މާލޭގެ ރަސްމީ ނެރު - ފޮޓޯ: ފިޔެސް
ކުރިއަށް އޮތް 3 މަހު ހޫނުމިން މަތިވާނެކަމަށް މެޓް އޮފީހުން ބުނެފި
ހަސަން އިބްރާހީމް 28 އޯގަސްޓް 2026 (ހުކުރު)   17:58
އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ރާއްޖެއަށް ވަރަށް ބޮޑަށް ހޫނު ގަދަވެގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކަށް ކިޔާ ނަމެކެވެ.

އެލްނީނޯގެ ހާލަތު، ވަކި ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތުގައި ކުރިމަތިވާއިރު، އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް ނުވަ މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު އަހަރުތަކަށް ވެސް ދެމިގެންދެއެވެ.

މެޓްއޮފީހުން މިއަދު ބުނީ އެލްނީނޯގެ ސަބަބުން އެ ތިން މަސް ދުވަހަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހޫނުމިން ހުންނާނީ އާންމުކޮށް ހުންނަ ވަރަށް ވުރެ މަތީގައި ކަމަށާ، އެ މުއްދަތުގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތައް (ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް) އާންމުކޮށް ވާރޭ ވެހޭ ވަރަށް ވުރެ ގިނައިން ވާރޭ ވެސް ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެންމެ ގިނައިން ވާރޭ ވެހޭނެ ކަމަށް ދައްކަނީ ނ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ކަމަށްވާއިރު، ދެކުނުގެ އަތޮޅުތަކަށް (ހުވަދު އަތޮޅުން ފެށިގެން އައްޑު އަތޮޅާ) ހަމައަށް އާންމުކޮށް ވާރޭ ވެހޭ ވަރަށް ވުރެ މަދުން ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެއެވެ.

އެހެންކަމުން، އެލްނީނޯގެ އަސަރުތަކާ ހެދި، ވާރޭ ވެހޭ މިންވަރާއި ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމަށް ނޭދެވޭ އަސަރުތައް ކޮށް، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް މެޓުން ލަފާކޮށްފައި ވާއިރު، މި ފަދަ ބަދަލުތަކަށް އެ ދާއިރާތަކުން ތައްޔާރުވުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް