މި އެކްސިޑެންޓުގައި ކާރަށް ވަރަށް ބޮޑަށް ގެއްލުންވެ ކާރުގެ ބޮޑުބައި ފުނޑު ފުނޑުވެފައިވާއިރު، މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި ކަމުގެ މައުލޫމާތި ލިބެއެވެ. އަދި އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 8:42 ހާއިރު ކަމަށާ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރު ގޮސް ސޯލާޕެނަލްތަކުގައި ޖެހި މި އެކްސިޑެންޓްވެފައި ވާއިރު، ކާރުގެ ވަރަށް ބޮޑުބައި ވަނީ ހަލާކުވެ ފުނޑުފުނޑުވެފައެވެ.
އަދި ސޯލާ ޕެނަލްތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ވާތަންވެސް ވީޑިއޯތަކުން ފާހަގަކުރެވެއެވެ. ލަމްބަގިނީ ރިވެލްޓޯގެ މި ކާރުގެ ޑިއުޓީ އާއި ފްރެއިޓްގެ އަގު ހިމަނައިގެން ގާތްގަނޑަކަށް 19 މިލިޔަން ރުފިޔާއަށް ވުރެ މި ކާރުގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.




