ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ.-- ފޮޓޯ: އެމްޑީޕީ
ސައުދުގެ ޝަރީއަތް ފަށައި ވަކީލަކު އައްޔަނުކުރަން 10 ދުވަސް ދީފި
ހިޝާމް ހާރޫން 5 އޮކްޓޯބަރ 2026 (ހޯމަ)   16:08
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ސައުދުއާ ހަވާލުކޮށް، ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް 10 ދުވަހުގެ މުއްދަތު އޭނާއަށް ދިނެވެ.

މައްސަލައިގެ އަޑުއެހުމަށްފަހު މީޑިއާއަށް ދެއްވި މައުލޫމާތުގައި ސައުދު ވިދާޅުވީ، އެއީ ބަޔަކު ހަސަދަވެރިވެގެން ހުށަހެޅި މައްސަލައެއް ކަމަށާއި، އެއީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުން ނުވާ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަންކަން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސައުދުގެ މައްޗަށް އުފުލާފައި ވަނީ ދެ ދައުވާ އެކެވެ. އެއީ:

  • ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރާއި ތިންވަނަ ނަންބަރުގެ 2 އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ އެއްވަނަ ނަންބަރުގެ 1 ގެ ދަށުން
  • ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން


ސައުދުގެ މައްޗަށް އެ ދެ ދައުވާ ސާބިތުވެއްޖެ ނަމަ، ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ސައުދުގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވެފައިވާކަން ދެއްކުމަށްޓަކައި ސެޕްޓެމްބަރު 4، 2022 ގައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ސިޓީއަކާ އެކު ދޮގު ލިސްޓެއް ސައުދު ފޮނުވި ކަމަށެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން، އެ ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގައި އެދުމުން، 2023 އޯގަސްޓު 13، ގައި ސައުދު ސޮއިކޮށް ސިޓީއަކާއެކު އެލްޖީއޭއަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ތިނަދޫގެ އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ތިނަދޫގެ އާބާދީ ސައުދު އޮޅުވައިލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި، އެ ރަށުގެ އާބާދީއާ ގުޅޭގޮތުން އިދާރާތަކަށް ފޮނުވި ލިސްޓު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދުމުން، އެ ލިސްޓު ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި، އެ މައުލޫމާތު ރިކޯޑު ކުރެވިފައި ނެތްކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދާފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ތިނަދޫ، ސިޓީއަކަށް ބަދަލުކުރީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ، ތިނަދޫ ސިޓީގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި މީގެ ކުރިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދި، ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ވެސް ހުށަހެޅިއެވެ.

އެ މައްސަލަތައް ވަކިކޮޅެއްގައި ނުޖެހި އޮއްވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން، މިދިޔަ އަހަރު ސައުދު ސަސްޕެންޑު ވެސް ކުރި އެވެ. އޭރު ވެސް ސައުދު ވިދާޅުވެފައި ވަނީ، އޭނާ ސަސްޕެންޑުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

އެންމެ ފަހުން އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓްގެ މައްޗަށް ކުރި ހޯއްދަވައި، ސައުދު މިހާރު ފުރުއްވަމުން އެ ގެންދަވަނީ ތިނަދޫ ސިޓީ މޭޔަރުކަމުގެ ދެވަނަ ދައުރެވެ.

ކޮމެންޓް