ރައީސް ޔާމީން މިމޭރުމުން ވާހަކަ ދެއްކެވީ ގދ.ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތިނަދޫ ސިޓީގައި ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ގޯސްވެފައިވާ ވާހަކަ މިހާރު ދެއްކުންވެސް، ނޫސްތަކުގައި ލިޔުންވެސް މަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް އެ ވާހަކަ ދައްކާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން އެވާހަކަ ދެއްކުން ހުއްޓުވަން ރައްޔިތުންގެ އަނގަ ބަންދުކުރިޔަސް އެ މައްސަލައެއް ހައްލު ނުވާނެ ކަމަށެވެ.
"ގައުމީ މަސްލަހަތު އިސްކޮށްގެން، މިކަހަލަ ގައުމީ ބޮޑެތި މައްސަލަތަކާ ދޭތެރޭގައި ވާހަކަދެއްކުން ހުއްޓުވާލައިގެން، އަނގަބަންދުކޮށްގެންހެއްޔޭ މިކަންކަން ހައްލުކުރަނީ. އެޔެއް ނޫން ދެއްތޯ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ގޮތް ފިނޭންސް މިނިސްޓަރާއި ގަވަރުނަރު ނުކުމެ ރައްޔިތުންނަށް ކިޔައިދޭނަމަ ރައްޔިތުންނަށް ހަމަޖެހުމެއް އަންނާނެ ކަމަށެވެ.
ނަމަވެސް ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ގޮތް ކިޔައިދިނުމުގެ ބަދަލުގައި ގާނޫނަށް ބަދަލުތައް ގެނެސްގެން މިހާރު މަނާކުރާ ކަންކަމުން މައްސަލަ ހައްލުވުމުގެ ބަދަލުގައި އިތުރަށް ކަންކަން ގޯސްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފިނޭންސް މިނިސްޓަރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ނުކުމެ މިކަން ހައްލުކުރާނެ ގޮތްތަކެއް ކިޔައިދީ. އަޅުގަނޑުމެން އުފާވާނެ. ރައްޔިތުންނަށް ހަމަޖެހުން އަންނާނެ. އެކަމަކު މިކަން ކިޔައިދިނުމުގެ ބަދަލުގައި ގާނޫނުން މިކުރާ ކޮންމެ ކަމެއް މަނާކުރުމަކުން އަދި އެކަމެއް އަޅުގަނޑުމެންނާ ބީވެގެން ދަނީކީ ނޫން. އޭގެއިތުރުން އެބޭފުޅުން އެ ހުއްޓުވަން އުޅޭ ކަމެއް އިތުރަށް އެއަށް އަލިފާން އަރާ ދަރުއަރާ އެންދުން ފިޔަވާ އެއްވެސް ކަމެއް ވެގެން ނުދޭ،" ޔާމީން ވިދާޅުވިއެވެ.
ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
އޭގެ އިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކުރުމާއި އިޝްތިހާރުކުރުމަކީ ވެސް ކުށެކެވެ. މި ކުށުގެ އަދަބަކީ 25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ބޭރު ފައިސާގެ ގާނޫނުގައި މި ގޮތަށް ހިމަނައި، މީޑިއާގެ އަޑު ކަނޑުވާލަން ފަހިވާ ގޮތަށް ގާނޫނު ބަދަލުކުރަނީ ހަބަރުތަކާ ގުޅިހެން ޑޮލަރު އަގު އުފުލޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު ބޭރު ފައިސާއާ ބެހޭ ބިލު ސަރުކާރުން ހުށަހެޅިއިރު، މި ކަހަލަ އެއްވެސް ބަދަލެއް ގެންނާކަށް ނެތެވެ. މި ބަދަލު ބިލުގައި ހިމެނީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުންނެވެ.




