ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް: އެމްޑީޕީ ހަރުގެ ޖަލްސާގައި.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީ އަނެއްކާވެސް މި ނުކުންނަނީ ގެއްލުނު ތަން ހޯދަން: ފައިސަލް
ފިޔެސް 15 އޮކްޓޯބަރ 2026 (ބުރާސްފަތި)   06:39
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދިވެހި ރައްޔިތުންގެ އަތުން އަތުލާފައިވާ ހުރިހާ ހައްގުތަކެއް، 2028 ގައި ފެށޭ އެމްޑީޕީގެ ވެރިކަމެއްގައި އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށް، އެމްޑީޕީގެ ރިއާސީ ޕްރައިމަރީއަށް ވާދަ ކުރައްވާ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބުނު އެތައް ހައްގުތަކަކާއި އެތައް ޚިދުމަތްތަކެއް، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިގުޅައިގެންފަ އެވެ. އަދި އެ ހައްގުތަކާއި ޚިދުމަތްތަކަކީ އެމްޑީޕީގެ މެންބަރުން އިސްލާހަށްޓަކައި ކުރި ވަރަށް ބުރަ މަސައްކަތަކުން ލިބުނު ހައްގުތަކަކާއި ޚިދުމަތްތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިއަދު އެމްޑީޕީގެ މެންބަރުންނަށް، ދިވެހި ގައުމަށް ހެޔޮ އެދޭ ލޮބުވެތި ރައްޔިތުންނަށް، އިސްލާޙަށް ލޯބިކުރާ މީހުންނަށް، ވަރަށް ބުރަ މަސައްކަތުންނޭ މި ހިސާބަށް އާދެވުނީ. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އެމްޑީޕީ އަނެއްކާވެސް މި ނުކުންނަނީ ގެއްލުނު ތަން ހޯދަން. އަތުލައިގެން ހުރިހާ ބާރުތަކެއް ހޯދަން. ނެތިގެން ދިޔަ ހުރިހާ ހައްގެއް ހޯދަން."

ފައިސަލް ވިދާޅުވި ގޮތުގައި މާތްﷲގެ އިރާދަފުޅާއެކު އެމްޑީޕީން 2028 ވަނަ އަހަރު ނިންމާލާނީ އެމްޑީޕީގެ ސަރުކާރެއް ރާއްޖޭގައި ގާއިމުކޮށް، މިސަރުކާރުން ނިގުޅައިގެންފައިވާ ހުރިހާ ބާރުތަކާއި ހުރިހާ ހައްގުތަކެއް އަނބުރާ ރައްޔިތުންނަށް ހޯދައިދީފަ އެވެ. ފައިސަލް ވިދާޅުވީ ރައްޔިތުންނަށް މަޖުބޫރު ކޮށްގެން ސިޔާސީ މަގުސަދު ހާސިލުކުރަން އުޅުނަސް، އެ މަގުސަދު މިހާރު ހާސިލު ނުވާނެ ކަމަށާއި ދިވެހި ރައްޔިތުންނަކީ މިހާރު ސިޔާސީ ގޮތުން އެއަށް ވުރެ ހޭލުންތެރި ބައެއް ކަމަށެވެ.

ވަޒީފާގެ ބިރު ދައްކައިގެން، ވެރިކަން ކުރާ ޕާޓީއަށް ވަންނަން މަޖުބޫރު ކުރުމަކީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ދިވެހިރާއްޖެ އިސްލާހަށް މަސައްކަތްކުރި އެމްޑީޕީގެ މެންބަރުންނަކީ އެޒާތުގެ އަނިޔާތައް ލިބި ލިބި އެއަށް ހޭނިފައި ތިބި ބައެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

"ތި ބޭފުޅުން މިކަމާ ވިސްނާވަޑައިގަންނަވާތި. އެގޮތަށް ކުރާ އެއްވެސް ކަމަކަށް ތަބާނުވާތި. ގާނޫނުއަސާސީއަށް ސީދާ ކަނޑައެޅިގެން ޚިލާފުވުން. އަޅުގަނޑުމެންގެ ސަރުކާރެއް އަންނަ އިރު އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމެއް އަޅުގަނޑުމެން ބަލާނަން. މިގޮތަށް ގެއްލުވައިލި ހުރިހާ ވަޒީފާތަކެއް އަޅުގަނޑުމެން ހޯދަދޭނަން. އެ ގެއްލުނު ހައްގުތައް އަނބުރާ ހޯދައިދޭނަން،" ފައިސަލް ވިދާޅުވި އެވެ.

your imageއެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ 


މިއަދު އެހެން ކޮށްލާ އަނިޔާއަކުން، ދުއްތުރާއަކުން، އެމްޑީޕީގެ މެންބަރުން ނުސިހޭނެ. އެއަށް ވުރެ މާ ވަރުގަދަވާނެ. އެނގިވަޑައިގަންނަވާތޯ، ވަޅު ކައްޓަފުޅި، ދާންޏަކަށް ނުސިހޭނެ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން އޮތީ ތިކަންތައް ހުއްޓާލައްވާށޭ. އެ މީހަކު ބޭނުންވާ ޕާޓީއެއްގަ އެމީހަކު ހުންނާނީ. އެ މީހަކު ބޭނުންވާ ފިކުރެއްގަ އެމީހަކު ހުންނާނީ. އެ މީހަކު ބޭނުންވާ މީހަކަށް އެ މީހަކު ވޯޓުވެސް ލާނީ. އެއީ އަޅުގަނޑުމެން 2004 ން ފެށިގެން 2008 އާ ދޭތެރޭގައި ކުރި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން މިތިބީ އެކުގައި. އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ބަދަލު، ރައްޔިތުންނަށް ހެޔޮ ބަދަލު، ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އެކުގައި ކޮށް ނިންމާލާނީ. - ފައިސަލް ނަސީމް


ފައިސަލް ވިދާޅުވީ އެމްޑީޕީ ވެރިކަމާ ހަވާލުވި ކޮންމެ ފަހަރަކު، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހައްގުތަކާއި ބާރުތައް ރައްޔިތުންނަށް ހޯދަދިން ކަމަށެވެ. އެ ގޮތުން 2008 ގައި އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގަޔާއި 2018 ގައި އުފެދުނު ދެ ވަނަ ވެރިކަމުގައި ވެސް، ބޯހިޔާވަހިކަމާއި ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައިކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

އެ ގޮތުން ކިޔަވާ ކުދިންނަށް ބޭނުންވާ ފޮތް ފަންސުރު ފަދަ ހުރިހާ ސާމާނެއް، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭން ފަށައި، ވަށައި ޖެހޭ ތަޢުލީމާއި އެއްދަންފަޅީގެ ތަޢުލީމީ ނިޒާމެއް ތައާރަފު ކުރި ކަން ފާހަގަ ކުރެއްވި އެވެ. އަދި ދެ ވަނަ ވެރިކަމުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ފެށިކަން ފާހަގަ ކުރެއްވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ވެރިކަމުގެ މިސްރާބު ގެއްލިފައިވުމުން، ދައުލަތުގެ ފައިސާ އިސްރާފު ކުރަމުން ދަނީ ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރުމުގައެވެ. 

ކޮމެންޓް