އަލްއުސްތާޒު އިބްރާހިމް މާހިރު
ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވައިފި
މަރްޔަމް މުޙައްމަދު 6 ސެޕްޓެމްބަރ 2026 (އާދީއްތަ)   09:39
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އިބްރާހިމް މާހިރު ޝަރަފުވެރި ކަމާއެކު މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

ފަނޑިޔާރު އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ މިދިޔަ 2025 ސެޕްޓެންބަރު 25 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް 2022 އޮކްޓޫބަރު 13 ގައި މާހިރު ހަމަޖެއްސެވިއިރު، އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 2005 ނޮވެމްބަރު 9 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެންނެވީ 2010 މެއި 23 ގައެވެ.

ފަނޑިޔާރު މާހިރު ރިޓަޔަރ ކުރެއްވުމަށް ނިންމަވައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އޭނާ މަގާމުން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ހައި ކޯޓުން މިއަދު އާންމުކުރެއްވި މައުލޫމާތުގައި ފަނޑިޔާރު މާހިރު މަގާމުން ވަކިވެވަޑައިގެންކަން ހާމަކުރައްވައި އޭނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް އެ ކޯޓުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް