ވިއްސާރައިގެ ސަބަބުން މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: އެންޑީއެމްއޭ
ވިއްސާރާގައި ފޭދޫގެ 70 ގެއަކަށް ފެން ވަދެ، އެކިވަރުގެ ގެއްލުންވެއްޖެ
މަރްޔަމް މުޙައްމަދު 12 ސެޕްޓެމްބަރ 2026 (ހޮނިހިރު)   13:07
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ފޭދޫގެ 70 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން މިއަދު އާންމުކުރި މައުލޫމާތުގައި ބުނީ، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި، މިއަދުގެ ހެނދުނާ ހަމައަށް އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައި ވާކަމަށެވެ.

"މީގެ ތެރެއިން 01 ގެއެއްގައި ފެންބޮޑުވެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅި ދިރިނޫޅެވޭވަރަށް ހާލަތު ގޯސްވެގެން، އެ ގޭގައި ދިރިއުޅޭ 8 މީހަކު މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރެވިފައެވެ. މީގެ އިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ." އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ވިއްސާރަކުރަމުން އެބަދެއެވެ. އަދި ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. މި ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަދި ގޯތިގެދޮރާއި، ފިހާރަތަކާއި، އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މާލެ ސަރަހަށްދަށްވެސް ޔެލޯ އެލާޓް ނެރެފައިވާއިރު، މާލެ އަށް ފަތިހުން ފެށިގެން ހުއްޓުމެއް ނެތި ދަނީ ވާރޭ ވެހެމުންދާތީ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

"ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން." އެމްއެންޑީފުން މިއަދު ހެނދުނު ހާމަކޮށްފައި ވެއެވެ.

ރާއްޖެ މަތީގައި މި ދުވަސްވަރު އުފެދެމުންދާ ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހު ވެސް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން، ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ގިނަ ދުވަސްތަކުގައި ވަރަށް ވިއްސާރަ ކުރާނެއެވެ.

ކޮމެންޓް