
އީސާގެފާނުގެ ކުރިން ދުނިޔޭގެ އިގުތިސޯދީ ޗާޓު: ބިމާއި އަޅުންގެ މައްޗަށް ބިނާވެފައިވާ ނިޒާމު
އީސާ އަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވުމުގެ ކުރިން، ދުނިޔޭގެ އިގުތިސޯދީ ބާރުވެރިކަން މާނަކުރެވެނީ ބިމުގެ ބޮޑުމިނުންނާއި އަޅުންގެ އާބާދީގެ މައްޗަށެވެ. އެގްރޭރިއަން އިގުތިސޯދު ނުވަތަ ދަނޑުވެރިކަމުގެ މައްޗަށް ބިނާވެފައިވާ މި ދައުރުގައި، ފައިސާގެ ގޮތުގައި ބޭނުންކުރެވެނީ ބާޓާ ސިސްޓަމް ނުވަތަ މުދަލަށް މުދާ ބަދަލުކުރުން ނުވަތަ އަގުބޮޑު މައުދަނެވެ. މެސޮޕޮޓޭމިއާ، މިސްރުގެ ފިރުއައުނުންގެ ދައުރު، އަދި ކުރީގެ ގްރީކް ޒަމާނުގައި، އިގުތިސޯދީ ސިޔާދަތު އޮންނަނީ ސީދާ ރަސްކަލުންގެ ހުދުމުހުތާރު ބާރުގެ ދަށުގައެވެ. މާކެޓުގެ މިނިވަންކަމެއް ނޯވެއެވެ. އުފައްދާ ހުރިހާ މުދަލެއްގެ ބޮޑުބައި ޓެކްހުގެ ގޮތުގައި ދައުލަތަށް ނަގައެވެ.
ރޯމަން އެމްޕަޔަރާއި ކިސްރާގެ ވާދަވެރިކަން
އީސާ އަލައިހިއްސަލާމްގެ ޒަމާނާ ބައްދަލުކުރިއިރު ދުނިޔެ އޮތީ ދެ ފެކްޝަނަކަށް ބެހިފައެވެ. ހުޅަނގުގައި އޮތީ ރޯމަން އެމްޕަޔަރު ނުވަތަ ގައިސަރު އެވެ. އަދި އިރުމަތިން ޕާޝިއަން އެމްޕަޔަރު ނުވަތަ ކިސްރާ އެވެ. ރޯމަނުންގެ އިގުތިސޯދީ މޮޑެލްއަކީ 'އިމްޕީރިއަލް އެކްސްޕްލޮއިޓޭޝަން' އެވެ. އެމީހުން ހިފާ ކޮންމެ ގައުމަކުން ބޮޑެތި ޓެކްސްތައް ރޯމަށް ޖަމާކުރެއެވެ. ރޯމަނުންގެ އައުރިސްއޭ ކިޔުނު ރަން ފައިސާއާއި ދީނާރިއަސް ކިޔުނު ރިހި ފައިސާ ވެގެން ގޮސްފައިވަނީ މުޅި މެޑިޓަރޭނިއަން ސަރަހައްދުގެ ރިޒާވް ފައިސާއަށެވެ. އަނެއްކޮޅުން ކިސްރާގެ ބާރުގެ ދަށުގައި އޮތީ އޭޝިއާގެ ސިލްކް ރޫޓެވެ. މި ދެ ބާރުގެ ދެމެދުގައި އޮތް ހަނގުރާމައަކީ ސިޔާސީ ހަނގުރާމައަކަށްވުރެ ބޮޑަށް، ވިޔަފާރީގެ މަގުތައް ކޮންޓްރޯލް ކުރުމުގެ އިގުތިސޯދީ ހަނގުރާމައެކެވެ.
މަދީނާގެ އިގުތިސޯދީ އިންގިލާބު
މިލިޓަރީ ބާރުގެ މައްޗަށް ބިނާވެފައި އޮތް ދުނިޔޭގެ އިގުތިސޯދީ ނިޒާމަށް އެންމެ ބޮޑު ލޮޅުމެއް އަރުވާލީ ކީރިތި ރަސޫލާ މުހައްމަދު ﷺ މަދީނާއަށް ހިޖުރަކުރައްވުމާ ހަމައިންނެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ޔަހޫދީންގެ ދަރަނީގެ ދަންތުރައިގައި ޖެހިފައި އޮތް ޔަހޫދީންގެ މޮނޮޕޮލީގެ ބާރާއި ނުފޫޒު މަދީނާގެ ބާޒާރުން ކަނޑުވާލުމެވެ. އަދި މުސްލިމުންގެ ވަކި ބާޒާރެއް އުފެއްދެވުމެވެ. މި ބާޒާރުގެ އުސޫލަކީ އެއްވެސް މީހެއްގެ އަތުން މާކެޓަށް ވަނުމުގެ ޓެކްހެއް ނުނެގުމެވެ. އެންމެ މުހިންމު ކަމަކީ، ފައިސާއިން ފައިސާ އުފައްދާ ރިބާގެ (Interest) ނިޒާމު މުލުން ލުހެލެއްވުމެވެ. ހަގީގީ މުދަލާއި ހިދުމަތުގެ މައްޗަށް ބިނާވާ އިގުތިސޯދެއް ތައާރަފުކުރެއްވުމެވެ. މިއީ މާލީ ސިޔާދަތު ވަކި ފަރުދުންގެ އަތުން އާންމު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ.
ބައިތުލްމާލް އަދި ވެލްފެއަރ ސްޓޭޓްގެ އުފެދުން
އުމަރު ބިން އަލްހައްތާބުގެ ހިލާފަތުގައި އިސްލާމީ ރޯމާއި ފާރިސްގެ ބިމަށް އިސްލާމީ ފުތޫހާތު ފެތުރިގެން ދިޔައެވެ. އަދި އެއާއެކު ދުނިޔޭގެ މާލީ މަރުކަޒު މަދީނާއަށް ބަދަލުވިއެވެ. އުމަރުގެފާނު ދުނިޔެއަށް ތައާރަފުކުރެއްވި އެންމެ ބޮޑު މާލީ އިދާރާއަކީ ބައިތުލްމާލް އެވެ. މިއީ ހަމައެކަނި ފައިސާ ރައްކާކުރާ ތަނެއް ނޫނެވެ. ދައުލަތުގެ އާމްދަނީ، މިސާލަކަށް، ޒަކާތް، ޖިޒީ، ހަރާޖު އެއްކޮށް، އެއިން ކޮންމެ ރައްޔިތަކަށް، އެމީހެއްގެ ނަސަބަށާއި ދައުލަތަށް ކޮށްދިން ހިދުމަތަށް ބަލައި ދީވާން ނުވަތަ އެލަވަންސް ދޭން ފެށުނެވެ. މިއީ އިންސާނީ ތާރީހުގައި އުފެދުނު ފުރަތަމަ ސޯޝަލް ވެލްފެއަރ ސިސްޓަމެވެ. އިގުތިސޯދީ ސިޔާދަތު އޮތީ އިސްލާމީ ޝަރީއަތުގެ ހަމަތަކުގެ ދަށުން ހިނގާ މަރުކަޒީ ދައުލަތުގެ އަތުގައެވެ.
އިބްނު ހަލްދޫންގެ ތިއަރީ
އިސްލާމީ ދައުލަތުގެ ރަންޒަމާނުގެ ފަހުކޮޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އިލްމުވެރިޔާ އިބްނު ހަލްދޫން (1332–1406) އެކަލޭގަފާނު ލިޔުއްވި މަޝްހޫރު މުގައްދިމާ އެވެ ކިޔުނު ފޮތުގައި އިގުތިސޯދީ ސިޔާދަތާއި ދައުލަތްތަކާ ގުޅޭގޮތުން ސައިންޓިފިކް ތިއަރީއެއް ނެރުއްވިއެވެ. މިއީ، މިފަދަ ތިއަރީއެއް ލިޔެވުނު ފުރަތަމަ ފަހަރެވެ. އެކަލޭގެފާނު ވިދާޅުވި ގޮތުގައި ދައުލަތެއްގެ ބާރުވެރިކަން ދެމިއޮންނަނީ ޓެކްސް ކުޑަކޮށް، ވިޔަފާރިވެރިންނަށް މިނިވަންކަން ދީގެން އުފެއްދުންތެރިކަން އިތުރުކުރާ މިންވަރެއްގެ މައްޗަށެވެ. ދައުލަތެއް ބަލިކަށިވާން ފަށަނީ ވެރިންގެ ލަގްޒަރީ ބޭނުންތައް އިތުރުވެ، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށް، މާކެޓަށް ސަރުކާރުން އަތްބާނަން ފެށުމުންނެވެ. އިބްނު ހަލްދޫންގެ މި 'ސަޕްލައި-ސައިޑް އިކޮނޮމިކްސް' އަކީ މިއަދުގެ މޮޑަން މެކްރޯ-އިކޮނޮމިކްސްގެ ބިންގަލެވެ.
އިބްނު ހަލްދޫން ވަނީ ބާޒާރުގައި ތަކެތީގެ އަގު ކަނޑައެޅުމުގައި ޑިމާންޑާއި ސަޕްލައި އަދާކުރާ ދައުރާއި، މަސައްކަތުގެ އަގު ނުވަތަ ލޭބަރ ތިއަރީ އޮފް ވެލިއު ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. މީގެއިތުރުން، ދައުލަތުން ޓެކްސް ބޮޑުކުރުމުން ލިބޭ އާމްދަނީ ދަށްވާގޮތް ބަޔާންކޮށްދޭ ލެފަރ ކާވް ގެ އަސާސަކީވެސް އިބްނު ހަލްދޫންގެ ޓެކްސް ތިއަރީއެވެ. މި ސަބަބުތަކަށްޓަކައި، އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރޭގަން ފަދަ މިޒަމާނު ދުށް ދުނިޔޭގެ ލީޑަރުންނާއި ގިނަ އިގުތިސޯދީ މާހިރުން ގަބޫލުކުރާގޮތުގައި ޒަމާނީ އިގުތިސޯދުގެ ހަގީގީ ބާނީއަކީ އިބްނު ހަލްދޫން އެވެ. އެޑަމް ސްމިތެއް ނޫނެވެ.
ގްލޯބަލް ކަރަންސީގެ ފެށުން
އިސްލާމީ ދައުލަތްތަކުގެ މެދުތެރޭ ޒަމާނުގައި އިގުތިސޯދީ ސިޔާދަތު ފުޅާވެގެންދިޔައީ ފައިސާގެ ނިޒާމުގެ ތެރެއިންނެވެ. އުމަވީ ދައުރުގައި ހަލީފާ އަބްދުލްމަލިކް ބިން މަރްވާން ރޯމަން އަދި ޕާޝިއަން ފައިސާ ބޭނުންކުރުން ހުއްޓާލެއްވިއެވެ. އަދި އިސްލާމީ ދީނާރާއި ދިރުހަމް ޖެއްސެވިއެވެ. މިއީ ދުނިޔޭގެ މާލީ ތާރީހު ދުށް އެންމެ ބޮޑު 'މަނިޓަރީ ސޮވެރެއިންޓީ' އެވެ. އޭގެ ފަހުން އައްބާސީ ދައުރުގައި ބަގުދާދު އިގުތިސޯދުގެ މަރުކަޒަކަށްވިއެވެ.
މުސްލިމުންގެ ވިޔަފާރީގެ ތެރެއިން އުފެދުނު މާލީ އީޖާދުތަކުގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއަށް ބޮޑު އިންގިލާބެއް އައެވެ. އަދި މާލީ މުއާމަލާތްތައް ހިންގުމަށް އާދަޔާހިލާފު ފަސޭހަތަކެއް ލިބިގެންދިޔައެވެ. މިގޮތުން މުސްލިމުން ދުނިޔެއަށް ތައާރަފުކުރި އެންމެ މުހިންމު އެއް އީޖާދަކީ ސައްކާ (صَكّ) ގެ ނިޒާމެވެ. ނުވަތަ 'ސުފްތަޖާ' (Suftaja) އެވެ. މިއީ މިއަދުގެ ޗެކް (Letter of Credit) އެވެ. މިއީ ބޮޑެތި ވިޔަފާރި މުއާމަލާތްތަކުގައި ނަގުދު ފައިސާއާ ނުލައި، ހަމައެކަނި ލިޔުމަކަށް އިތުބާރުކޮށް މުދާ ގަނެވިއްކުމަށް މަގުފަހިކޮށްދިން ކްރެޑިޓް ނިޒާމުގެ ފެށުމެވެ. އެހެންކަމުން، ބަގުދާދުގެ ބޭންކަކުން ދޫކުރާ ސައްކަކަށް ޗައިނާ ނުވަތަ ސްޕެއިން އިން ފައިސާ ނެގޭނެ ނިޒާމެއް އޭރު އޮތީ ގާއިމުކޮށްފައެވެ. މިގޮތުން، ޗައިނާއިން މުދާގަންނަ ވިޔަފާރިވެރިޔާ ބަގުދާދުގެ ބޭންކަކަށް މި ސުފްތަޖާ ހިފައިގެން ދިއުމުން ފައިސާ ލިބެއެވެ. އުސްމާނީ ހިލާފަތުގެ ދައުރުގައި އިސްތަންބޫލް ފަތަހަކުރުމަށްފަހު، ޔޫރަޕުން އިރުމައްޗަށް ކުރާ ހުރިހާ ވިޔަފާރިއަކުން ޓެކްސް ނެގުމުގެ ބާރު އުސްމާނީންނަށް ލިބުނެވެ. މިއީ ހުޅަނގުގެ އިގިތިސޯދީ ސިޔާދަތު މުގުރާލުމަށް މެދުވެރިވީ މައިގަނޑު ސަބަބެވެ.
ކްރިސްޓިއަން ފައްޅީގެ ނިންމުންތަކާއި ޔަހޫދީންގެ މާލީ ބާރުވެރިކަމުގެ ފެށުން
ޔޫރަޕުގެ މެދުތެރޭ ޒަމާނުގައި، ކެތަލިކް ފައްޅިން (Church) 'ޔޫސަރީ' (Usury) ނުވަތަ އިންޓްރެސްޓަށް ފައިސާ ދޫކުރުން ނުވަތަ ރިބާ ހަރުކަށިކޮށް މަނާކުރިއެވެ. މީގެ ސަބަބުން މުޅި ޔޫރަޕުގެ ފައިސާގެ މުއާމަލާތްތަކައި، ލޯނު ދިނުމުގެ މާކެޓު ޔަހޫދީންގެ އަތްމައްޗަށް ދިޔައެވެ. ސަބަބަކީ ޔަހޫދީ ދީނުގެ ގާނޫނުތައް ބުނާގޮތުން، އެހެން ދީންތަކުގެ މީހުން (Gentiles) ގެ އަތުން އިންޓްރެސްޓް ނެގުން ހުއްދަވުމެވެ. ގައުމުތަކުގެ ރަސްރަސްކަލުން ހަނގުރާމަ ކުރަން ބޭނުންވާ ފައިސާ އޭރު ހޯދަން ޖެހުނީ ޔަހޫދީންގެ މާލުވެރިންގެ އަތުންނެވެ. މިއާއެކު، ސިޔާސީ ގޮތުން ފަހުބަސް ބުނުމުގެ ބާރު ކަނޑިއަށް އޮތަސް އިގުތިސޯދީ ބާރުވެރިކަން އޮތީ ޔަހޫދީންގެ ގްރޫޕެއްގެ އަތުގައެވެ.
ފްލޮރެންސްގެ އިންގިލާބު
15 ވަނަ ގަރުނުގައި އިޓަލީގެ ފްލޮރެންސްގައި މެޑިޗީ އާއިލާ (Medici Family) އިން ބޭންކިންގެ މުޅިން އާ މޮޑެލްއެއް އުފެއްދިއެވެ. އެމީހުން ފައްޅީގެ 'ޔޫސަރީ' ގާނޫނުތަކުން ރެކުމުގައި އުކުޅެއް ހެދިއެވެ. އިންޓްރެސްޓްގެ ބަދަލުގައި 'އެކްސްޗޭންޖް ފީ' ނުވަތަ ކަރަންސީ ބަދަލުކުރުމުގެ ނަމުގައި ފައިދާ ނަގަން ފެށިއެވެ. މެޑިޗީ ބޭންކަކީ ދުނިޔޭގެ ފުރަތަމަ 'މަލްޓިނޭޝަނަލް ބޭންކް' އެވެ. އަދި ފަހުން ފައްޅީގެ ވެރިޔާ ޕޯޕް ގެ ފައިސާވެސް މެނޭޖްކުރަން ފެށީ މެޑިޗީ އާއިލާއިންނެވެ. މިއާއެކު ދީނީ ބާރާއި މާލީ ބާރު އެއްވިއެވެ. މިއީ އިގުތިސޯދީ ސިޔާދަތު މެދު ޒަމާނުގައި ފެއުޑަލް ރަސްކަލުންގެ އަތުގައި އޮތް އިގުތިސޯދީ ބާރުވެރިކަން ވިޔަފާރިވެރި ބޭންކެއްގެ ބާރުގެ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެޑަމް ސްމިތުގެ 'އިދިކޮޅު' ތިއަރީ
1776 ގައި ސްކޮޓްލޭންޑުގެ ފިލޯސަފަރު އެޑަމް ސްމިތު އޭނާގެ މަޝްހޫރު ފޮތް ދަ ވެލްތު އޮފް ނޭޝަންސް ޝާއިއުކުރިއެވެ. އޭނާ އެ ފޮތުގައި ވަކާލާތުކޮށްފައި ވަނި 'މާކެންޓިލިޒަމް' ނުވަތަ ދައުލަތުން ވިޔަފާރި ކޮންޓްރޯލްކުރުމާ ދެކޮޅަށެވެ. ސްމިތު ތައާރަފުކުރީ ލެސޭ-ފެއަރ (ކެޕިޓަލިޒަމް) އެވެ. މާނައަކީ މާކެޓުގެ ތެރެއަށް ސަރުކާރުން ވަދެގެން ނުވާނެއެވެ. މާކެޓު ހިނގާނީ އޭގެ އަމިއްލަ ބާރުގައި ނުފެންނަ އަތެއްގެ (Invisible Hand) ގެ އެހީގައެވެ. އެޑަމް ސްމިތުގެ މި ތިއަރީއާއެކު، ހުޅަނގުގެ ގައުމުތަކުން އިގުތިސޯދީ ސިޔާދަތު ސަރުކާރުގެ ކޮންޓްރޯލުން ނެރެ، އަމިއްލަ ކުންފުނިތަކާއި މާކެޓަށް ދޫކޮށްލިއެވެ. މިއީ މިއަދުގެ ކޯޕަރޭޓް ދުނިޔޭގެ އިގުތިސޯދީ ބިންގަލެވެ.
