މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން
މީޑިއާތަކުން ގައުމީ މަސްލަހަތު އިސްކުރުމަށް އެމްއެމްބީސީން އިލްތިމާސްކޮށްފި
މިއަދާ ހިސާބަށް ދިވެހިރާއްޖޭގައި 37 ބްރޯޑްކާސްޓަރުން އަދި 29 ރީބްރޯޑްކާސްޓަރުން ހިދުމަތް ދެމުން ގެންދޭ
ހަސަން އިބްރާހީމް 4 އޮކްޓޯބަރ 2026 (އާދީއްތަ)   16:22
ގައުމީ މަސްލަހަތު އިސްކޮށް، ޒިންމާދާރުކަމާ އެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެމްއެމްބީސީ (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްބީސީ އިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްއެމްބީސީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ، މި މުހިންމު ދުވަހު، ދޮގު މައުލޫމާތާއި ފިތުނަ އުފެދޭ ފަދަ ކަންކަމުން ދުރުހެލިވެ، ގައުމީ މަސްލަހަތު އިސްކޮށް، ޒިންމާދާރުކަމާ އެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ބްރޯޑްކާސްޓިން ދާއިރާ ތަރައްގީކޮށް، ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދީފައި ވެއެވެ.

އެމްއެމްބީސީން ބުނީ ބްރޯޑްކާސްޓިންގެ ހިދުމަތަކީ ގައުމެއްގެ އިޖުތިމާއީ، ސިޔާސީ އަދި އިގުތިސާދީ ހޭލުންތެރިކަން އިތުރުކުރުމާއި އާންމުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ވަސީލަތް ކަމަށާ، ހާއްސަކޮށް، އިސްލާމީ ރިވެތި އަހުލާގާއި ދިވެހި ގައުމިއްޔަތާއި ސަގާފަތް ދަމަހައްޓައި، ސައްހަ އަދި އިތުބާރުހުރި މައުލޫމާތު މުޖުތަމައުއަށް ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން ޑިސެމްބަރު 29، 1962 ގައި "މާލެ ރޭޑިއޯ"ގެ ނަމުގައި ފެށިގެން އަދާކުރަމުން އަންނަ އަގުހުރި ގައުމީ ހިދުމަތެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ ބަޔާނުގައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ތާރީޚަށް ބަލާއިރު ސެނެކޯ ރޭޑިއޯ އާއި 1967 ގައި މޯލްޑިވްސް އައިލެންޑް ބްރޯޑްކާސްޓިން ސާވިސް (އެމްއައިބީއެސް) އަދި 1969 ގައި ރޭޑިއޯ މޯލްޑިވްސްގެ ނަމަށް ބަދަލުވެ، 1980 ގައި "ދިވެހިރާއްޖޭގެ އަޑު"ގެ ނަމުގައި ހިދުމަތް ފުޅާވި ކަން ފާހަގަކޮށް، 1978 ގައި ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) އުފެއްދިއިރު، 2007 ގައި އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވާލި ކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އަދި، އެ ތާރީޚީ އޮއިވަރުގެ ތެރެއިން 2010 ވަނަ އަހަރު އަމަލުކުރަން ފެށި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ އެކު ބްރޯޑްކާސްޓަރުންނަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ގާއިމްވެ، މިދިޔަ އަހަރު ސެޕްޓެމްބަރު 18 ގައި ތަސްދީގުކުރެވުނު މީޑިއާ އަދި ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އުފެދި، ބްރޯޑްކާސްޓިން ދާއިރާ އާއި ޒަމާނީ މީޑިއާތައް އެކުވެ އާ ދައުރެއް އުފެދުނު ކަން ވެސް އެމްއެމްބީސީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

"މިއަދާ ހިސާބަށް ދިވެހިރާއްޖޭގައި 37 ބްރޯޑްކާސްޓަރުން އަދި 29 ރީބްރޯޑްކާސްޓަރުން ހިދުމަތް ދެމުން ގެންދާކަން އުފަލާއިއެކު ފާހަގަކުރަމެވެ،" - އެމްއެމްބީސީ

އެމްއެމްބީސީން ބުނީ ޓެކްނޮލޮޖީގެ ގޮތުންނާއި މީޑިއާގެ ދާއިރާއަށް އަންނަ ބަދަލުތަކާ އެކު، ބްރޯޑްކާސްޓިން ދާއިރާ ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށާ، ދާއިރާގެ މަސައްކަތްތެރިންގެ ފަންނީ ތަމްރީނުތަކާއި ގާބިލުކަން އިތުރުކުރުމާ އެކު ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން، މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކާއި ބްރޯޑްކާސްޓިން ވެއްޓެއް ގާއިމްކުރުމަށް ބާރުއެޅުމަކީ އެ ކޮމިޝަނުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

ކޮމެންޓް