މި މުނާފިގުކަން އެއީ ބަލައިގަނެވޭނެ ކަމެއްނޫން: ނަޝީދު
ހިޝާމް ހާރޫން 15 އޮކްޓޯބަރ 2026 (ބުރާސްފަތި)   08:56
ގައުމިއްޔަތު ދިފާއު ކުރައްވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ގައުމު ވިއްކާލައްވަނީ ކަމަށާއި، އެމަނިކުފާނުގެ މުނާފިގުކަން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކުރާނެ ކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ ކަމަށާއި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށެވެ.

އަދި އީގަލް ހިލްސް ވާހަކައަށް ގަބޫލުކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެކަމަކު މުއިއްޒު ގެންގުޅުއްވާ މުނާފިގު ސިޔާސަތު ބަލައިނުގަނެވޭ ކަމަށެވެ.

"މި މުނާފިގުކަން އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން، ކުރާނެކަމެއް ކުރަންޏާ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ، ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައްޔިތުންގެ ގާތުގައި ތިމަންނާ ވެރިކަމަށް މި އަންނަނީ ދިދަޔަށް ބޮސްދޭށޭ، ގައުމިއްޔަތަށޭ، ކާންދޭނީ ވެސް ގައުމިއްޔަތޭ ދެން އެހެން ކިޔާފައި ވަޑައިގެނެއް ގައުމު ވިއްކައެއް ނުލެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ކަމެއް ކުރާއިރު، އެކަމެއް ކުރަނީ ދިވެހިރައްޔިތުންނަށް ވަރަށް ސާފުކޮށް އެކަމެއް ކިޔައިދީފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، ރަސްމާލެ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަމެއް ކުރާއިރުގައި، މި ޕާޓީން ކަމެއް ކުރާއިރުގައި އެކަމެއް މި ކުރަނީ. ވަރަށް ސާފުކޮށް ރައްޔިތުންނަށް ކިޔައިދީފަ. މިއަދު މި ކުރަމުން ގެންދާ ކަންތަކުގައި އެއްގޮތަކަށް ވެސް ދެފުށް ފެންނަ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނެތް، ކޮންޓްރެކްޓަކީ ކޮބައިކަމެއް، ވެގެން މިދަނީ ކިހިނެއްކަމެއް ރައްޔިތުންގެ މަޖިލީހަކަށް ވެސް އެނގޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.

އެ ކަންކަމުން ސާފުވަނީ މި ވެރިކަމުގެ މުނާފިގުކަން ކަމަށް ނަޝީދު ވިދާޅުވި އެވެ. ވެރިކަމުގެ ހުވާކުރެއްވި ދުވަހު މުއިއްޒު ގައުމީ ދިދަޔާ މުހާތަބުކުރައްވައި ދެއްކެވި ވާހަކައަށް ރޭގެ ޖަލްސާގައި ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ކޮމެންޓް