
އޭސީސީން މިއަދު ބުނީ ސައުދަށް ދައުވާކުރަން ޕީޖީއަށް ފޮނުވަން ނިންމީ، ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެ ކަމަށް، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވީ ނަމަވެސް ބީލަމަށް ހުޅުވާނުލައި ގަވާއިދާ ހިލާފަށް ކުންފުންޏަކަށް ބިމެއް ދޫކުރަން ނިންމައި އެ އެއްބަސްވުމުގައި ސޮއިކޮށް، އޭގެ އިތުރުން ވެސް އިތުރު ތިން ބިމެއް އެ ކުންފުންޏަށް ދޫކޮށްފައިވާތީއެވެ.
ސައުދުގެ އިތުރުން ތިނަދޫ ސިޓީގެ ކުރީގެ ތިން ކައުންސިލަރެއްގެ މައްޗަށް ވެސް ދައުވާކުރަން ފޮނުވުމަށް ވަނީ ނިންމާފައެވެ. އެ ތިން ކައުންސިލަރުންނަކީ އެ ބިންތައް ދިނުމުގެ ނިންމުމަށް ރުހުން ދިންކަމަށް ބުނާ، ތިން ކައުންސިލަރުންނެވެ.
ތިނަދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން، އޭރު ކައުންސިލަރުންގެ ގޮތުގައި ތިބި އާމިނަތު ނަސީމާ އާއި، އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް ނިންމާފައި ވަނީ އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކަމަށް އޭސީސީން ބުނާއިރު، އެ މައްސަލައިގައި މިހާރުގެ މޭޔަރު، އޭރު ކައުންސިލުގެ ރައީސް ސައުދުގެ މައްޗަށް ދައުވާ ކުރަނީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު، އެ ކުންފުންޏަށް ބިން ދޫކުރަން ސޮއިކުރިއިރު، ކުރިން ދޭން ނިންމި ބިމުގެ އިތުރުން 2000 އަކަފޫޓުގެ ތިން ބިން އެ ކުންފުންޏަށް ގަވައިދާ ހިލާފަށް ދޫކުރުމުން ކަމަށް ވެސް އޭސީސީން ބުނެއެވެ.
އޭސީސީން، މި ހަތަރު މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކުރަން، މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ، މި މަހުގެ 10 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
ސައުދުގެ މައްޗަށް މިހާރުވެސް ވަނީ ދެ ދައުވާއެއް ހުށަހަޅައިފައެވެ. އެއީ ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
އެ ދެ ދައުވާއަކީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.




