ޢިއްޒުއްދީން ފާލަން ސަރަހައްދުގެ ފަޅު ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަނީ
މާލޭ ފަޅުތެރެއަށް ކުނިއަޅާ މީހުންގެ މައުލޫމާތާއި ފޮޓޯ ހިއްސާކުރުމަށް އެދެފި
ގަވާއިދާ ހިލާފަށް ކުނިއަޅާ ފަރާތްތައް ފާހަގަކޮށް 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވައިދިނުން އެދެން - މާލެ ސިޓީ ކައުންސިލް
ހަސަން އިބްރާހީމް 1 ސެޕްޓެމްބަރ 2026 (އަންގާރަ)   10:04
މާލެ ސިޓީގެ ފަޅުތެރެއަށް އަދި މަގުތަކަށް ވެސް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ އަދި ވީޑިއޯ މާލެ ސިޓީ ކައުންސިލްގެ ހޮޓްލައިން ނަންބަރަށް ފޮނުވައިދިނުމަށް އެ ކައުންސިލުން އެދިއްޖެއެވެ.

މާލޭގެ މަގުމައްޗަށާއި ފަޅުތެރެއަށް ގަވާއިދާ ހިލާފަށް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވައިދިނުން އެދެމުން ސިޓީ ކައުންސިލުން ބުނީ، މިއީ މާލޭގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކުނިއަޅާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އެޅުނު މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

"މާލެ ސިޓީގެ ފަޅުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ކައުންސިލުން މެދުކެނޑުމެއްނެތި ދަނީ މަސައްކަތް ކުރަމުން. މިގޮތުން ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ މަސައްކަތެއް." - މާލެސިޓީ ކައުންސިލް

މާލެ ސިޓީގެ ވެށި ރީތިކޮށް، ސާފުތާހިރުކަންމަތީ ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް މާލެސިޓީ ކައުންސިލުން ބުނީ، މަގުތަކަށާއި ފަޅުތެރެއަށް ކުނި ނޭޅުމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް މީގެ ކުރިން ވެސް އެ ކައުންސިލުން ވާނީ ރައްޔިތުންގެ ކިބައިން އެދިފައި ކަމަށެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކަށާއި ފަޅުތެރެއަށް ކުނިއަޅާ މައްސަލަ އިތުރުވަމުން އަންނަކަން ފާހަގަކޮށް އާންމުންގެ ގިނަބަޔަ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގެ ހުރިހާ ހިސާބެއްގެ މަގުތަކާއި ފަޅުތެރެއިން ވެސް ކުނި ނަގާ އުކާލުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް