އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ އެކަކުން ތިނަކަށް ބާއްވަން ނިންމައިފި
އެ ތާރީހަށް ފަސްކުރަން ޖެހުނީ ސަރުކާރުން ތަނެއް ނުދިނުމުން، މިމަހުގެ 20ގައި ކޮންގްރެސް އަށް ރަޖިސްޓަރީވާން ހުޅުވާލާނެ - އެމްޑީޕީ
ހިޝާމް ހާރޫން 10 ސެޕްޓެމްބަރ 2026 (ބުރާސްފަތި)   13:32
ރާއްޖޭގެ އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ރައީސް މުއިއްޒުގެ މި ސަރުކާރުން ތަނެއް ހަމަޖައްސައި ނުދިނުމުގެ ސަބަބުން، އެ ޕާޓީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ތިނަކަށް މާލޭގައި ބޭއްވުމަށް މިއަދު ނިންމައިފިއެވެ.

އެކަން ހާމަކުރައްވާ އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މުހައްމަދު ޝިފާޒު ވިދާޅުވީ، ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ކޮންގްރެސް އެއް ބާއްވަން ޖެހޭއިރު، އެމްޑީޕީގެ މިފަހަރުގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ތިނަކަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ، މާލޭ ސިޓީ ހޯލުގައި ކަމަށެވެ.

މިފަހަރުގެ ކޮންގްރެސްގައި ވަރަށް މުހިންމު ކަމެއްް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ، ޝިފާޒު ވިދާޅުވީ، އެކަމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވާ ގައުމަށް ލިބޭ އާމްދަނީ ދެގުނަ ކުރުމަށް ހަމަޖައްސާފައިވާ ކަމެއް ކަމަށެވެ.

"ޕާޓީގެ އެންމެ ބޮޑު އެއް އަމާޒަކަށްވެސް ވެފައޮތީ، ލިބޭ އާމްދަނީ ދެގުނަ ކުރުމުގެ ވާހަކަ. އަޅުގަނޑުމެން މި ކޮންގްރެސްގެ ޝިއާރެއްގެ ގޮތުގައިވެސް މި ގެންގުޅެނީ ރަށްވެހި އުފެއްދުން. އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ގުޅިގެން، އެމްޑީޕީގެ މެމްބަރުން ތަމްސީލުކުރާ ކައުންސިލްތަކުގެ މަޝްވަރާގެ މަތީން މި ކޮންގްރެސްގަ އެއް ސެޝަން އެބަ ޚާއްސަކުރަން އިންވެސްޓްމެންޓް ފޯރަމްގެ ނަމުގައި." - މުހައްމަދު ޝިފާޒު


އެހެންކަމުން މި ކޮންގްރެސް މަންދޫބުން ކަނޑައެޅުމާއި ކޮންގްރެސްގެ މުޅި ވަފުދު ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.

އަދި މިފަހަރުގެ ފޯރަމްގެ އެއް ސެޝަން އިންވެސްޓްމެންޓް ފޯރަމަކަށް ހާއްސްކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ ޝިފާޒު ވިދާޅުވީ، އޭގެ މަގުސަދަކީ ކައުންސިލްތަކުން އެ ރަށެެއްގައި ހިންގާނެ މަޝްރޫތަކެއް ކަނޑައަޅައި އެ މަޝްރޫތަކަށް އިންވެސްޓަރުން ހޯދައި މަޝްރޫތައް ކުރިއަށްގެންދެވޭނެ ގޮތެއް ހަމަޖައްސައިދިނުންކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ޕާޓީގެ މިފަހަރުގެ ކޮންގެސް ބޭއްވުމަށް ޕާޓީގެ މަންދޫބުންނަށް އެއްކޮށް ވަދެ ޖަލްސާކޮށްލެވޭނެ ވަރުގެ ތަނެއް މި ސަރުކާރުން ނުދިން ކަމަށާ އަދި އެކަމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންގްރެސްއަކީ އަބަދުވެސް 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ކޮންގްރެސްއެއް. ހުރިހާ ޑެލިގޭޓުންނަށް އެއްކޮށް ވަދެ ޖަލްސާކޮށްލެވޭނެވަރުގެ އެއްވެސް ތަނެއް މި ސަރުކާރުން ނުދިން. އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސާވެސް ބައްދަލުކުރިން. މާލޭގާ އަޅުގަނޑުމެންނަށް އެވަރުގެ ތަނެއް ނުލިބޭ ދެން ކިރިޔާވެސް އަޅުގަނޑުމެންނަށް މިވަރުގެ ކަމެއް ކުރެވެން އޮތީ ސިޓީ ކައުންސިލްގެ ގޯތިތެރޭގަ." - އިބްރާހިމް ވަހީދު

އަދި ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓާކުރުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ހުޅުވާލާނެ ކަމަށާ، އެއަށްފަހު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮންގްރެސްމަނުންނަށް ފާސް ދޫކުރުމުގެ ކަންކަންވެސް ކުރިއަށްގެންދާނެ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓް