ޕީއެންއެފުން ފުވައްމުލަކުގައި ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންއެފް
ރިސޯޓުތަކުން 40 ޕަސަންޓު މާރުކުރުމާ ދެކޮޅު ހަދަން ޔާމީން ގޮވާލައްވައިފި
ހަސަން އިބްރާހީމް 28 އޯގަސްޓް 2026 (ހުކުރު)   22:42
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަށް މަޖުބޫރުކުރާ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލާ ދެކޮޅު ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިސޯޓުތަކަށް ގޮވާލައްވައިފިއެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމާ ދެކޮޅު ހަދައި، އެއީ އުފުލޭނެ ތަކުލީފެއް ނޫންކަން ހާމަކުރަމުންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ހަމަ ހުރިހާ ރިސޯޓުތަކުން. ހުރިހާ ރިސޯޓުތަކުން. މީގައި މަޓީއެއް ނޫން. މަޓީއެއް ނޫން މީގައި. ހަމަ ވަކިވަކި ރިސޯޓުތަކުން. ހަމަ ހުރިހާ ރިސޯޓުތަކުން ކެރެންވީ ބުނަން މިއީ ތިމަންނަމެން ގަބޫލުކުރާ އެއްޗެއް ނޫނޭ [ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުން]. އަދި އަމުދުން ތިމަންނަމެންނަކަށް މި ތަކުލީފު ނުއުފުލޭނެއޭ،" ޔާމީން ވިދާޅުވިއެވެ.

ގާނޫނަށް ބަދަލު ގެނެސްގެން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މާރުކުރާ ގޮތަށް މަޖުބޫރުކުރުމަކީ ހުދުމުހުތާރު ކަމެއް ގޮތުގައި ޔާމީނު ސިފަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 10 ޕަސަންޓަށްވުރެ އިތުރަށް މާރުކުރަން ޖެހޭނަމަ ދަތިވާނެ ކަމަށް ރިސޯޓުތަކުން ބުނެފައިވާ ކަމަށެވެ. ރިސޯޓުތައް ހަދަން ނެގި ލޯނުވެސް ޑޮލަރުން ދައްކަންޖެހޭއިރު، އާމްދަނީގެ ބޮޑުބައެއް މާރުކުރަން ޖެހުމަކީ އެ ރިސޯޓުތަކަށް ދަތިވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައަކީ ގާނޫނަކުން ހައްލުކުރެވޭނެ ކަމެއް ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެ ގޮތަށް އެ ކަން ކުރުމަކީ ހުދުމުހުތާރު ސިފައެއް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"މުއިއްޒަށް އެނގިވަޑައިގަންނަވަންވާނެ. އެނގިވަޑައި ނުގަންނަވަންޏާ ހަމަ ގައިމުވެސް މިކަހަލަ މާލީ ކަންކަމުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅެއް އެމްއެމްއޭ ގަވަރުނަރު. އޭނައަކީ އަޅުގަނޑު ކައިރީގައިވެސް އުޅުއްވި ބޭފުޅެއް. އެހެންވީމަ އެމީހުންނަށް އެނގެންވާނެ މިކަހަލަ ކަންތައް ގާނޫނަކުން ފާސްކުރިޔަސް މިކުރެވެނީ ހަމަ ހުދުމުހުތާރު ސިފަ މިޔަށް ގެންނަން،" ޔާމީން ވިދާޅުވި އެވެ.

ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.

ބިލުގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް