
ސަރުކާރުގެ ދަށަށް ބަދަލުވުމާއި ދިވެހިރާއްޖޭގެ އަޑު
އަމިއްލަ ފަރާތްތަކަކުން ފެށި މި ހިދުމަތުގެ މަގުބޫލުކަން އިތުރުވާން ފެށުމުން 1963 ވަނަ އަހަރު ސިނަމާ ކޮމްޕެނީން މި ހިދުމަތާ ހަވާލުވިއެވެ. އަދި މާލޭ ރެޑިއޯގެ ނަން 'ސެނެކޯ ރޭޑިއޯ' ގެ ނަމަށް 8 މާޗު 1963 ގައި ބަދަލުކުރިއެވެ. އަދި ބްރޯޑްކާސްޓިންގެ ހިދުމަތަކީ މުހިންމު ހިދުމަތެއްކަމުގައި ދެކި 1966 ސެޕްޓެމްބަރު 11 މި ތާރހީގައި ސަރުކާރުގެ ދަށަށް ބަދަލުކުރެވުނެވެ. ސަރުކާރުން މި ހިދުމަތާ ހަވާލުވެ ހިންގަންފެށީ 'މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިންގ ސާވިސް' ގެ ނަމުގައެވެ. ބްރޯޑްކާސްޓިންގެ ހިދުމަތް އެންމެ ބޮޑަށް މަގުބޫލުވެ ވައިގައި ހިފައި، ދިވެހީންގެ ހިތްތަކާ ކުޅެލީ 1980 ޖެނުއަރީ 19 ގައި މި ސެނެކޯ ރޭޑިއޯގެ ނަން 'ދިވެހިރާއްޖޭގެ އަޑު' ގެ ނަމަށް ބަދަލުކުރި ހިސާބުންނެވެ. 1980 ގެ އަހަރުތަކަކީ ރޭޑިއޯ ބްރޯޑްކާސްޓިންގެ ރަންޒަމާނުގެ ފެށުމެވެ. މިގޮތުން، މީޑިއަމް ވޭވް (MW) އަދި އެފްއެމް (FM) ޓްރާންސްމިޝަންތަކުގެ އެހީގައި ރާއްޖޭގެ 90 އިންސައްތައަށްވުރެ ބޮޑު ބަޔަކަށް ރޭޑިއޯގެ ސިގްނަލް ފޯރުކޮށްދިނެވެ. އަދި މުޅި ރާއްޖެ އެއްވިއުގައަކުން ގުޅާލަދިނެވެ.
ޓެލެވިޒަންގެ ހިދުމަތް ތައާރަފުކުރުން
ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ޓެލެވިޒަން ބްރޯޑްކާސްޓް ކުރަން ފެށުމެވެ. މި ހިދުމަތް އިފުތިތާހު ކުރެވުނީ 29 މާރިޗު 1978 ގައި ޓީވީ މޯލްޑިވްސް (TVM) ގެ ނަމުގައެވެ. ޓީވީގެ ހިދުމަތާއެކު ދިވެހިންނަށް ދުނިޔޭގެ ހަބަރުތަކާއި، ތައުލީމީ އަދި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ލޮލަށް ފެންނާނެ ގޮތް މެދުވެރިވިއެވެ. މި ދިދުމަތް ފެށިގެންދިޔައީ ހަމައެކަނި މާލެއަށް ލިބޭ ހިދުމަތެއްގަެ ގޮތުގައެވެ. އޭގެ ފަހުން ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ސެޓެލައިޓް މެދުވެރިކޮށް މުޅި ރާއްޖެއަށް ޓީވީގެ ހިދުމަތް ފުޅާކުރެވިގެން ދިޔައެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް ވެގެންދިޔައީ ދިވެހި މުޖުތަމައުގެ ހޭލުންތެރިކަމާއި، ގައުމީވަންތަކަން އާލާކުރުމުގެ އެންމެ ބޮޑު ދެ ބާރަށެވެ.