މަރުކަޒީ ބޭންކިންގެ ފެށުމާއި ދަރަނީގެ ނިޒާމު
1694 ވަނަ އަހަރު ބޭންކް އޮފް އިންގްލަންޑް (Bank of England) އުފެދިގެންދިޔުމަކީ ދުނިޔޭގެ މާލީ ސިޔާދަތުގެ ތާރީހަށް އައި އެންމެ ބޮޑު އެއް އިންގިލާބެވެ. އޭރު ފަރަންސޭސިވިލާތާ ދެކޮޅަށް ހަނގުރާމަކުރަމުންދިޔަ އިނގިރޭސި ރަސްކަމަށް ބޭނުންވި ބޮޑު ލޯނު ފަންޑުކުރުމަށްޓަކައި، އަމިއްލަ ވިޔަފާރިވެރިންގެ ގްރޫޕަކުން މި ބޭންކު އުފެއްދީ ސަރުކާރަށް ފައިސާ ދިނުމުގެ ބަދަލުގައި، ގައުމީ ފައިސާ ނޫޓު ޖެހުމުގެ ހާއްސަ މޮނޮޕޮލީ އެއްގެ ބާރުވެރިކަން ހޯދައިގެންނެވެ.
މިއީ ރަން ރައްކާކޮށްފައި، އޭގެ ބަދަލުގައި ރަނުގެ އަގަށްވާ ޕްރިންޓްކުރި ކަރުދާސް ފައިސާ ނުވަތަ 'ޕްރޮމިސަރީ ނޯޓްސް' ނެރުނު ފުރަތަމަ ފަހަރެވެ. މި ބޭންކުގެ ސަބަބުން ދައުލަތްތަކުގެ އިގުތިސޯދީ ބާރުވެރިކަން ސަރުކާރުގެ ހަޒާނާއިން ނެރެ، ދައުލަތަށް ދަރަނި ދޫކުރާ 'މަރުކަޒީ ބޭންކުގެ' އަތްމައްޗަށް ބަދަލުވެގެންދިޔައެވެ. މިއީ އޭގެ ފަހުން އުފެދުނު ރޮތުސްޗައިލްޑް ފަދަ މާލީ އާއިލާތަކަށް މުޅި ޔޫރަޕުގެ ދަރަނީގެ ބާޒާރު ކޮންޓްރޯލްކުރުމަށް ކޮށައިދިން އެންމެ ބޮޑު މަގެވެ.
ގައުމުތަކަށްވުރެ ބާރުގަދަ މާލީ ވިއުގައެއް
18 ވަނަ ގަރުނުގެ ފަހުކޮޅު، ޖަރުމަނުގެ ފްރެންކްފާޓްގެ ޔަހޫދީ ގެޓޯއަކުން އުފެދުނު މޭޔަރ އަމްޝެލް ރޮތުސްޗައިލްޑް ދުނިޔޭގެ މާލީ ތާރީހު މުޅިން ބަދަލުކޮށްލިއެވެ. އޭނާ، އޭނާގެ ފަސް ދަރިން ޔޫރަޕުގެ ފަސް މާލީ މަރުކަޒަށް ފޮނުވިއެވެ؛ ލަންޑަން، ޕެރިސް، ފްރެންކްފާޓް، ވިއެންނާ އަދި ނޭޕަލްސް އަށެވެ. ރޮތުސްޗައިލްޑް އާއިލާއިން އުފެއްދި ބާރުގަދަ އިންފޮމޭޝަން ނެޓްވޯކާއި ބޭންކިން ނިޒާމުގެ ސަބަބުން، ނަޕޯލިއަންގެ ހަނގުރާމައިގައި އިނގިރޭސި ސަރުކާރަށް ބޭނުންވާ މުޅި ވޯރ-ފަންޑިން ރޮތުސްޗައިލްޑް ކޮންޓްރޯލް ކުރިއެވެ. އަދި ލަންޑަނުގެ ބޮންޑު މާކެޓު ރޮތްސްޗައިލްޑް ކޮންޓްރޯލްކޮށް ބޭންކް އޮފް އިންގްލަންޑުގެ މައްޗަށް ބާރާއި، ނުފޫޒު ފޯރުވިއެވެ. މިއާއެކު ތާރީހުގައި ފުރަތަމަ ފަހަރަށް، ބައިނަލްއަގުވާމީ މާލީ އާއިލާއެއް އުފެދިގެން ދިޔައެވެ. އަދި ގައުމުތަކުގެ ސިޔާދަތު އެމީހުންގެ ދަރަނީގެ އަޅުވެތިކަމުގެ ދަށަށް ދިޔައެވެ.
ފެޑެރަލް ރިޒާވްގެ އުފެދުމާއި، ވޯލް ސްޓްރީޓްގެ މަރުކަޒީ ބާރުވެރިކަން
1913 ގައި އެމެރިކާގެ ޖެކީލް އައިލެންޑްގައި ސިއްރު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އެމެރިކާ ސަރުކާރުން ފެޑެރަލް ރިޒާވް (Federal Reserve) ގާއިމުކުރިއެވެ. ގިނަ މީހުން ހީކުރަނީ ފެޑެރަލް ރިޒާވްއަކީ ސަރުކާރުގެ ތަނެއް ކަމަށެވެ. ނަމަވެސް އެއީ އަމިއްލަ ބޭންކުތަކެއްގެ (Wall Street Banks) ކޮންސޯޓިއަމް އެކެވެ. މިއާއެކު، އެމެރިކާގެ ފައިސާ ޕްރިންޓްކުރުމުގެ ބާރު ސަރުކާރުގެ އަތުން ބީވިއެވެ. އަދި ވޯލް ސްޓްރީޓްގެ ބޭންކަރުންގެ އަތަށް ދިޔައެވެ. ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދުގެ މަނިޓަރީ ސޮވެރެއިންޓީ ނުވަތަ މާލީ ސިޔާދަތު އަމިއްލަ މާލީ އިދާރާތަކެއްގެ މުށުތެރެއަށް ލެވުނު ހިސާބަކީ މިއެވެ.
ޑޮލަރުގެ ބާރާއި، ނުފޫޒު
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެކުލަވާލެވުނު ބްރެޓަން ވުޑްސް އެގްރީމެންޓް އިން ދުނިޔޭގެ މާލީ ނިޒާމުގެ ރަސްކަލަކީ އެމެރިކާ ޑޮލަރު ކަމުގައި ވެގެންދިޔަ އެއްބަސްވުމެވެ. މި އެއްބަސްވެވުނީ 1944 ވަނަ އަހަރުއެވެ. އަދި މި އެއްބަސްވުނާއެކު ރިޒާވް ފައިސާއަކީ އެމެރިކާ ޑޮލަރު ކަމުގައި ހަމަޖެއްސިއެވެ. މިގޮތުން، ޑޮލަރު ފިކްސް ކުރެވުނީ ރަނަށެވެ. އަދި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ވުޖޫދަށް އައެއެވެ. މިގޮތުން، 1970 ގެ އަހަރުތަކުގައި އެމެރިކާއިން ސައުދީ އަރަބިއްޔާއާއެކު ހެދި ޕެޓްރޯޑޮލަރު (Petrodollar) އެއްބަސްވުމަކީ މިއަދުގެ ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދީ ދަންތުރައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ކޮންމެ ގައުމަކުން ތެޔޮ ގަންނަން ބޭނުންވިޔަސް އެމެރިކާ ޑޮލަރު ބޭނުންކުރަން މަޖުބޫރުވެއެވެ. މިއާއެކު އެމެރިކާގެ މަރުކަޒީ ބޭންކަށް ހިތުހުރި ވަރަކަށް ފައިސާ ޗާޕުކޮށްގެން ދުނިޔޭގެ މުއްސަނދިކަން ކޮންޓްރޯލުކުރުމުގެ ބާރު ލިބުނެވެ.
1971 ވަނަ އަހަރު ރައީސް ރިޗަޑް ނިކްސަން، ޑޮލަރާއި ރަނުގެ ހުރި ގުޅުން (Nixon Shock) ކަނޑާލިއެވެ. މިއާއެކު ދުނިޔޭގެ ފައިސާ ފިއަޓް މަނީ (Fiat Money) އަށް ބަދަލުވިއެވެ. މާނައަކީ ފައިސާގެ ފުރަގަހުގައި އެއްވެސް ރަނެއް ނުހުންނާނެއެވެ. އޮންނާނީ ހަމައެކަނި ސަރުކާރުގެ ބާރާއި މާކެޓުގެ އިތުބާރެވެ. މިއީ ވޯލް ސްޓްރީޓަށް ފައިސާ އުފައްދައި، ދުނިޔޭގެ އިގުތިސޯދު ކޮންޓްރޯލް ކުރަން ލިބުނު އެންމެ ބޮޑު ލައިސަންސް އެވެ.
ވެންގާޑް އަދި ބްލެކްރޮކް އުފެދުން
މިއަދު ދުނިޔޭގެ އިގުތިސޯދީ ޗާޓު ކުރަހާ ބަޔަކީ ހަމައެކަނި ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންނެއް ނޫނެވެ. އޭގެ ބަދަލުގައި ދުނިޔެ ކޮންޓްރޯލުކުރަނީ ވޯލް ސްޓްރީޓްގެ ބިޔަ އެސެޓް މެނޭޖްމަންޓް ފަންޑުތަކުންނެވެ. މިގޮތުން، 20 ވަނަ ގަރުނުގެ ފަހުކޮޅު، ވޯލް ސްޓްރީޓްގައި އާ ބާރެއް އުފެދުނެވެ. އެއީ އެސެޓް މެނޭޖްމަންޓް ފަންޑުތަކެވެ. 1975 ގައި 'ވެންގާޑު' (Vanguard) ފަންޑު ޖޯން ބޯގަލް އުފެއްދިއެވެ. އަދި 1988 ގައި ލެރީ ފިންކް 'ބްލެކްރޮކް' (BlackRock) އުފެއްދިއެވެ. ބްލެކްރޮކްގެ ސީއީއޯ ލެރީ ފިންކް އަކީ ދުނިޔޭގެ ސިޔާސަތުތަކާއި ކުންފުނިތަކުގެ ހިންގުމަށް ސީދާ ނުފޫޒުފޯރުވާ، ވޯލް ސްޓްރީޓްގެ އެންމެ ބާރުގަދަ ޔަހޫދީ މަހުޖަނެވެ.
މީގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ބްލެކްރޮކް (BlackRock) އެވެ. ބްލެކްރޮކް އަކީ ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބެލެވޭ ބިޔަ ކުންފުންޏެވެ. މި ފަންޑުން މިހާރުވެސް 15 ޓްރިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެސެޓްސް މެނޭޖްކުރެއެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ޖީޑީޕީ އެއްކޮށްލުމުން ވާވަރަށްވުރެ ވެސް މާ ބޮޑު އަދަދެކެވެ. އެޕަލް، މައިކްރޯސޮފްޓް، އެމެޒޯން، ގޫގުލް، ޕެފްސީ، ކޮކާކޯލާ އަދި ދުނިޔޭގެ ބޮޑެތި މީޑިއާތަކާއި ފާމަސޫޓިކަލް ކުންފުނިތަކުގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ވެންގާޑާއި، ބްލެކްރޮކް އާ މި ދެ ކުންފުންޏެވެ. ދުނިޔޭގައި އުފައްދާ ހުރިހާ ހަތިޔާރެއްގެވެސް ކޮންޓްރޯލު އޮތީ މިވެރިންގެ އަތުގައެވެ.
ބްލެކްރޮކް އާއި ވެންގާޑް ގެ އިތުރުން، ވޯލް ސްޓްރީޓްގެ މާލީ ބާރުވެރިކަން ފުރިހަމަކޮށްދޭ ތިންވަނަ ބަރެއްވެއެވެ. އެއީ ސްޓޭޓް ސްޓްރީޓް ކޯޕަރޭޝަނެވެ. 1792 ވަނަ އަހަރު އުފެދުނު މި މުއައްސަސާއަކީ އެމެރިކާގެ ދެވަނައަށް އެންމެ ދުވަސްވީ ބޭންކެވެ. މިއަދު މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކަސްޓޯޑިއަން ބޭންކް އަދި އެސެޓް މެނޭޖަރެވެ.
ބްލެކްރޮކާއި ވެންގާޑާ އެކު ސްޓޭޓް ސްޓްރީޓް ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލްކުރާ ބިގް ތުރީ އަށެވެ. މި ތިން ކުންފުނި އެއްވެގެން މުޅި ދުނިޔޭގެ ކެޕިޓަލިޒަމްގެ މައިބަދަ ކޮންޓްރޯލު ކުރެއެވެ. މިގޮތުން، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވާ މާލީ އިދާރާތަކާއި، ސަރުކާރުތަކާއި، އަދި ބޮޑެތި ފަންޑުތަކުގެ އެތައް ޓްރިލިއަން ޑޮލަރެއްގެ މުދާ ރައްކާތެރިކޮށް ހިންގައިދެނީ މި ފަންޑުތަކުންނެވެ. މި ފަންޑުތަކުގެ ބާރުވެރިކަން އޮންނަނީ ހަމައެކަނި ފައިސާގެ ތެރެއަކު ނޫނެވެ. އޭގެ ބަދަލުގައި ބޮޑެތި ކުންފުނިތަކުގެ ޕްރޮކްސީ ވޯޓިން ނުވަތަ ވޯޓުލުމުގެ ބާރު ބޭނުންކޮށްގެން، ކުންފުންޏާއި ބޯޑުތަކާއި ސިޔާސަތުތައް އެމީހުން ބޭނުންވާ ގޮތަށް ބަދަލުކުރެއެވެ. މީގެ މާނައަކީ ދުނިޔޭގެ އެކި ސިނާއަތްތަކުގެ ނިންމުންތަކާއި މާލީ ސިޔާދަތު ބައްޓަންކުރުމުގައި މި ތިން ފަންޑުގެ އެއްބަސްވުމާއި ނުފޫޒު ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކަށްވުރެ މާ ބާރުގަދަ ކަމެވެ.
މިގޮތުން، ބްލެކްރޮކް އިން ތައާރަފުކުރީ އަލާއުއްދީން (Aladdin) ނިޒާމަކީ ދުނިޔޭގެ މާލީ ނެޓްވޯކްގެ އެންމެ ބާރުގަދަ ސިކުނޑިއެވެ. މި ނިޒާމަކީ، މާލީ ބާޒާރުތަކުގެ ހުރިހާ ހަރަކާތްތަކެއް ޗެކުކުރުމަށާއި، އިންވެސްޓްމަންޓްތަކުގެ ރިސްކް މެނޭޖްކުރުމަށް ބްލެކްރޮކް އިން ބޭނުންކުރާ ސުޕަރ-ކޮމްޕިއުޓަރ އޭއައި ނިޒާމެކެވެ. މިއަދު މި ނިޒާމުން ދުނިޔޭގެ މުޅި މާލީ މާކެޓުގެ ބޮޑުބައެއް އެނަލައިޒް ކުރެއެވެ. އަދި 10 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ އެސެޓް ބްލެކްރޮކް އިން މެނޭޖްކުރެއެވެ.
ބްލެކް ސްޓޯން
1985 ގައި އުފެދުނު ބްލެކް ސްޓޯން (Blackstone) އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އިކުއިޓީ އަދި ރިއަލް އެސްޓޭޓް ފަންޑެވެ. ބްލެކްސްޓޯން އަކީ ދުނިޔޭގެ އެންމެ ބޮޑު ރިއަލް އެސްޓޭޓް އަދި އަމިއްލަ ކުންފުނިތައް ގަންނަ ފަންޑެވެ. އެމީހުން ވަނީ ދުނިޔޭގެ އެކި ގައުމުތަކުން މީހުން ދިރިއުޅޭ އެތައް މިލިޔަން އެޕާޓްމަންޓަކާއި، ހޮސްޕިޓަލްތަކާއި، އަދި ލޮޖިސްޓިކްސް ކުންފުނިތައް ސީދާ ގަނެ، އާންމު ދިރިއުޅުމުގެ އަގުތައް ކޮންޓްރޯލުކުރަން ފަށާފައެވެ. ބްލެކްސްޓޯން ފަދަ ކުންފުނިތަކުގެ ސިޔާސަތަކީ ހަމައެކަނި ހިއްސާ ގަތުމެއް ނޫނެވެ. އޭގެ ބަދަލުގައި ކުންފުނިތައް އެއްކޮށް ގަނެ، އޭގެ ހިންގުން ބަދަލުކޮށް، ފައިދާ އެންމެ މަތީ ދަރަޖައަށް ގެންދިއުމަށްފަހު އަލުން ބޮޑު އަގުގައި ވިއްކާލުމެވެ. މިއީ ދުނިޔޭގެ ބިމާއި، ގެދޮރާއި، އަދި އަސާސީ ހިދުމަތްތައް މަދު މަހުޖަނުންތަކެއްގެ މުށުތެރެއަށްލާ ފިއްތާލާ މާލީ ބާރެކެވެ.
2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ ހީނަރުކަމާއި، ތަދުމަޑުކަމަށްފަހު އެމެރިކާއާއި ޔޫރަޕުގެ އެތައް ހާސް އާންމު ރައްޔިތުންނެއްގެ ގެއެއް ބްލޮކް ސްޓޯނުން ގަނެލިއެވެ. މިއަދު އެމީހުންނަކީ ދުނިޔޭގެ އެންމެ ބޮޑު ބިމުގެ ނުވަތަ ގޭގެ ވެރިޔާ؛ ލޭންޑްލޯޑް އެވެ. އާންމު ރައްޔިތުންނަށް އަމިއްލަ ގެއެއް ގަތުމުގެ ފުރުސަތު މިހާރު ވަރަށް ހަންޏެވެ. އޭގެ ބަދަލުގައި އާއްމު ރައްޔިތުން އުޅެންޖެހިފައިވަނީ ބްލެކް ސްޓޯނަށް ކުލިދައްކައިގެނެވެ. މި ފަންޑުތަކަށް ކުލި އެހެންކަމުން، އާ ޒަމާނުގެ އަޅުވެތިކަން ނުވަތަ ނިއޯ-ފެއުޑަލިޒަމް ތައާރަފުކުރި ފުރަތަ ބަޔަކަށް ބްލެކްސްޓޯން ވެގެންދަނެއެވެ.
ހަތަރުވަނަ ސިނާއީ އިންގިލާބާއި ޑިޖިޓަލް ސިޔާދަތު
މިއަދު އިގުތިސޯދީ ސިޔާދަތު އޮތީ ހަމައެކަނި ފައިސާގެ މައްޗަކު ނޫނެވެ. މިއީ 'ޑޭޓާ' ގެ ޒަމާނެވެ. ބިގް ޓެކް (Apple, Amazon, Meta, Microsoft) ކުންފުނިތައް ކަމަށްވާ އެޕަލް، އެމަޒޯން، މެޓާ އަދި މައިކްރޯސޮފްޓް ފަދަކުންފުނިތަކަކީ ގައުމުތަކުގެ ސަރުކާރުތަކަށްވުރެ ބާރުގަދަ ބަޖެޓާއި، އަމިއްލަ ގާނޫނުތަކެއް ހިންގާ ޑިޖިޓަލް އެމްޕަޔަރުންނެވެ. އެމީހުންގެ ފުރަގަހުގައި ތިބީވެސް ކުރިން ދެންނެވި ފަދައިން ބްލެކްރޮކް ފަދަ ވޯލް ސްޓްރީޓްގެ މެގަ ފަންޑުތަކެވެ. ގައުމެއްގެ ބޭންކިން ނިޒާމާއި، މުވާސަލާތާއި، ރައްޔިތުންގެ ޒާތީ މައުލޫމާތާއި، ބައިނަލްއަގުވާމީ ކޯޕަރޭޝަންތަކުގެ މައުލޫމާތުތައް ރައްކާކުރެވިފައިވަނީ މި ކުންފުނިތަކުގެ ކްލައުޑް ސާވަރުތަކުގައެވެ.
ޑިޖިޓަލް ކަރަންސީ އާއި ބިޓްކޮއިން
ވޯލް ސްޓްރީޓްގެ މަރުކަޒީ ނިޒާމަށާއި އެމެރިކާ ޑޮލަރުގެ ބާރާއި، ނުފޫޒަށް މިހާތަނަށް އައި ޓެކްނޮލޮޖިކަލް އެންމެ ބޮޑު ގޮންޖެހުމަކީ ޑިޖިޓަލް ކަރަންސީ އާއި ބިޓްކޮއިން (Bitcoin) ފަދަ ޑީސެންޓްރަލައިޒްޑް ނުވަތަ ވަކި ފަރާތަކުން ކޮންޓްރޯލް ނުކުރާ ކްރިޕްޓޯ ކަރަންސީތައް އުފެދުމެވެ. މިގޮތުން، ސަޓޯޝީ ނަކަމޯޓޯގެ ނަމުގައި 2009 ވަނަ އަހަރު ތައާރަފުވެގެންއައި ބިޓްކޮއިންގެ އަސްލު ފަލްސަފާއަކީ މަރުކަޒީ ބޭންކުތަކާއި ވޯލް ސްޓްރީޓްގެ މެދުވެރިކުރުމަކާއި ނުލައި، ފައިސާގެ ފުރިހަމަ ސިޔާދަތު ސީދާ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމެވެ. މިއީ ފައިސާގެ ކޮންޓްރޯލް ދައުލަތްތަކުގެ ކިބައިން ނިގުޅައިގަތުމުގެ މަސައްކަތަށް ގެނައި އިންގިލާބެކެވެ. ނަމަވެސް، ތާރީޚުގެ އޮއިވަރު ބަދަލުވެ، މިއަދު ބިޓްކޮއިންގެ މާކެޓަށްވެސް މިވަނީ ވޯލް ސްޓްރީޓްގެ ނުފޫޒު ވަދެފައެވެ. ބިޓްކޮއިންގެ އެންމެ ބޮޑު ބާރުވެރިކަމެއް މިހާރު އޮތީ އެމެރިކާގެ ބޮޑެތި ސްޕޮޓް ބިޓްކޮއިން އީޓީއެފް ހިންގާ ބްލެކްރޮކް އާއި ފިޑެލިޓީ ފަދަ މެގާ ފަންޑުތަކުގެ އަތުގައެވެ. މީގެ އިތުރުން މައިކްރޯސްޓްރެޓެޖީ ފަދަ ކޯޕަރޭޓް ގްރޫޕްތަކުން ދަނީ އެތައް ބިލިއަން ޑޮލަރެއްގެ ބިޓްކޮއިން ގަނެ، މާކެޓުގެ ސަޕްލައި ކޮންޓްރޯލް ކުރަމުންނެވެ.
މި ބާރުވެރިކަމާ ދެކޮޅަށް ދުނިޔޭގެ މަރުކަޒީ ބޭންކުތަކުން މިހާރު ދަނީ ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ - ސީބީޑީސީ ނުވަތަ ދައުލަތުން ސީދާ ކޮންޓްރޯލްކުރާ ޑިޖިޓަލް ފައިސާ ތައާރަފުކުރަމުންނެވެ. މި ނިޒާމުގެ ސަބަބުން ކަރުދާހުގެ ނޫޓު މުޅިން ނެތިދާނެކަމަށް ބެލެވެއެވެ. އަދި މި ޑިޖިޓަލް ކަރަންސީއާއެކު ކޮންމެ ފަރުދެއްގެ ހުރިހާ މާލީ މުއާމަލާތްތަކެއް ސީދާ ސަރުކާރުތަކަށާއި މަރުކަޒީ ބޭންކުތަކަށް މޮނީޓަރ ކުރެވޭނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކުގެ އެކައުންާތުތައް ފްރީޒްކޮށްލުމުގެ ބާރު ސަރުކާރާއި މަރުކަޒީ ބޭންކުތަކަށް ލިބިގެންވެއެވެ. އެހެންކަމުން، ޑިޖިޓަލް ކަރަންސީއަކީ މިއަދު ފަރުދުންގެ މިނިވަންކަމާއި، ވޯލް ސްޓްރީޓްގެ ބޮޑެތި ފަންޑުތަކުގެ ނުފޫޒާއި، އަދި ދައުލަތްތަކުގެ މާލީ ސިޔާދަތުގެ މުސްތަގުބަލު ކަނޑައަޅާނެ އެންމެ ފަހުގެ އަދި އެންމެ ނުރައްކާތެރި މައިދާނެވެ.
ތަހުލީލު: އިގުތިސޯދީ މައިދާނުގައި މުސްލިމުންނަށް ކުރި ނުހޯދުނު ސަބަބުތައް
އިސްލާމީ ހިލާފަތްތަކަކީ އެތައް ސަތޭކަ އަހަރަކު ދުނިޔޭގެ ސިޔާސީ އަދި އަސްކަރީ ސިޔާދަތު ބެލެހެއްޓި ބާރުތަކެވެ. ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު ބައިނަލްއަގުވާމީ މާލީ ނިޒާމުގެ މައްޗަށް ޔަހޫދީންނާއި ހުޅަނގުގެ ބޭންކަރުން ފަދައިން މުސްލިމުންނަށް ކުރި ނުހޯދުނު މުހިންމު ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ ސަބަބަކީ، އިސްލާމީ އިގުތިސޯދުގެ އަސާސަކީ ހަގީގީ މުދަލާއި ވިޔަފާރީގެ މައްޗަށް ބިނާވާ ނިޒާމަކަށް ވުމެވެ. މުސްލިމުން ރިބާ އާއި ކަރުދާސް ފައިސާގެ އިންފްލޭޝަނަރީ މޮޑެލްތަކާ މުސްލިމުން ދުރުހެލިވިއެވެ. ނަމަވެސް، ޔަހޫދީ ބޭންކަރުން ދިޔައީ ފްރެކްޝަނަލް ރިޒާވް ބޭންކިން ނުވަތަ ނެތް އެއްޗަކުން ފައިސާ އުފައްދައިގެން މުޅި ދުނިޔެ ދަރަނިވެރިކުރުވާ މެކޭނިޒަމްތައް ތަރައްގީކުރަމުންނެވެ.
ދެވަނަ ސަބަބަކީ، އިސްލާމީ ދައުލަތްތަކުން ޖިއޮގްރަފިކަލް އަދި އަސްކަރީ ގޮތުން ބާރުވެރިބަޔަކަށް ވުމަށް މާބޮޑަށް ސަމާލުކަން ދިނުމެވެ. އޭގެ ސަބަބުން ހުޅަނގުން އުފެއްދި ބައިނަލްއަގުވާމީ ކޯޕަރޭޓް މާލީ އިދާރާތަކާއި، ޖޮއިންޓް-ސްޓޮކް ކުންފުނިތައް، މިސާލަކަށް، އީސްޓް އިންޑިއާ ކުންފުނި ފަދަ ބޯޑަރެއްނެތް ކުންފުނިތައް އުފެއްދުމުގައި މުސްލިމުންގެ ފަހަތުފަޔަށް ބުރަވުމެވެ. ތިންވަނަ ސަބަބަކީ، އިބްން ހަލްދޫންވެސް އަލްމުގައްދިމާގައި ބަޔަންކުރައްވާފައިވާ ފަދައިން އިސްލާމީ ހިލާފަތްތަކުގެ ފަހުކޮޅުގައި ވެރިންގެ މެދުގައި އިސްރާފާއި ލަގްޒަރީ ދިރިއުޅުމާއި، ހަރަދުތައް ބޮޑުވެ، ދައުލަތްތަކުގެ އެތެރޭގެ އުފެއްދުންތެރިކަން ދަށަށް ދިޔުމެވެ. އަދި ބޭރުގެ ގައުމުތަކުގެ މާލީ ދަރަންޏަށް ބަރޯސާވާން ޖެހުމެވެ. މީގެ އެންމެ ސާފު މިސާލަކީ އުސްމާނީ ހިލާފަތުގެ ފަހުކޮޅު، ޔޫރަޕުގެ ބޭންކުތަކުން ނެގި ބޮޑެތި ލޯނުތަކުގެ ސަބަބުން މުޅި ދައުލަތް ބޭންކްރަޕްޓްވެ، އިގުތިސޯދީ ސިޔާދަތު މުޅިން ގެއްލިގެންދިޔުމެވެ.
ނިންމުން
ތާރީހުގެ ދިގު ދަތުރަށް ބަލާއިރު، އިގުތިސޯދީ ސިޔާދަތު ވަނީ ސައިކްލިކަލް ނުވަތަ ބުރުޖަހާ ބަދަލުތަކެއް ކަޑައްތުކޮށްފައެވެ. އީސާގެފާނުގެ ޒަމާނުގައި ރޯމަނުން ބާރު ހިންގީ ކަނޑިންނެވެ. އިސްލާމީ ހިލާފަތުގައި އެ ބާރު ބަދަލުވީ އަދުލުވެރި މަރުކަޒީ ދައުލަތަކަށެވެ. އެޑަމް ސްމިތުގެ ފިކުރާއެކު ކެޕިޓަލިޒަމް އުފެދި، ރޮތުސްޗައިލްޑްގެ ޒަމާނުން ފެށިގެން ބާރު ފުރޮޅިގެން ދިޔައީ ބޭންކަރުންގެ އަތްމައްޗަށެވެ. މިއަދު ވޯލް ސްޓްރީޓްގެ ބްލެކްރޮކް، ވެންގާޑް، އަދި ބްލެކް ސްޓޯން ފަދަ ފަންޑުތަކަކީ އެއްވެސް ގައުމެއްގެ ރައްޔިތުން ވޯޓުލައިގެން ހޮވާފައިވާ ބައެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ ކާބޯތަކެތީގެ އަގާއި، ތެލުގެ އަގާއި، ގައުމުތަކުގެ ދަރަނީގެ ރޭޓު ކަނޑައަޅަނީ މިއަދު މި ފަންޑުތަކުގެ އޭއައި އަލްގޮރިދަމް (Algorithm) ތަކުންނެވެ. ރޯމުގެ މާލީ ސިޔާދަތު މިއަދު މިވަނީ ވޯލް ސްޓްރީޓްގެ ޑިޖިޓަލް މޮނޮޕޮލީއަށް ބަދަލުވެފައެވެ.




