ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)، ނޫސްކޮންފަރެންސް ކެންސަލް ކުރެއްވުމަށްފަހު، ނޫސްވެރިންނާއެކު ސައިމޭޒު ދޮށުގައި.-- ފޮޓޯ: ދައުރު
އަދަދު ނޫހުން ބައިވެރިވުމުން ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސް ސައިމޭޒަށް
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް، 205 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ބުނެފި
5 ސެޕްޓެމްބަރ 2026 (ހޮނިހިރު)   22:00
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)، މިއަދު ބާއްވަން އިންތިޒާމުކުރި ނޫސްކޮންފަރެންސްގައި އަދަދު ނޫހުން ބައިވެރިވުމުން އެ ބައްދަލުވުން ނުފަށައި، ނުރަސްމީ ބައްދަލުވުމެއްގެ ގޮތުގައި ސައިމޭޒު ދޮށުގައި ކުރިއަށް ގެންގޮސްފިއެވެ.

"ޕްރެސާ ވިތް ދަ ސްޕޮކްސް" ގެ ނަމުގައި ޓީވީއެމް ސްޓޫޑިއޯގައި ބާއްވަން އިންތިޒާމުކުރި އެ ނޫސްކޮންފަރެންސް ފެށުމަށް ހަމަޖައްސާފައި އޮތީ ހަވީރު 4:00 ގައެވެ. އެ ނޫސްކޮންފަރެންސަށް އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ހާޒިރުވުމުން، އޭނާ އެތަނުން ނުކުތުމަށް އެންގިއެވެ. އެހެންނަމަވެސް ލީވާން ބުނަމުންދިޔައީ އޭނާ އެ ބައްދަލުވުމުގައި ބައިވެރިވީ އެހެން ނޫސްވެރިންނެކޭވެސް އެއްފަދައިން ކުރިއާލައި ނަންފޮނުވައިގެން ކަމަށާއި އޭނާ އެތަނަށް ވަނީ ގަދަކަމުން ނޫންކަމަށެވެ. އަދި އޭނާ އެތަނުން "ދާންޖެހޭ ސަބަބެއް ނެތް" ކަމަށް ބުނެ އެތަނުގައި މަޑުކުރިއެވެ.

އެހެންނަމަވެސް ތަރުޖަމާނު މުންދު، އެ ބައްދަލުވުން ކުރިއަށް ގެންދަވަން އިއުތިރާޒު ކުރެއްވިއެވެ. އަދި ގަޑިއެއްހާއިރު ފަހުން މުންދު މީޑިއާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސް އޮފީހުގެ ރަސްމީ މީޑިއާ ގުރޫޕުގައި އަދަދު ނޫސް ނުހިމެނޭ ކަމަށާއި އެހެންވެ، ރައީސް އޮފީހުން ބާއްވާ އެއްވެސް ބައްދަލުވުމެއްގައި އެ ނޫހަށް ބައިވެރިނުވެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް އޮފީހުގެ މީޑިއާ ގުރޫޕުން އަދަދު ނޫސް ބޭރު ކުރީ، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް އެ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން އަދިވެސް އޭގެ ތަހުގީގު ކުރިއަށް ދާތީ އެވެ. އެ ނޫސް، ތަރުޖަމާނު ސިފަ ކުރެއްވީ، "ޑްރާމާއާ ފިލްމު ކުޅޭ، މީޑިއާގެ ތޮފި އަޅައިގެން އުޅޭ" ބައެއްގެ ގޮތުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުން ލީވާން ނުނިކުތުމުން، ޓީވީއެމްގައި ލައިވްކޮށް ގެނެސްދޭން ހަމަޖައްސާފައި އޮތް އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ. އެހެންވެ، އެ ބައްދަލުވުން ދެން ބޭއްވީ ނުރަސްމީކޮށް، ޕީއެސްއެމް ގޯތިތެރޭގައި ހުންނަ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކެފޭގައި ނޫސްވެރިންނާ އެކު ބޭއްވި ސައެއްގެ ގޮތުގައެވެ.

އެ ސައިގައި މުންދު ވަނީ ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެންމެ މުހިންމު ގޮތެއްގައި ފާހަގަކުރެވުނީ ނޫސްވެރިން ތަކުރާރުކޮށް ސުވާލު އަހަމުންދާ ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން މުންދު ދެއްކެވި ވާހަކައެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު މިއަދުވެސް ހާމަ ކުރެއްވުމުގެ ބަދަލުގައި މުންދު ވިދާޅުވީ މިދިޔަ ހަތަރު މަހެއްހާ ދުވަސްތެރޭގައި 205 ސިޔާސީ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ.

އެ މުވައްޒަފުން ވަކިކުރީ އެނުއަލް އިވެލުއޭޝަންގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ކަމަށާއި އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ސިޔާސީ މުވައްޒަފުންގެ އިވެލުއޭޝަންގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާކަންވެސް މުންދު ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މަގާމުން ވަކިކުރި އަދި އިސްތިއުފާދެއްވި ސިޔާސީ މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ހަރަދުގެ ތަފްސީލް 14 ދުވަސް ތެރޭގައި ހާމަކުރަން މިދިޔަ ޖުލައި 5، ގައި އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީހަށް އެންގިއެވެ.

ނަމަވެސް އެ 14 ދުވަސް ހަމަވީއިރުވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް