
މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ތަސްދީގުކުރެއްވި އާންމު ދަތުރުފަތުރުގެ އާ ގާނޫނާ އެކު، މާލޭގެ މަގުމަތި ބެލެހެއްޓުމުގެ ކަންކަން 2029ގެ ނިޔަލަށް ކައުންސިލުގެ ޒިންމާގެ ދަށުން ވަނީ އުނިކޮށްފަ އެވެ.
އެ މަސައްކަތްތައް މި ގާނޫނުގެ ދަށުން ދެން ހަވާލުވާނީ މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހާ ކަންކަން ރާވައި ހިންގުމަށް ހަދާ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ އެވެ. އެހެންކަމުން، މިހާރު ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބޭ އާމްދަނީ ދެން ވަންނާނީ ގާނޫނުގެ ދަށުން އުފައްދާ ލޭންޑް ޓްރާންްސްޕޯޓް މޮބިލިޓީ ފަންޑަށް ކަމަށްވައިރު، އެ ފަންޑުގެ ބެލެހެއްޓުންތެރި ފަރާތަކީ ޓްރާންސްޕޯޓް މިނިސްޓްރީ އެވެ.
މިއަދު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި، 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމާ ގުޅޭގޮތުން ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ، ކައުންސިލަށް ލިބޭ އާންމު އާމްދަނީގެ ބޮޑު އަދަދެއް ސަރުކާރުން މިހާރު ވަނީ ކަނޑާލާފައި ކަމަށާ، އެކަމުގެ ސަބަބުން ކައުންސިލްގެ ބަޖެޓް ބޮޑުތަނުން ޑެފިސިޓް ވެގެންދާނެ ކަމަށެވެ.
އަދި ޒަމާނުއްސުރެ ކައުންސިލަށް ލިބެމުން އަންނަ އެތައް ބިލްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެމަނިކުފާނު މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލަށް ލިބޭ މަދު އެއްޗަކުން ކަމަށެވެ.
"އެހެންވީމަ ސަރުކާރުގައި މިއެދެނީ ދައްކަން މިހިރަ ބޮޑެތި ބިލްތައް ދެއްކުމަށް ބަޖެޓް އިތުރަށް ހަމަޖައްސައިދިނުމަށް،" - އާޒިމް ވިދާޅުވިއެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ތެރެއިން ކުރިން ސޭވްކޮށްފައި ހުރި ފައިސާގެ އެހީގައި މިދިޔަ މަހު މުވައްޒަފުންނަށް މުސާރަ ދެވުނު ނަމަވެސް، މި ހިނގާ މަހުގެ މުސާރަ ދިނުމަށް ބަޖެޓުގައި ފައިސާ ނެތެވެ. އަދި މި މަހު ވެސް ސަރުކާރުން ގްރާންޓުން 13 މިލިޔަން ރުފިޔާ ކަނޑާލާފައިވާކަން ވެސް މޭޔަރ ފާހަގަ ކުރެއްވިއެވެ.
ސަރުކާރުގެ މި ނިންމުންތަކުގެ ސަބަބުން ކައުންސިލްގެ ހިންގުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށާ، އެގޮތުން މިސްކިތްތައް ބެލެހެއްޓުމާއި، މަގުތައް މަރާމާތުކުރުމާއި، އަދި ފްލެޓްތައް މަރާމާތު ކުރުން ފަދަ މުހިންމު ކަންކަމަށް ބެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.
ނަމަވެސް، ސަރުކާރުން ކުރިމަތި މި ކުރުވާ ދަތިތަކާއެކުވެސް ވީހާ ހަރަދު ކުޑަކޮށް މާލެ ސިޓީ ކައުންސިލް ހިންގޭތޯ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.




