ވިއްސާރަވުމުން މާލޭ މަގެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: ފިޔެސް
މާލެ ސަރަހައްދު ހިމެނޭހެން ޔެލޯ އެލާޓު ނެރެފި
މަރްޔަމް މުޙައްމަދު 12 ސެޕްޓެމްބަރ 2026 (ހޮނިހިރު)   08:08
މާލޭ ސަރަހައްދު ހިމެނޭހެން ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ، ވައި ބާރުވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓު ނެރެފި އެވެ.

މިއަދު ހެނދުނު 07:30 އިން 11:30 އާ ދެމެދު، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މާލެ އަށް ފަތިހުން ފެށިގެން ހުއްޓުމެއް ނެތި ދަނީ ވާރޭ ވެހެމުންދާތީ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

"ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން." އެމްއެންޑީފުން މިއަދު ހެނދުނު ހާމަކޮށްފައި ވެއެވެ.

ރާއްޖެއަށް މޫސުން ގޯސް މި ދުވަސްވަރު، ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ދެ އަތޮޅު ކަމަށްވާ އައްޑު އާއި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން އިއްޔެ ހެނދުނު އޮރެންޖް އެލާޓްވެސް ނެރުނެވެ. އަދި އޭގެ ފަހުން އެ ދެ އަތޮޅާއި ހުވަދޫ އަތޮޅަށް ޔެލޯ އެލާޓް ނެރުނެވެ.

އިއްޔެ ކުރި ވިއްސާރައިގައި އައްޑޫ އަތޮޅުގެ ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވިއިރު އެ އަތޮޅު ފޭދޫ ތިރީހަކަށް ގެއަށް ފެންވަދެ، އެއް ގޭގައި ދިރިނޫޅެވޭ ހާލަތަށް ދިޔަކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވެއެވެ.

ރާއްޖެ މަތީގައި މި ދުވަސްވަރު އުފެދެމުންދާ ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން، ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ގިނަ ދުވަސްތަކުގައި ވަރަށް ވިއްސާރަ ކުރާނެއެވެ.

ކޮމެންޓް