އިވެލުއޭޝަނާ ހިލާފަށް ސީއާރުސީސީއަށް 9.4 މިލިޔަން ޑޮލަރު ދިނުމަށް އެޗްޑީސީގެ ބޯޑުން ވަނީ ނިންމާފައި.--
ނިންމި މަސައްކަތެއް ފެންނަންނެތަސް ސީއާރުސީސީއަށް 9.4 މިލިޔަން ޑޮލަރު ދޭން އެޗްޑީސީން ނިންމައިފި
ފިޔެސް 10 އޯގަސްޓް 2026 (ހޯމަ)   08:37
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކޮންޓްރެކްޓު ކުރެވުނު ގޮތަށް އެއްވެސް މަސައްކަތެއް ނިންމާފައިނުވާ ޗައިނާގެ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރްސީސީ) އަށް 9.4 މިލިޔަން ޑޮލަރު ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑުން ނިންމައިފި އެވެ.

ސީއާރުސީސީ އަކީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެކީ ސޮއިކުރި އެއްބަސްވުން ބާތިލުކޮށް، އެކި ސައިޓުތައް އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ހިއްކަން ނިންމިއިރު މަސައްކަތް ހަވާލުކުރި ކުންފުންޏެކެވެ. އެއީ ސައިޓު "އޭ" އާއި "ބީ" އާއި "އެޗް" ގެ އިތުރުން "އައި" އާއި "ކޭ" ހިމެނޭހެން 352 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ.

ނަމަވެސް އެ ކުންފުނިން އެއްބަސްވި ގޮތަށް ކޮންޓްރެކްޓުގައި ބުނި އެއްވެސް ކަމެއް ނުނިންމަ އެވެ. އެހެންނަމަވެސް އެޑްވާންސްގެ ގޮތުގައި 13.2 މިލިޔަން ޑޮލަރު އެޗްޑީސީން ވަނީ އެ ކުންފުންޏަށް ދީފައެވެ.

މި މުއާމަލާތުގެ ތަފުސީލުތައް އެނގުނީ އެކްސްގައި ހަރަކާތްތެރިވާ ވިސްލްބްލޮވަރު އެކައުންޓު "ހަސަން ކުރުސީ" އިން އާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ. މި ރިޕޯޓަކީ ސީއާރުސީސީން ކުރި މަސައްކަތްތަކަށް 9.4 މިލިޔަން ޑޮލަރު ހައްގު ކަމަށް އެ ކުންފުނިން ބުނުމާ ގުޅިގެން "އިޕޮކް އެސޯސިއޭޓްސް" ލައްވާ އެޗްޑީސީން ތައްޔާރުކުރި މިނިވަން އިވެލުއޭޝަނެކެވެ.

އެޗްޑީސީ އާއި ސީއާރުސީސީއާ ދެމެދު ސޮއިކުރީ ސާވޭ އަދި ޑިޒަައިން މަރުހަލާއިން ފެށިގެން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 265.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. އެއީ ތިން ބަޔަކަށް ބަހާލައިގެން މަސައްކަތްކޮށް، 18 މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

މި ގޮތަށް އެއްބަސްވުމަށް ފަހު އެ ކުންފުނިން އަމިއްލައަށް ހުށަހެޅި ލިޔެކިޔުންތަކުގައި ވަނީ އެ ކުންފުންޏަށް ނިންމުނީ ޕްރޮޖެކްޓުގެ ހަތަރު ޕަސެންޓު ކަމަށެވެ. އެކަމަކު ތައްޔާރީ މަސައްކަތްތަކަށް 6.2 މިލިއަން ޑޮލަރު އަދި ބިން ހިއްކުމުގެ މަސައްކަތްތަކަށް 3.2 މިލިއަން ޑޮލަރު ހައްގު ކަމަށް ސީއާރުސީސީން ވަނީ އެޗްޑީސީއަށް ފޮނުވި ބިލުގައި ބަޔާންކޮށްފަ އެވެ.

ނަމަވެސް އެޕޮކްއިން ހެދި އިވެލުއޭޝަނުގައި ވަނީ ސީއާރުސީސީއަށް އަސްލު ނިންމުނީ މުޅި ޕްރޮޖެކްޓުގެ ތިން ޕަސެންޓު ކަމަށެވެ. އަދި ޕްރޮޖެކްޓުގައި އެއްބަސްވި ގޮތަށް އެއްވެސް ލައިން އައިޓަމެއްގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް އިވެލުއޭޝަނުން ދައްކަ އެވެ.

އޭގެ އިތުރުން. ސީއާރުސީސީން ނިންމި ކަމަށް ބުނާ ބައެއް މަސައްކަތްތަކަކީ އެއްބަސްވުމުގައި ހުށަހެޅި ކުރެހުންތަކުގައި ބުނި ގޮތަށް ނިންމި މަސައްކަތްތަކެއް ނޫން ކަމަށް ވެސް އިޕޮކުން ވަނީ ނިންމާފަ އެވެ.

މީގެ މިސާލެއްގެ ގޮތުގައި ރިޕޯޓުން ފާހަގަވަނީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ބުނީ ވަގުތީ ޖެޓީ އެވެ. ސީއާރުސީސީން މަސައްކަތްކޮށްފައި ވަނީ އެ ކުންފުނިން ފުށިދިއްގަރު ފަޅުން ހިއްކި ކުޑަ ޖެޓީއެއް އެއީ މި ވަގުތީ ޖެޓީ ކަމުގައި ބަލައިގަންނާށެވެ. ނަމަވެސް މި ޖެޓީއަކީ އެ ކުންފުނިން ހުށަހެޅި ކުރެހުންތަކުގައި ބުނި ގޮތަށް ހަދާފައި ހުރި ތަނެއް ނޫނެވެ.

ހަމަ އެގޮތަށް، ސީއާރުސީސީން ވަނީ ފުށިދިއްގަރު ފަޅުގައި ހުރި މުރަކަތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ. މި މަސައްކަތަށް 2.6 މިލިޔަން ޑޮލަރު ނަގާއިރު، އެއް ކަމަކަށް އެންމެ ގިނަ ފައިސާ ހޯދަން އެ ކުންފުނިން ބޭނުން ވަނީ ވެސް މި މަސައްކަތަށެވެ.

މިހެން ނަމަވެސް ކޮންސަލްޓަންޓު ބެލިއިރު، މި ބުނާ މުރަކަތައް ބަދަލުކުރި ތަނެއް ހުށަހަޅާފައި ނެތެވެ. މިހެންކަމުން އެ މުރަކަތައް ބަދަލުކުރިތޯ ނުވަތަ ނޫންތޯ ކަށަވަރުކުރެވޭނެ ގޮތެއް ނެތް ކަމަށް ބަޔާންކޮށް، އެ ސަރަހައްދުތައް އިޕޮކުން ލަފާދީފައިވެ އެވެ.

އެޕޮކްގެ ތަފްސީލީ ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ތައްޔާރީ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކޮންޓްރެކްޓަރު ބުނި ނަމަވެސް، އެ މަސައްކަތް ވެސް އެއްކޮށް ފުރިހަމަ ނުވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

ސީއާރުސީސީން ކުރި މަސައްކަތްތަކުގެ ތެރެއިން ފަހުން އެ ސައިޓުތަކާ ހަވާލުވި ކޮންޓްރެކްޓަރަށް ބޭނުންކުރެވޭ ގޮތަށް ހުރި ތަންތަނުގެ އަގު މިލިއަން ޑޮރަލަށް ނާރާ ކަމަށް ވެސް ރިޕޯޓުން ދައްކައެވެ.

"މައްސަލަ އޮމާންކަމާއެކު ނިންމުމަށްޓަކައި ކޮންޓްރެކްޓަރަށް ބައެއް ލުއިތައް ދީގެން ބެލި ނަމަވެސް، އެއްވެސް ހާލެއްގައި 6.78 މިލިޔަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ދޭން ޖެހޭ ފަދަ ސަބަބެއް ނެތް" ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެޗްޑީސީ އާއި ސީއާރުސީސީއާ ދެމެދު މަޝްވަރާކުރަމުން ދަނީ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން ކުރަމުންދާ މަޝްވަރާތަކެވެ. މި މަޝްވަރާތަކުގައި އެޗްޑީސީން މަސައްކަތް ކުރަމުން ދިޔައީ އެޑާވާންސަށް ދީފައިވާ 13.2 މިލިޔަން ޑޮލަރުގެ ތެރެއިން ކުރި މަސައްކަތްތަކަށް އަގު ކެނޑުމަށްފަހު ބާކީ ހޯދާށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގެ ބޯޑުން މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ބޭއްވި އެކުންފުނީގެ 408 ވަނަ ބޯޑު ބައްދަލުވުމުގައި ވަނީ ސީއާރުސީސީ އެދުނު ގޮތަށް 9.42 މިލިޔަން ޑޮލަރު އެ ކުންފުންޏަށް ދޫކޮށްލުމަށް ނިންމާފަ އެވެ.

ސީއާރުސީސީން ކޮންޓްރެކްޓާ އެއްގޮތަށް ނިންމި މަސައްކަތެއް ފެންނަންނެތަސް، އެޗްޑީސީގެ މި ނިންމުމުގެ ސަބަބުން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އިސްރާފުވެގެންދާނެތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ. މި މުއާމަލާތުން ސަރުކާރުގެ އިސްވެރިންނަށް ނުހައްގު މާލީ މަންފާ ލިބޭނޭކަމަށް ބައެއްފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކޮމެންޓް