
ހއ. މާރަންދޫ ފެނަކަ އޮފީހުން ވެސް އެއްވެސް އިންޒާރަކާ ނުލައި 13 މުވައްޒަފުން ޒަޒީފާއިން ވަކިކޮށްފައިވާ މި ދަނޑިވަޅުގައި، ގއ.ކޮލަމާފުށީ ފެނަކައިން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަކިކޮށްފައިވާއިރު، އޭގެ ތެރޭގައި ސިޔާސީ ގޮތުން ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މުވައްޒަފުން ހިނެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކޮށްލުމަށްޓަކައި ވަކި ބަޔަކަށް ޓާގެޓުކޮށްގެން މި ސަރުކާރުން މީހުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމުގެ ތުހުމަތުތައް ގިނަބަޔަކު ސަރުކާރާމެދުގައި ކުރަމުންއަންނައިރު، ކޮލަމާފުށްޓާއި މާރަންދޫގެ އިތުރުން ވެސް އަތޮޅުތެރޭގެ ފެނަކަ ބްރާންޗުގެ އާދައިގެ މަގާމުތަކުގައި ތިބި މުވައްޒަފުން އަންނަނީ ވަކިކުރަމުންނެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ރިޔާސީ ކެމްޕޭނުގައި 2023 ވަނަ އަހަރު ވިދާޅުވެފައިވަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށާ، އެއީ 200 ފަހަރު ވެވަޑައިގަންނަވާ ވައުދެއް ކަމަށެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު، އެ ވައުދާ ހިލާފަށް އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ސަރުކާރުގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުން އަންނައިރު، އެކަމާގުޅޭގޮތުން ރައީސް މުއިއްޒު މިހާރު ވިދާޅުވަނީ، ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން މަދުކުރުމަކީ މިހާރު މަޖުބޫރުވެގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.




