ފުލުހުން އަދަދު ނޫސް ހުންނަ އިމާރާތް ކައިރި ތިބިއިރު، އެ ނޫހުގެ ސީއީއޯ ފިޔާޒު ފުލުހުންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސޯޝަލްމީޑިއާ
ރައީސް އޮފީހުގެ ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލަ ކޯޓަށް
ހިޝާމް ހާރޫން 19 ސެޕްޓެމްބަރ 2026 (ހޮނިހިރު)   18:04
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުން އަދަދު ނޫހަށް ފުރުސަތު ނުދޭން ނިންމި މައްސަލަ، އެ ނޫހުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އަދަދު ނޫހުން ކޯޓަށް ހުށަހެޅި ދަޢުވާގައި ފާހަގަކޮށްފައިވަނީ، ރައީސް އޮފީހުގެ މި ނިންމުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ހަނިކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދީ، އެ ފިޔަވަޅު ބާތިލްކޮށްދިނުމަށް ވަނީ އެދިފައެވެ.

އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11، ގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅުވައެވެ.

އެ ސުވާލުކުރި ހިސާބުން މުއިއްޒު ވަނީ އެއީ އަދަދު ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އާ ހިލާފު އަމަލެއް ކަމަށް ނިންމަވައި، އަދަދުގެ ނޫސްވެރިޔާ އެ ބައްދަލުވުމުން ބޭރުކޮށްލާފައެވެ.

އަދި ހަމަ އެރޭ ރައީސް އޮފީހުގެ މީޑިއާ ގްރޫޕްގައި ހިއްސާކުރި މެސެޖަކުންވަނީ އަދަދު ނޫހަށް ރައީސް އޮފީހުގެ ޕްރެސް ތަކުގައި ބައިވެރި ނުވެވޭނެކަމަށް ބުނެފައެވެ.

ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިއަކު ބައިވެރިވުމުން، އެ ބައްދަލުވުން ކެންސަލްވެސް ކުރިއެވެ.

އަދަދު ނޫހާ މެދު އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ރައީސް އޮފީހުގެ މީޑިއާ ގުރޫޕުން އަދަދު ނޫސް ބޭރުކޮށް، ފިޔަވަޅު އެޅީ ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް އެ ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން އަދިވެސް އޭގެ ތަހުގީގު ކުރިއަށް ދާތީ ކަމަށެވެ.

ކޮމެންޓް