
އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް އިންޒާރެއް ދިނުމެއްނެތި 27 އޮގަސްޓް ވީ ބުރާސްފަތި ދުވަހުގެރޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މާރަންދޫ ކައުންސިލުން މިއަދު ވަނީ ފެނަކައިން ހިންގި އެ އަމަލު ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ 13 އާއިލާ މަގުމަތިކޮށް ބިކަކޮށްލި މައްސަލަ އެކައުންސިލުން "އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ވަކިބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރުމަކީ ވަރަށް ފިނޑި، އަދި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.
"ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ބޮލާލައި ޖެހުމަށްފަހު، ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީފިކުރުތަކުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރި ކުރުމަކީ ވަރަށް ފިނޑި، އަދި ބަލައިގަނެވޭނޭއަމަލެއް ނޫން ކަމުގައި މި ކައުންސިލުން ދެކެމެވެ."
މީގެ އިތުރުން މާރަންދޫ ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުނިތައް ރައިޓްސައިޒްކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ގިނަ އާއިލާތަކެއްނިކަމެތިކޮށް ހާލުގައި ޖެއްސުމަށްފަހު، ސިޔާސީ ބޮޑެތި މަގާމުތަކުގައި ބޮޑެތި މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައްއުފައްދަމުންދާ ދިއުމަކީވެސް ވަކި ބަޔަކަށް ނާޖާއިޒު ނަފާ ހޯދައިދިނުމަށް ހިންގާ ނާތަހުޒީބު އަމަލެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.
މިކަމަކީ ސިޔާސީ ގޮތުން ރައްޔިތުން ބަލިކަށިކޮށް، ރައްޔިތުން އަޅުދާސްތުކުރުމަށްޓަކައި އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެއް ކަމަށް ބުނެ، ކައުންސިލުގެ ތިން މެންބަރުން ސޮއިކުރައްވާފައިވާ އެ ބަޔާނުގައި ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައިވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ ނުވަތަ ތާއީދުކުރަމުންދާ މެންބަރުން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން އެޕާޓީގެ ފަރާތުންވެސް ވަނީ ފާޅުކޮށްފައެވެ.
ކުންފުނިތައް ރައިޓް ސައިޒްކޮށް ޚަރަދުކުޑަ ކުރުމުގެ ނަމުގައި ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަކިކުރަމުންދާއިރު، ޕީއެންސީއަށް ނިސްބަތްވާ ފަރާތްތަކަށް ބޮޑެތި ސިޔާސީ މަގާމުތައް ދިނުން ސަރުކާރުން ގެންދަނީ ކުރިއަށެވެ.




