މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން
ފޯނުކޯލް ލައިވްކުރެވޭނީ އެމީހެއްގެ އިއުތިރާޒެއް ނެތް ނަމަ: މީޑިއާ ކޮމިޝަން
އެމްއެމްބީސީ އިން މިހެން އަންގާފައި މިވަނީ ރާއްޖެ ޓީވީގެ ލައިވްޝޯއެއްގައި، ސްޓެލްކޯ އެޗްއާރަށް ގުޅުމުން، ޕީއެންސީއަށް ކުންފުނިތަކުގެ މުވައްޒަފުން ވައްދަމުން އަންނަކަން ފަޅާ އަރާފައިވަނިކޮށް
ފިޔެސް 6 ސެޕްޓެމްބަރ 2026 (އާދީއްތަ)   15:15
ފޯނު ކޯލެއް އެއްވެސް މީޑިއާއަކުން ވަގުތުން ބްރޯޑްކާސްޓްކުރާ ނަމަ، އެ ފޯންކޯލް ލައިވްކުރާކަން ފޯނުން ގުޅިފައިވާ ފަރާތަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް އެމްއެމްބީސީ (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން) އިން ބުނެފިއެވެ.

ދާދި ފަހުން ރާއްޖެ ޓީވީގެ ލައިވްޝޯއެއްގައި، ސްޓެލްކޯގެ އެޗްއާރަށް ގުޅުމުން ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވައްދަމުން އަންނަކަން ފަޅާ އަރާފައިވާ މި ދަނޑިވަޅުގައި، އެމްއެމްބީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، އަމަލުކުރަން ޖެހޭ ބްރޯޑް ކާސްޓީން މިންގަނޑުތަކުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމާއި އިންޓަވިއުތަކާއި ރިކޯޑިންތައް އަދި މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމާއި ގުޅޭގޮތުން  ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެހެންކަމުން، ފޯނު މުއާމަލާތެއް ލައިވްކުރަން ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެކަމަށާ، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުއާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އަދި ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވާނެކަމަށާ، އަދި ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ވެސް ދޭންޖެހޭނެކަމަށް ވެސް މީޑިއާ ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

"އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިފަދަ ތަކެތި ބޭނުންކުރަންވާނީ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާ ގޮތުގެ މަތިންކަން ހަނދާންކޮށްދެމެވެ." - އެމްއެމްބީސީ

އެމްއެމްބީސީގެ މި ބަޔާނުގައި، ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި އަދި ހައްގުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައި ވެސް ވެއެވެ.

ސްޓެލްކޯގެ މުއައްޒަފުންނަށް އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން ގުޅާ ޕީއެންސީއަށް ވަދެ، އެ ޕާޓީއަށް ވަތްކަން އެނގޭނޭހެން ސްކްރީންޝޮޓް ނެގުމަށް ފަހު ސްޓެލްކޯގެ އެޗްއާރުން އަންގާ ނަމްބަރަކަށް ފޮނުވުމަށް އަންގަމުންދާ ކަމުގެ މައުލޫމާތު ރާއްޖެޓީވީއަށް ލިބުމުން އެ ޓީވީން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ގުޅާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނުއެވެ.

ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން، އާމިރު ސަލީމް ސްޓެލްކޯގެ އެޗްއާރުގެ ލޭންޑް ލައިން ކަމަށްވާ، 3338228 އަށް ލައިވް ޕްރޮގްރާމުގައި އާމިރު ގުޅާފައި، ޕީއެންސީއަށް ސޮއި ކުރުމަށްފަހު، އެ ސްކްރީންޝޮޓު ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރި އެވެ. އެ ސުވާލުގެ ޖަވާބުގައި ސްޓެލްކޯ އެޗްއާރު ޑިޕާޓްމަންޓުން ވާހަކަދެއްކި މުވައްޒަފު ބުނެފައިވަނީ ސްކްރީންޝޮޓް ފޮނުވަންވީ ސްޓެލްކޯގެ އެޗްއާރު ނަންބަރަށް ކަމަށެވެ.

"ހަމަ ސްޓެލްކޯ އެޗްއާރު ނަންބަރަށް، ކުރިން އިންނާނެ ދޯ ތިކޮޅަށް މެސެޖުކޮށްލާފައި،" - ސްޓެލްކޯގެ އެޗްއާރު

ސްޓެލްކޯގެ އެޗްއާރުން އެހެން ބުނުމުން، އެކަން އިތުރަށް ސާފުކުރުމުގެ ގޮތުން، ސްޓެލްކޯގެ އެޗްއާރު ނަންބަރަށް ފޮނުވަންޖެހެނީ ޕީއެންސީއަށް ސޮއިކުރުމަށްފަހު، އެ ޕާޓީއަށް ވަދެވިއްޖެކަން ކަށަވަރުކޮށްދީ އިލެކްޝަނުން ފޮނުވާ މެސެޖުގެ ސްކްރީންޝޮޓެއްތޯ އާމިރު ސުވާލު ކުރުމުން ވެސް ޖަވާބުގައި ސްޓެލްކޯގެ އެޗްއާރުން އާނ އެކޭ ވެސް ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ސޯޝަލްމީޑިއާގައި ބުނެފައިވަނީ، އެޗްއާރަށް ރާއްޖެ ޓީވީން ގުޅުމުން، އެ ވާހަކަދެއްކި މުއައްޒަފު މިހާރު ވަނީ ސަސްޕެންޑުކޮށްފައި ކަމަށެވެ.

"ވީމާ، މީޑިއާގައި ދެކެވުނު ފޯނު ކޯލާ ގުޅިގެން މިކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފައެވެ. އަދި މި މައްސަލަ ބެލުމަށްފަހު ކުންފުނީގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ އިސްލާހީ އަދި އިދާރީ ފިޔަވަޅުތައް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." – ސްޓެލްކޯ

ސްޓެލްކޯގެ އިތުރުން ވެސް ޕީއެންސީއަށް ވަނުމަށް މަޖުބޫރުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން އަންނަކަމުގެ ވާހަކަތައް ދެކެވެމުން އަންނަ މި ދަނޑިވަޅުގައި، ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތަކުން އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ޕީއެންސީއަށް ވަނުމަށް އަންގަމުންދާކަމަށް ވަރަށްގިނަ ފަރާތްތަކުން ތުހުމަތު ކުރަމުންއާދެއެވެ.

އަދި ޕީއެންސީއަށް ނުވަދެއްޖެނަމަ އެ މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމަށްވެސް އެ އިދާރާތަކުގެ މެނޭޖުމެންޓުން ބުނަމުންދާ ކަމަށް ވެސް ގިނަބަޔަކު ސޯޝަލްމީޑިއާގައި ވެސް އަންނަނީ ބުނަމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި މަސައްކަތް ކުރަމުން އަންނައިރު، ޕީއެންސީއަށް އެއްލައްކަ މެންބަރުން ހަމަކުރުމަކީ ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ކަމެއް ކަން ފާހަގަކޮށްލެވެއެވެ.

އެ އަމާޒަށް އަދި ވާސިލުވެވިފައި ނުވާއިރު، މިއަހަރުގެ ޖޫން 30، ގެ ނިޔަލަށް ޕީއެންސީގެ ދަފްތަރުގައި ތިބީ 67،579 މެންބަރުންނެވެ.

ކޮމެންޓް