
އެމްޑީޕީގެ އިކޮނޮމިކް ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ޑޮލަރުން ލިބޭ އާމްދަނީ އިންތިހާއަށް އިތުރުވެއްޖެ ކަމަށެވެ. ޑޮލަރުން ދައްކަން ޖެހޭ ދަރަނި ދެއްކުމަށްފަހު ސަރުކާރުން ކުރާ ކަމަކީ ބާކީ ޑޮލަރު އިސްރާފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ޑޮލަރުގެ ކަޅުބާޒާރުގައި ރޭޓު ކޮންޓްރޯލުނުވެ މައްޗަށް ދަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވެގެން ކަމަށެވެ. ސަރުކާރުން ހަރަދު ކުޑަކުރުމުގެ ބަދަލުގައި ފެންނަނީ ކުރަން ނުޖެހޭ ބޭކާރު ހަރަދުކުރާތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި:
އަމީރު ވިދާޅުވީ ޑޮލަރުގެ ސިޔާސަތުތަކަށް ސަރުކާރުން ގެންނަ ބަދަލުތަކަކީ ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ކުރާ އިންވެސްޓުމެންޓުތައް ގެއްލި މާކެޓުގެ ވާދަވެރިކަން ރާއްޖެއަށް ގެއްލޭނެ ބަދަލުތަކެއް ކަމަށެވެ.
"މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިތުރަށް ގޯސް ވަމުންދާކަން އެބަ އެނގޭ. ފުރަތަމަ ކަމަކަށް، ރައްޔިތުންނާ ހަމައަށް ދިޔުމުގެ ކުރީގައި، ވިޔަފާރިތަކާ ހަމައަށް ދިޔުމުގެ ކުރީގައި ސަރުކާރު އެބަ ޖެހޭ ޒިންމާދާރުވާން،" އޭނާ ވިދާޅުވި އެވެ.
އަމީރު ވަނީ ބޭރު ފައިސާގެ ސިޔާސަތުތަކަށް އިތުރު ބަދަލުތައް ގެނައުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގޮވާލައްވައިފަ އެވެ.
"މިއީ ސަރުކާރުގެ އަމަލުތަކުން އަމިއްލައަށް އުފައްދައިގެން އުޅޭ ހާލަތެއް،" އޭނާ ވިދާޅުވިއެވެ.
ރުފިޔާގެ ސަޕްލައިގެ މައްސަލައިގައި އަމީރު ވިދާޅުވީ، މި ހިސާބަަށް ކަންކަން ދިޔައީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެމްއެމްއޭގެ ގަވަރުނަރު ކަންކަން ކުރަމުން ގެންދާތީ ކަމަށެވެ. މީގެ ހެއްކަކީ، އަމީރު ވިދާޅުވި، ކޮންޓްރެކްޓަޝަނަރީ މަނިޓަރީ ޕޮލިސީއެއް ހިންގަން ޖެހޭ ކަމަށް ބުނުމަށް ފަހު އޭ ދިމާ އިދިކޮޅަށް މަނިޓަރީ ސިޔާސަތުތައް ހިންގަމުން ދިޔުމެވެ.
މި ސަރުކާރުން ފައިސާ ޗާޕުކުރި ކަމަށް އަމީރާއި އެމްޑީޕީން ތުހުމަތުކުރަނީ އެމްއެމްއޭއިން ބޭންކުތަކާއި ޕެންޝަން އޮފީސް މެދުވެރިކޮށް، ސަރުކާރުގެ ސެކިއުރިޓީސްތަކަށް އިންވެސްޓުކުރުވާފައި ވާތީ އެވެ. އަމީރު ވިދާޅުވީ މި ގޮތަށް ބޭންކުތައް މެދުވެރިކޮށް، 3.7 ބިލިއަން ރުފިޔާ އަދި ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ހިމަނައިގެން 6.1 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ.
"ސަރުކާރުން ބޭރުން ފައިސާ ހޯދާނެ ކަމަށް ބަޖެޓުގައި ހިމަނާފައި ވިޔަސް، އެ ފައިސާ ނުހޯދި، ސަރުކާރުން އެތެރޭގެ މާކެޓުން ފައިސާ ޗާޕުކޮށްގެން ކުރިއަށްދާތަން،" އޭނާ ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމުގެ ވާހަކައިގެ ތެރެއިން އަމީރު ވަނީ، އެމްޑީޕީ ސަރުކާރުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރިއިރުގެ ހާލަތާއި، މިހާރާ އަޅައިނުކިޔޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން ބުނާ ގޮތުގައި ޑޮލަރުގެ ރޭޓު މިހާ ބޮޑަށް އުފުލުނު މައްސަލައިގައި މުލުގައި އޮތީ އެމްޑީޕީ ސަރުކާރުގައި ޗާޕުކުރި ފައިސާތަކެވެ.
އެހެން ނަމަވެސް، އަމީރު ވިދާޅުވީ އޭރުގެ ހާލަތާއި މިހާރުގެ ހާލަތާ އަޅާނުކިޔޭނެ ކަމަށެވެ. އަދި، އޭރު ޗާޕުކުރި ފައިސާތަކުގެ ވާހަކަ ދެއްކުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑޮލަރުގެ ރޭޓު މަތިވާ އަސްލު ސަބަބަކީ، އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތާކުންތާކު ނުޖެހޭ، ދޯހަޅި ސިޔާސަތުތައް ފެއިލުވުން ކަމަށެވެ.
އެ ގޮތުން މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ހުދުމުހުތާރު ގައުމުތަކުން ފެންނަ ސިޔާސަތުތައް ކަމަށް ސިފަކުރައްވަމުން އަމީރު ވިދާޅުވީ، މިއީ ފެއިލްވެފައިވާ އިގުތިސޯދުތަކުގައި އަޅާ ކަހަލަ ފިޔަވަޅުތަކެއް ކަމަށެވެ. އަދި، މި ކަހަލަ ފިޔަވަޅެއް އަޅައިގެން މާލީ ދަތިކަމުން އަރައިގަނެވުނު އެއްވެސް ގައުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، މި ސަރުކާރުން ދަނީ އަޅަން ޖެހޭ ފިޔަވަޅުތައް ނޫން އެހެން ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. މި ކަމުގައި ސަރުކާރުން ނުކުރާ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގެންނަން ޖެހޭ ރިފޯމްތައް ނުގެނެވުމެވެ.