މޮނޮޕޮލީ ނިމުމަކަށް އައުމާއި ޕްރައިވެޓް މީޑިއާ
2006 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ އޮތީ މުޅިން ދައުލަތުގެ ކޮންޓްރޯލްގެ ދަށުގައެވެ. ނަމަވެސް، ރާއްޖެއަށް އައި ސިޔާސީ އިސްލާހީ ހެޔޮ ބަދަލުތަކާއެކު، 2006 ވަނަ އަހަރުގެ އޮގަސްޓުމަހު ސަރުކާރުން އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދޭން ފެށިއެވެ. އަދި ޖުލައި 2007 ގައި އެންމެ ފުރަތަމަ އަމިއްލަ ރޭޑިއޯ އަދި ޓީވީ ޗެނަލްތަކަށް ލައިސަންސް ދޫކުރެވުނެވެ. މިއާއެކު ވީޓީވީ، ދިޓީވީ، ދިއެފްއެމް އަދި ރާއްޖެ ޓީވީ ފަދަ ޗެނަލްތައް އުފެދި، ހަބަރާއި މައުލޫމާތު ފެތުރުމުގެ މޮނޮޕޮލީ ނިމުމަކަށް އައެވެ. މި ބަދަލަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ގާނޫނީ އޮނިގަނޑާއި ރެގިއުލޭޓްކުރުން
ބްރޯޑްކާސްޓިންގެ ދާއިރާ ދިޔައީ ފުޅާވަމުންނެވެ. އެއާއެކު އެކަން މުއައްސަސާވީ ނިޒާމެއްގެ ދަށުން ހިންގުމަށްޓަކައި 2010 ވަނަ އަހަރު ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ފާސްކުރެވުނެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުނެވެ. މިއާއެކު ދައުލަތުގެ މީޑިއާ މިނިވަން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަކަށް ހެދުމަށްޓަކައި 2015 ވަނަ އަހަރު ޕަބްލިކް ސަރވިސް މީޑިއާ (PSM) ގެ ގާނޫނު އުފަންވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް އެ މުއައްސަސާގެ ދަށަށް ބަދަލުކުރެވުނެވެ. ނަމަވެސް، ރާއްޖޭގެ މީޑިއާ ރެގިއުލޭޓްކުރުމުގެ އޮނިގަނޑަށް ދާދިފަހުން ވަނީ ތާރީޚީ ބޮޑު ބަދަލެއް އައިސްފައެވެ. 18 ސެޕްޓެމްބަރު 2025 ގައި ގާނޫނު ނަންބަރ: 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު) ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވިއެވެ. އެއާއެކު ކުރިން އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ކަފުންކުރެވިގެން ދިޔައެވެ. އަދި ނޫސްވެރިކަމާއި ބްރޯޑްކާސްޓިންގެ ދާއިރާ ދަށުން ރެގިއުލޭޓްކުރާނެ ހަމައެކަނި ރަސްމީ އިދާރާގެ ގޮތުގައި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ވަނީ ދުނިޔެ ދެކެފައެވެ. މި އާ ކޮމިޝަނަކީ ބްރޯޑްކާސްޓް މީޑިއާތަކުގެ އިތުރުން ޕްރިންޓް އަދި އޮންލައިން މީޑިއާތައްވެސް ހިމެނޭހެން މުޅި މީޑިއާ ސެކްޓަރުގެ ޒިންމާދާރުކަން ހިފެހެއްޓުމާއި ލައިސަންސް ދޫކުރުމުގެ ބާރުތައް ލިބިދީފައިވާ ސުޕަރ-ރެގިއުލޭޓަރެކެވެ. މިއީ ރާއްޖޭގެ މީޑިއާގެ ގާނޫނީ ހަޔާތުގައި ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ގެނެވުނު އެންމެ ބޮޑު އެއް ރީފޯމެވެ. ނަމަވެސް، މި ކޮމިޝަނަރަށް ދެވިފައިވާ ހައްދެއް ބާރުތަކާއި، ނޫސްވެރިންނާއި، ބްރޯދްކާސްޓަރުންނާމެދު ފިޔަވަޅު އެޅުމުގެ ހަރުކަށި އުސޫލުތަކަކީ މިއަދުވެސް ނުނިމި އޮތް ގައުމީ ބަހުސެކެވެ.
