އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު - ފޮޓޯ: އެކްސް
ސިޔާސީ ދައުވާތައް ކޮށްގެން ސައުދު ފަހަތަށް ޖެއްސޭނެކަމަށް ހީވާނަމަ އެއީ ކުށްހީއެއް
ލާމަޒުރަކީ ނިޒާމުން ރައްޔިތުންނަން ދީފެއި ހުއްޓީ ބާރެތަން މި ސަރުކާރަން ނިގުޅައި ނުގެނިޔެންނެއި - ޝާހިދު
ހިޝާމް ހާރޫން 4 ސެޕްޓެމްބަރ 2026 (ހުކުރު)   19:20
ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީގެ މައްޗަށް މި ސަރުކާރުން އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށާ އެގޮތަށް ސިޔާސީ ދައުވާތަކެއް ކޮށްގެން ސައުދު ފަހަތަށް ޖެއްސޭނެކަމަށް މިސަރުކާރަށް ހީވާނަމަ އެއީ ކުށްހީއެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ޕްރައމަރީއަށް ނުކުންނަވާ ހުންނެވި ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ހުވަދޫ ބަހުރުވައިން ލިޔުއްވާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސައުދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކަނޑައެޅިގެން ސިޔާސީ ދައުވާއެއް ކަމަށާ، ޒާތީ ޙަސަދަ އެކުލެވިފައިވާ މިފަދަ ދައުވާއަކުން މޭޔަރު ސައުދު ތިނަދޫގެ ތަރައްގީއާ ކުރިއެރުވުމަށް، ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތައް ހުއްޓުވައެއް ނުލެވޭނެ ކަމަށެވެ.

"ތެނަދޫއަން ތަރައްގީ ގެނަހަ ދެންނަން ސައުދު ކެރަމުން އެޔަނެ މަސައްކަދެ މި ސަރުކާރަން ނުހުއްޓުވެންނެއި. ލާމަޒުރަކީ ނިޒާމުން ރައްޔިތުންނަން ދީފެއި ހުއްޓީ ބާރެތަން މި ސަރުކާރަން ނިގުޅައި ނުގެނިޔެންނެއި." – ޝާހިދު

އަދި މި ސަރުކާރުން ދައްކާހާ ބިރަކަށާއި، ނާޖާއިޒް ސިޔާސީ ނުފޫޒަށް ޖެހިލުން ނުވެ، ފަހަތަށް ނުޖެހި ހިތްވަރާއިއެކު ކުރިޔަން ވަޑައިގެންނެވުމަށް ސައުދުއަށް ގޮވާލައްވަމުން ޝާހިދު މި ސަރުކާރަށް ގޮވާލައްވާފައި ވަނީ، ސައުދުއަށް ސިޔާސީ ދައުވާ ކުރުން ވަގުތުން ހުއްޓާލުމަށެވެ.

"ސައުދުއަން މަ ގޮވައިލަންނަން ބޭނުން ވެންނޫ، މި ސަރުކާރުން ދައްކަނެ ބިރާއި ނާޖާއިޒް ސިޔާސީ ނުފޫޒަން ޖެހިލުން ނުވެ، ފަހަތަން ނުޖެހީ ހިތްވަރާއިއެކު ކުރިޔަން އެޔަންނަން. އިރާދަ ކެރެއްވީފަހޭ ކާމިޔާބު ވެންނެއި. ސިޔާސީ ދަޢުވާ ކޮޅައުމާ ވަގުތުން ހުއްޓައިލަންނަން ސަރުކާރަން ގޮވައިލަން!" - ޝާހިދު

ތިނަދޫ ސިޓީއެއްގެ ގޮތުގައި ހަމަޖެއްސެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ކަމަށްވާއިރު، އޭރު ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް އެރަށުގެ އާބާދީ އޮޅުވާލައިގެންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ އެ މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީއަށްވެސް ހުށަހަޅުއްވައިފައެވެ.

ތިނަދޫގެ އާބާދީ އޮޅުވާލިކަމަށް ބުނާ މައްސަލައާގުޅިގެން ސައުދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައި ވެއެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހުއެވެ.

އެ ދެ ދައުވާގެ ތެރެއިން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދު އަލީއަށް ކުރަނީ އެ ސިޓީގެ އާބާދީ 10,000 ފުރިހަމަވާ ރަށެއް ގޮތުގައި ދެއްކުމުގެ ގޮތުން، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ސިޓީއާ އެކު ލޯކަލް ގަވާމަންޓު އޮތޯރިޓީއާ ހިއްސާ ކުރި އާބާދީ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާކަމަށް ބުނެއެވެ.

އަދި އެ ލިސްޓްގައި ހިމެނޭ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާ ކުރުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން އެދުމުން، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ސިޓީއާއެކު ލޯކަލް ގަވާމަންޓު އޮތޯރިޓީއާ ހިއްސާކުރި އާބާދީ ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ގދ. ތިނަދޫގެ އާބާދީއަކީ 10,150 މީހުން ކަމަށް ބުނެ، ސައްހަ ނޫން ލިސްޓެއް ލޯކަލް ގަވާމެންޓް އޮތޯރިޓީއާ ހިއްސާކޮށްފައިވާތީ ކަމަށް ވެސް އެ ދައުވާގައި ބުނެއެވެ.

މި މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބެލެވޭއިރު، ދެވަނަ ދައުވާއަކަށް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް ކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގުގައި، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ކައުންސިލުން ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އާބާދީ ލިސްޓުތައް ހިއްސާ ކުރުމަށް ފުލުހުން އެ ކައުންސިލްގައި އެދުމުން، އެ ލިސްޓުތައް ފޯރުކޮށްނުދީ، ސައުދު ސޮއިކުރައްވައި ފޮނުއްވި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ފެކްސް މެސެޖުން، ގދ. ތިނަދޫ ކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހަށް ދޮގު މައުލޫމާތު ދީފައިވާކަމަށް ބުނެއެވެ.

އަދި އެ މައްސަލަ ސާބިތުވެއްޖެނަމަ އޭނާއަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ސައުދުއަށް އަންނާނެކަމަށް ބެލެވެއެވެ.

ކޮމެންޓް