
އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލަ، މިއަދު ހެނދުނު 9:00 ގައި ފަށަން ތާވަލުކޮށްފައިވާއިރު، މި މައްސަލަ ސިއްރު ކުރަން ނިންމި ސަބަބެއް ހައިކޯޓަކުން ނުބުނެއެވެ.
މި މައްސަލަ ފުރަތަމަ އިސްތިއުނާފަށް ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުންނެވެ. އެހެންނަމަވެސް، އެމްޖޭއޭއަކީ އިސްތިއުނާފުކުރުމަށް ހުށަހެޅި އަމުރު ނިސްބަތްވާ މައްސަލާގައި ހިމެނޭ ފަރާތެއްކަމަށް ނޫންކަމަށާއި އެ އަމުރު އިސްތިއުނާފުކުރުމުގެ ޙައްޤު އެ ފަރާތަށް ލިބިގެންނުވާކަމަށް ހައިކޯޓުން ނިންމައި މައްސަލަ ބޭރުކޮށްލިއެވެ. އެހެންވެ ފިޔާޒުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރީ މެއި 17 ގައެވެ.
އެ މައްސަލައިގެ ތެރެއަށް މޯލްޑިވްސް ބާ ކައުންސިލުން ވަނީ މިހާރު ތަދައްހުލުވެފަ އެވެ. އެ ކޯޓު އަމުރު ނެރުމުން ވެސް އަމުރާމެދު ކަންބޮޑުވުން ފާޅުކޮށް ބާ ކައުންސިލުން ބަޔާނެއް ނެރުނެވެ.
ހައިކޯޓުގައި މި މައްސަލަ ސިއްރުން ކުރިއަށް ގެންދަން ނިންމިއިރު، އާންމުކޮށް، އާއްމުންގެ މެދުގައި ބޮޑު ޝައުގެއް އުފެދިފައި އޮންނަ ބާވަތްތަކުގެ މައްސަލަތައް ހައިކޯޓުން ކުރިއަށް ގެންދަނީ ލައިވްކޮށެވެ. އެކަމަކު މި ކޭސް ސިއްރު ކުރަން ނިންމި ސަބަބެއް ހައިކޯޓަކުން ނުބުނެވެ. މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުއްރައޫފު އިބްރާހީމާއި ހުސެއިން މަޒީދާއި ފާތިމަތު ފަރުހީޒާއެވެ.
މި މައްސަލައާ ގުޅިގެން ނެރުނު ގެގް އޯޑަރުގައި ވަނީ ވަކި ކޮންޓެންޓެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
މި އަމުރު ނެރުނު ފަހުން، މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލެއް ކުރުމުން ވަނީ، ގެގް އޯޑަރާ ހިލާފުވި ކަމަށް ހުކުމްކޮށް 15 ދުވަހަށް ޖަލަށްލައިފަ އެވެ. އަދި ކޯޓު އަމުރުގެ ހަބަރު ލިޔުނު އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ. މި ދެމީހުންގެ މައްޗަށް ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
އޭގެ އިތުރުން، ޑޮކިއުމެންޓަރީގެ މައްސަލާގައި ފިޔާޒް އާއި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައްވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.




