ހއ.ފިއްލަދޫގެ އިހުތިސޯސްގައި ހިމެނޭ އެއަތޮޅު ދައްޕަރު - ފޮޓޯ: އިންސްޓަގްރާމް
ދައްޕަރު 50އަހަރަށް ކުއްޔަށްދޭން ފިއްލަދޫ ކައުންސިލުން އުޅެނިކޮށް އެކަން ހުއްޓުވައިފި
"ފިއްލަދޫގެ ބިން ދޫކުރެވޭނީ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް، އެ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް (ދައްޕަރުން) ބިން ދޫނުކުރެއްވުމަށް ދަންނަވަން" – މިނިސްޓްރީ
ހިޝާމް ހާރޫން 25 ސެޕްޓެމްބަރ 2026 (ހުކުރު)   16:38
ހއ.ފިއްލަދޫގެ އިހުތިސޯސްގައި ހިމެނޭ 'ދައްޕަރު' ވެސް ހިމެނޭހެން ފާސްކޮށްފައިވާ ފިއްލަދޫގެ ލޭންޑްޔޫސް ޕްލޭނާ ހިލާފަށް، ދައްޕަރު 50 އަހަރަށް ކުއްޔަށްދިނުމަށް، ވެރިކަންކުރާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮންނަ ފިއްލަދޫ ކައުންސިލުން ނިންމާ، ބީލަން އިއުލާންކޮށްފައި ވަނިކޮށް، އެކަމާ ދެކޮޅަށް ފިއްލަދޫ ރައްޔިތުންތަކެއް ކުރި މަސައްކަތްތަކާ އެއްގޮތަށް، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް އިން އެ މަޝްރޫއު ހުއްޓުވައިފިއެވެ.

ހުސްވި އޮގަސްޓުމަހުގެ 20 ވަނަ ދުވަހު، ފިއްލަދޫ ކައުންސިލުން ގެޒެޓުކޮށް އާންމުކުރި ދައްޕަރުގެ ބީލަމުގައި ބުނެފައި ވަނީ، އެރަށުގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ބޭނުންވާ ފަރާތަކުން، ސީއެސްއާރް (ކޯޕްރަލް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ގޮތުގައި މަދުވެގެން އެއް މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށާ، މީގެއިތުރުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ވެސް މަދުވެގެން ހަތަރު ލައްކަ ޑޮލަރު ދައްކަންޖެހޭކަމަށެވެ.

އަދި ކުލީގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ރަށް ތަރައްގީކުރުމަށް ގިނަވެގެން 36 މަސްދުވަހުގެ މުއްދަތެއް ލިބޭގޮތަށް ކަނޑައަޅާ ހުޅުވާލި އެ ބީލަމުގައި ބުނަނީ، މި މަޝްރޫއަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށް ކަމަށް ވާއިރު، އެވަރުގެ ދިގު މުއްދަތަކަށް އެ ރަށް ކުއްޔަށް ދިނުމާއި، ފިއްލަދޫ ބިމުން ދެބައިކުޅައެއްބައި ވަރުގެ އޭރިއާއެއް (ދައްޕަރު) އެއްބަޔަކަށް އެއްފަހަރާ ދިނުމުން ދެން އަންނަންއޮތް ޖީލުތަކަށް އެ ބިމުން ކުރަންޖެހޭ އެކަށޭނަ މަންފާއަށް ހުރަސްއެޅިގެން ދިޔުމަކީ ފިއްލަދޫގެ ގިނަރައްޔިތުންތަކެއްގެ ކަންބޮޑުވުމަކަށް ވެގެން ދިