
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފަށް އެޑްރެސް ކުރައްވައި ތިނަދޫ ސިޓީ ކައުންސިލް މޭޔާރު ސައުދު އަލީ ސޮއިކުރައްވާފައިވާ ސިޓީގައި ވަނީ، ތިނަދޫ ސިޓީގެ ދެކުނު ފަރާތުގައި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ 50ހައުސިންގ ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދާއިރު ކޮންކްރީޓް ކުރުމުގައި ކައުންސިލްގެ ހުއްދަނެތި ގަސްތުގައި އެ ސަރަޙައްދުގައިއޮތް 6923 ސްކެއަރ ފޫޓޫގެ ކުޅިއަށް ޑީ ވޯޓަރިންގ ކުރުމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަމަށެވެ.
"ތިމާވެއްޓާއި ރައްޓެހިމާހައުލުތައް ހިމާޔަތްކޮށް ބޭއްވުމަށް ޒުވާނުން ގިނަ މަސައްކަތްކުރަމުންދާއިރު ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެފަރާތުން ކުޅި ތެރެއަށް ކެމިކަލް ހުރި ފެންތަކާއި ސިމެތި އެކުލެވިފައިވާ ފެންތައް އެޅުމުގެ ސަބަބުން އެކަން ޒުވާޒުންވަނީ މިއިދާރާގެ ސަމާލުކަމަށް ގެނެސްފައެވެ. މި ފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއްނޫނެވެ. އަދި ތިމާވެށި ހަލާކުކުރުމަށް މަސައްކަތްކުރާ މިފަދަ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހެއެވެ." ކައުންސިލްގެ ސިޓީގައި ވެއެވެ.
އެހެންވެ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެ އަމަލު ހިންގި ސްވިފްޓް އިންޖީނިއަރިން ކުންފުނި ޖޫރިމަނާކޮށް، ފިޔަވަޅު އަޅައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ސްވިފްޓް އިންޖީނިއަރިން އަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ ފޭސްބުކްޕޭޖް ގައިވެސް ވަނީ މަސައްކަތު ސައިޓުން ކުޅިއަށް ހޮޅި ގުޅާފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ.




