އަހުމަދު އައުނުﷲ
ފުވައްމުލަކުގައި ގަދަކަމުން ކާރު އަތުލައިގެން ދުއްވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
30 އޯގަސްޓް 2026 (އާދީއްތަ)   21:05
ފުވައްމުލަކުގައި ކާރެއްގެ ވެރިމީހާ އަށް އަނިޔާކޮށް، އެ މީހާ އަތުން ގަދަކަމުން ކާރު އަތުލައިގެން ދުއްވާފައި ދަނިކޮށް އެކްސިޑެންޓުވި މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ފުވައްމުލަކު މިސްކިތްމަގު، އަންދާޒު، އަހުމަދު އައުނުﷲ އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ އިރުއޮއްސި 6:22 ހާއިރު "ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލުމަށް ފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގަ އާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ" ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކާރުން ޖެއްސި ސައިކަލްގައި އިން އަންހެން މީހާއަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖާއަށް އެކި ވަރުގެ އަނިޔާތައް ވެފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވެސް އެ މީހުންނަށް ފަރުވާދީފައިވާއިރު އެ ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން އުމުރުން 35 އަހަރުގެ އައުނުﷲ ހައްޔަރުކުރިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި އެ އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށް ފަހު، ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.

ކޮމެންޓް