި ވާއިރު، ރިސޯޓު މުވައްޒަފުންގެ މުސާރަ ޑޮލަރުން ދިނުން ހުއްޓާލުމާ ދެކޮޅަށް ކެމްޕޭނެއް ފަށައި ޕެޓިޝަނެއްގައި ސޮއިކުރަން ޓީމް އިން ފެށިއެވެ.
ރިސޯޓު މުވައްޒަފުންގެ އެއްވެސް އިހުމާލެއް ނެތި ކުރިމަތިވި ހާލަތެއްގެ އަގު މުވައްޒަފުން ދައްކަން ޖެހޭ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށް ޓީމްއިން ސޯޝަލްމީޑިއާގައި ބުނެފައިވެ އެވެ. ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ނެތި މުސާރަ ރުފިޔާއަށް ބަދަލުކުރަން ތާއިދުނުކުރާކަމަށާ، ރިސޯޓު މުވައްޒަފުންގެ އާމްދަނީއަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ޖެހޭނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ޓީމްއިން ވަނީ ބުނެފަ އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވެސް ޖަމިއްޔާއިން ގޮވާލާފައި ވާއިރު، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ބަދަލު ގާނޫނަށް މިހާރު ވަނީ ގެނެސްފަ އެވެ.
އަންނަ އޮކްޓޯބަރުން ފެށިގެން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރިސޯޓުތަކުން މާރުކުރާއިރު، އެކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަން ފާހަގަ ކޮށްލެވެއެވެ.
ރިސޯޓުތަކުން ރުފިޔާއިން މުސާރަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ޓީމްއިން ފެށީ މިދިޔަ ހަފްތާ ބަންދުގައި ކަމަށްވާއިރު، އެއް ދުވަހުގެ ތެރޭގައި، 42 ރިސޯޓެއްގެ މުވައްޒަފުން، އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާކަމަށް ޓީމް އިން ބުނެއެވެ.
ޕެޓިޝަންގައި ސޮއިކުރި ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ އެކި ފަންތީގެ ރިސޯޓުތައް ހިމެނޭއިރު، އަދިވެސް އިތުރު ރިސޯޓުތަކުން އެ ޕެޓިޝަނުގައި ސޮއިކުރުމުގައި ބައިވެރިވުމަށް ޓީމްއިން ގޮވާލާފައި ވެއެވެ.
ޓީމް އިން ބުނީ މިއީ ފެށުމެއް ކަމަށާ، ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން އެކުގައި ތެދުވެ، ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސްޗާޖުގެ ހައްގުގައި ކުރިއަށް ގެންދާ ކެމްޕޭނުގައި ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.




