ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު.-- ފޮޓޯ: ހުސައިން ޝާފިއު
މިވަރުގެ ކޮސް ސަރުކާރެއް އަދި ވެރިކަންނުކުރޭ: އަމީރު
ނިޒާމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ފުނޑާލަމުންދާތަން ފެނިގެން މިދަނީ: އަމީރު
ހިޝާމް ހާރޫން 3 ސެޕްޓެމްބަރ 2026 (ބުރާސްފަތި)   08:49
ރާއްޖޭގެ ތާރީހަށް ބެލިޔަސް މިވަރުގެ ކޮސް، ތަންދޮރުނުދަންނަ، ނާގާބިލު ސަރުކާރެއް އަދި ވެރިކަންނުކުރާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ދުވަސްވަރު ރާއްޖޭގެ ރައްޔިތުން ފަގީރު ނުވާ ވަރަށް މިހާރު ރާއްޖޭގެ ރައްޔިތުން ފަގީރުވެފައިވާކަން، ރަނގަޅަށް ވިސްނާލައިފިނަމަ އެނގޭނެ ކަމަށެވެ.

އެގޮތުން މީގެ ކުރީން 10،000 ރުފިޔާއަށް ގަނެވޭ ތަކެތީގެ ދެބައިކޮށްފައި އެއްބައި ވެސް މިހާރު 10،000 ރުފިޔާއަށް ގަންނަން ނުލިބޭނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރު އެތަކެތި ގަންނަނަމަ 20،000 ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަމީރު ވަނީ ރައްޔިތުންގެ މުސާރަ ބޮޑުނުވާ ކަމަށާއި ކުންފުނިތައް ބަނގުރޫޓުވަމުންދާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މީގެ ކުރީން ރައްޔިތުން ފަގީރުނުވާ މިންވަރަށް މިހާރު ފަގީރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ކުޑަކޮށް ދިރާސާ ކޮށްލީމާ މި އެނގެނީ. ކޮންމެ ރައްޔިތަކު 2023 އާއި އަޅާބަލާއިރު، ރާއްޖޭގެ ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 ޕަސެންޓާ 40 ޕަސެންޓާ ދެމެދު މިވަނީ ފަގީރުވެފައި. މިއީ ކުޑަ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ، ވިޔަފާރިތައް އެއްކޮށް ބަނގުރޫޓުވެއްޖެ." އަމީރު ވިދާޅުވިއެވެ.

އަމީރުގެ ވާހަކައިގާ ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ކައުންސިލްތަކަށް ސަރުކާރުން ކުރަމުންދާ ދުއްތުރާ ތަކުގެ މައްޗަށްވެސް އަލިއަޅުވައިލެއްވި އެވެ.

"ނިޒާމެއްގެ ތެރެއިން ލާމަރުކަޒީ ނިޒާމު ސަރުކާރުން ފުނޑާލަމުންދާތަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ. ފުރަތަމަ ކަމަކަށް އަތޮޅު ކައުންސިލްތައް މި ސަރުކާރުން އުވާލާ ސީދާ ކަތީބުންގެ ޒަމާން މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާތަން މި ފެނިގެންދަނީ." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ދައްކަން ބޭނުންވަނީ ކައުންސިލްތަކުން ހަރަދު ބޮޑުވާ ކަމާއި ކައުންސިލްތައް ފެއިލްވާތަން ކަމަށާ، އެހެންނަމަވެސް ރަނގަޅު ދިރާސާއެއް ކޮށްފިނަމަ، މި ސަރުކާރުން ހިންގާ ކޮރަޕްޝަންތަކާއި، މި ސަރުކާރުން ހިންގާ ވައްކަންތަކާއި، މި ސަރުކާރުން ކުރާ އިސްރާފުތައް މާބޮޑު ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށްވެސް ސަރުކާރުން މިހާރު ކައުންސިލްތަކަށް ދުއްތުރާ ކުރަން ފަށައިފި ކަމަށް ވިދާޅުވެ، ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާ ކުރާކަންވެސް އަމީރު ފާހަގަ ކުރެއްވިއެވެ. އަދި އެކަމާ ދެކޮޅަށް ހުރިހާ ކައުންސިލްތަކުން ތެދުވަންޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

"ކައުންސިލުތަކުން ތެދުވާން އެބަޖެހޭ. އެހެން ނޫނިއްޔާ ހުރިހާ ކައުންސިލްތަކުގެ ހުރިހާ ރައީސުންނަށް، ހުރިހާ ނައިބު ރައީސުންނަށް، ހުރިހާ މެންބަރުންނަށް މި ދުއްތުރާތައް ސަރުކާރުން ކުރިމަތިކުރާނެ." އަމީރު ވިދާޅުވިއެވެ.

ކޮމެންޓް