މަލްޓި-މީޑިއާ އަދި ޑިޖިޓަލް އޭޖު
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ މިއަދު އޮތީ ޑިޖިޓަލް ބޮޑުބަދަލެއްގެ ތެރޭގައެވެ. ރާއްޖޭގައި މިހާރު 30 އަށްވުރެ ގިނަ ޓީވީ ޗެނަލްތަކާއި، 10 އަށްވުރެ ގިނަ ރޭޑިއޯ ޗެނަލްތައް ހިންގަމުންދެއެވެ. ޒަމާނީ ބްރޯޑްކާސްޓިން މިހާރު ހަމައެކަނި ސެޓެލައިޓާއި އެންޓަނާއަށް ބަރޯސާއެއް ނުވެއެވެ. ދައުލަތުގެ މީޑިއާ (PSM) އާއި އަމިއްލަ މީޑިއާތަކުން، މިސާލަކަށް، ރާއްޖެ ޓީވީ، ސަންގު ޓީވީ، އައިސް ޓީވީ ފަދަ ޗެނަލްތަކުގެ ކޮންޓެންޓް މޮބައިލް އެޕްލިކޭޝަންތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލައިވްސްޓްރީމް ކުރެއެވެ. މީގެ އިތުރުން، އޮންލައިން ނޫސްތަކުން ވީޑިއޯ ޖާނަލިޒަމްގެ ތެރެއަށް ވަދެ، ވެބް-ޓީވީގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.
ގޮންޖެހުންތަކާއި ކުރިމަގު
ބްރޯޑްކާސްޓިންގެ ދާއިރާ ކިތަންމެ ކުރިއަރާފައި އޮތް ނަމަވެސް، ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެއެވެ. އޭގެ ތެރޭގައި މާލީ ގޮތުން ޗެނަލްތައް ދެމެހެއްޓުމުގެ ދަތިކަމާއި، އިޝްތިހާރުގެ މާކެޓް ކުޑަވުން ހިމެނެއެވެ. ހަމައެހެންމެ، ސިޔާސީ އަދި ވިޔަފާރީގެ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު ޕްރޮފެޝަނަލް ޖާނަލިޒަމް ކުރިއެރުވުމަކީ އަދިވެސް ކުރަންޖެހިފައިވާ މަސައްކަތެކެވެ. އާ ގާނޫނާއެކު މީޑިއާތައް ރެގިއުލޭޓްކުރުމުގައި ހަމަހަމަކަމާއި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ ކުރިމަތީގައި އޮތް އެންމެ ބޮޑު އިމްތިހާނެވެ.
ނިންމުން
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަދަކީ ބްރޯޑްކާސްޓިން ދާއިރާގެ ދިގު މާޒީއަށް ނަޒަރު ހިންގާލަން ލިބޭ އަގުހުރި ފުރުސަތެކެވެ. 1961 ވަނަ އަހަރު ވައިގެ ތެރެއަށް ދޫކޮށްލެވުނު އާދައިގެ ޓެސްޓް ސިގްނަލުން ފެށުނު ދަތުރު، މިއަދު މިވަނީ މުޅި ދުނިޔެއާ ގުޅިފައިވާ ޑިޖިޓަލް ވިއުގައަކަށް ބަދަލުވެފައެވެ. ބްރޯޑްކާސްޓިން ދާއިރާއަކީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫނެވެ. އެއީ ގައުމުގެ ސަގާފަތް ދެމެހެއްޓުމާއި، ޑިމޮކްރަސީ ވަރުގަދަކުރުމާއި، ރައްޔިތުން ހޭލުންތެރިކުރުމުގެ އެންމެ ބޮޑު އެއް ބާރެވެ. އެހެންކަމުން، ބްރޯޑްކާސްޓަރުންގެ އެންމެ ބޮޑު އަޒުމަކަށް ވާންޖެހޭނީ ތެދުވެރި، ޒިންމާދާރު އަދި ގައުމީ މަސްލަހަތު އިސްކުރާ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބުމެވެ. މިއަދުގެ މި ޑިޖިޓަލް ޒަމާނުގައިވެސް ބްރޯޑްކާސްޓިން ދާއިރާ ދެމިއޮންނާނީ ދިވެހި މުޖުތަމައުގެ ވިންދާ ގުޅިފައިވާ ގައުމީ މުހިންމު ރުކުނެއްގެ ގޮތުގައެވެ.




