
ފަލާހް އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީނު ފަދަ ޚާއިނަކު ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އަދި އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރާ މަސައްކަތުން ހާމަވަނީ އެމަނިކުފާނު ދައްކާ ވާހަކަ އާއި އަމަލު ދިމާނުވާ މިންވަރު ކަމަށެވެ.
"ފަހަކަށް އައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރަމުންދާ މަސައްކަތުން ހާމަވަނީ ޔާމީނު ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާމިންވަރު. މިއަދުވެސް ޔާމީނު ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ.
ރިސޯޓުތަކަށް ލިބޭ ބޭރުފައިސާ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމާ ރިސޯޓުތަކުން ދެކޮޅު ހަދަން ޔާމީން ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ ވެރިކަން ކޮށްފައިވާ ވެރިޔަރު ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދައުވަތު ދެއްވުން ކަމަށެވެ.
އެކަމުން ހާމަވަނީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން ކަމަށްވެސް ފަލާހު ވިދާޅުވެފައި ވެއެވެ.
"މީގެންވެސް ހާމަވަނީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން، ވެރިކަމަށް އޮތްދަހިވެތި ކަމާއި ހަސަދަވެރިކަން."
މީގެ އިތުރުން ފަލާހު ވިދާޅުވެފައިވަނީ "ޔާމީނު ދައުލަތުން ވަގަށް ނަގާފައިވާ އެތައް މިލިޔަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއްލިބިގެންދާނެ." ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ޔާމީނު މިނިވަންކުރުމުގެ ވައުދާ އެކީ، މުއިއްޒަށް ވުރެ ބޮޑަށް ޔާމީނުގެ ފޮޓޯ އާއި "ރައީސް ޔާމީނު" ގެ ނަންޖެހި ހުސްގޮނޑި ދައްކައިގެންނެވެ. އެގޮތުން ގިނަ ބަޔަކު މުއިއްޒަށް ވޯޓު ދިނީ އެއީ އޭރު ޔާމީން ދެއްކެވި ކެންޑިޑޭޓަށް ވުމުންނެވެ. ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވުމާއެކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސްލަހަތަށްޓަކައި ޔާމީން ގޭބަންދަށް ބަދަލުކުރައްވާފަ އެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލުކޮށްފައެވެ.




