އަހަރުގެ އެންމެ މޮޅު އިންޖީނިއަރުގެ އެވޯޑު، ހަކަތައިގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮށްފައިވާ ޑރ. ފުރުގާން އިބްރާހިމަށް.-- ފޮޓޯ: ރައީސް އޮފީސް
އިންޖިނޭރުންގެ އެވޯޑް ފުރަތަމަ ފަހަރަށް ދީފި
ހަސަން އިބްރާހީމް 10 ސެޕްޓެމްބަރ 2026 (ބުރާސްފަތި)   23:50
ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަލަށް ތައާރަފްކުރި "އިންޖިނޭރުންގެ އެވޯޑު 2026" 10 ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން އެވޯޑު ހަފުލާ، ބާސެލޯ ނަސަންދުރާ ހޮޓެލްގައި ބޭއްވިއިރު، މި އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ރަސްމިއްޔާތުގައި އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "އިންޖިނިއަ އޮފް ދަ އިޔަ" އެވޯޑާއި "އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަޗް އެވޯޑު" ހާސިލްކުރެއްވީ އެމްޑަބްލިއުއެސްސީގެ ޖެނެރަލް މެނޭޖަރަކަށް މަސައްކަތްކުރައްވާ ޑރ. ފުރުގާން އިބްރާހީމެވެ.

އެސިސްޓެންޓް މެކޭނިކެއްގެ ގޮތުގައި މީގެ 20 އަހަރު ކުރިން އެމްޑަބްލިއުއެސްސީއާ ގުޅިވަޑައިގެންނެވި ފުރުގާން ވަނީ ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީން މެކޭނިކަލް އިންޖީނިއަރިންގެ ރޮނގުން ޑިގްރީ އަދި އެނާޖީ ޓެކްނޮލޮޖީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ.

އޭނާ ވަނީ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަންސް ޑިވިޝަންގެ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ.

އޭގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، އިންޖީނިއަރިންގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި ތިން ބޭފުޅަކަށް ވަނީ އަރުވައިފަ އެވެ. އެއީ؛

  • އަބްދުއްޝަކޫރު ސޯލިހު: ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަމާއި ދައުލަތުގެ ގިނަ މަގާމުތައް ފުރުއްވި ޝަކޫރު ވަނީ ރާއްޖޭގައި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމާއި އެ ދާއިރާގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އަދި އެ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައި.
  • މަރުހޫމް އަހުމަދު މަހުރީން: އިންޖީނިއަރިން އަދި އޭވިއޭޝަން އިންފްރާސްޓްރަކްޗާ ދާއިރާއަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި. އޭނާ ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައި ގައުމުގެ އެކި ކަންކޮޅުތަކުގައި ހިންގި އުމްރާނީ ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި.
  • މަރުހޫމް މުހައްމަދު ރަޝީދު: އެޕްރެންޓިސްޝިޕެއްގެ ގޮތުގައި ސްޓެލްކޯއަށް ގުޅިވަޑައިގެންނެވި ރަޝީދު ވަނީ އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމު ފުރުއްވާފައި. އޭނާ ވަނީ ރާއްޖޭގެ ކަރަންޓުގެ ދާއިރާއަށް 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައި.


އެވޯޑު ހާސިލްކުރި އިތުރު ފަރާތްތައް؛

  • ޔަންގް އިންޖިނިއާ އެވޯޑު: މުހައްމަދު ޒިދާން ހަސަން. ވިލާ ކޮލެޖުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޒިދާން މި ވަގުތު މަސައްކަތްކުރަނީ އެމްއޭސީއެލްގައި.
  • އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިޔުކޭޝަން އެންޑް ރިސާޗް އެވޯޑު: ޑރ. ފުރުގާން. 
  • ސަސްޓެއިނެބިލިޓީ ޗެމްޕިއަން އެވޯޑުު: އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ އިރުގެ ހަކަތަ އާއި އެންއެސް ބެޓެރި ބޭނުންކޮށްގެން ޑީކާބަނައިޒްޑް ސީވޯޓާ ޑީސަނަލައިޒޭޝަން ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓް.
  • ސްޓޫޑެންޓް އިނޮވޭޓާ އެވޯޑު: ހުސެއިން ޖައުޝަން. މެލޭޝިޔާގައި މެކޭނިކަލް އިންޖީނިއަރިން ކިޔަވާ ޖައުޝަން ވަނީ ސިއްހީ ދާއިރާ އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެކި ތަކެތި އުފައްދާފައި.
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު: އެމްޑަބްލިއުއެސްސީ. މި އެވޯޑު ލިބުނީ ދުވާފަރުގައި ހިންގި އިންޓެގްރޭޓެޑް ޔުޓިލިޓީ ޕްރޮޖެކްޓަށް.
  • ވިމެން އިން އިންޖިނިއަރިން އެވޯޑު: އަސްރާރު. ސިވިލް އިންޖީނިއަރަކަށް 15 އަހަރު ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އަސްރާރަކީ ރާއްޖޭގެ ފުރަތަމަ ޗާޓާޑު އަންހެން ސިވިލް އިންޖީނިއަރު.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަން މި އަހަރު ބޭއްވި ހަރަކާތްތަކުން، އެފަދަ ފަންނުވެރި މަސައްކަތްތައް ދައްކައި، އެ ކަންތައް ކިޔައިދިނުމަކީ ދަރިވަރުން މަހުރޫމް ކޮށްފައިވާ ކަމެއް ކަން އެނގުނު ކަމަށެވެ.

މިގޮތުން، ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިނގާއިރު އެކަންކަން އެ ކުދިންނަށް ކިޔައިދިނުމަށް އެއްވެސް ސަމާލުކަމެއް ދެވިފައިނުވާ ކަމަށާއި، މި އަހަރު އެކަން ފުޅާދާއިރާގައި ހިންގިފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ފާހަގަކުރި އިންޖީނިއަރުންގެ ދުވަހާ ގުޅުވައި މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ސިނަމާލެ ބްރިޖު ސައިޓަށް އަދި ރަށްރަށުގައި އިންޖީނުގެތަކާއި ފެން ޕްލާންޓު އަދި އެކި މަޝްރޫއުތައް ހިންގާ ސައިޓުތަކަށް ދަރިވަރުން ޒިޔާރަތްކުރި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުދިން ބްރިޖު ސައިޓަށާއި ރަށްރަށުގައި ހިނގަމުންދާ މަޝްރޫއުތަކުގެ ސައިޓުތަކަށް ގެންގޮސް، މަސައްކަތް ގެންދާ ގޮތް ކިޔައިދީފައިވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖީނިއަރުންގެ އެވޯޑަށް 10 ކެޓަގަރީއަކުން ހުޅުވައިލި އެވެ. އެ ކެޓަގަރީތަކަށް 77 ހުށަހެޅުން ލިބުނަސް މިރޭ އެވޯޑު ދީފައިވަނީ އޭގެ ތެރެއިން އަށް ކެޓަގަރީއަކުންނެވެ.

ކޮމެންޓް