
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓުގައި ބުނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރުމާ އެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މިއަދު އެންމެ ފުރަތަމަ މި ސަރަހަށްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރުނީ މިއަދު ހެނދުނު އެވެ. އޭރު އެލާޓް ނެރުނީ 11:00 ން މެންދުރު ފަހު 2:00 އާ ހަމައަށެވެ. އެހެންނަމަވެސް، 2 ޖެހުމުގެ ކުރިން ޔެލޯ އެލާޓް އެވަނީ ހަވީރު 6:00 އާ ހަމައަށް ދަމަހައްޓާފައެވެ.
އައްޑޫ އަތޮޅުން މައުލޫމާތު ލިބުނު ގޮތުގައި އެ އަތޮޅަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެޔާއެކު ރަށްރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
ދެކުނުގެ އިތުރުން މެދުރާއްޖެތެރަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މިއަދު މެންދުރު 12:15 އިން ހަވީރު 6:00 އަށް ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ތ.އަތޮޅަށެވެ. މެޓް އޮފީހުން ބުނިގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު އައްޑޫ އާއި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް އޮރެންޖް އެލާޓްވެސް ނެރުނެވެ. އޮރެންޖު އެލާޓުގައި ބުނީ އައްޑު އާއި ފުވައްމުލަކަށް މިއަދު މެންދުރު ފަހު 1:00 އާ ހަމައަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޮރެންޖް އެލާޓަކީ މެޓް އޮފީހުން މޫސުން ލަފާކޮށް ނެރޭ އެލާޓް ލެވެލް ތިނެކެވެ. މިއީ މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ އެލާޓެކެވެ. އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
ރާއްޖެ މަތީގައި މި ދުވަސްވަރު އުފެދެމުންދާ ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.
މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ގިނަ ދުވަސްތަކުގައި ވަރަށް ވިއްސާރަ ކުރާނެއެވެ.




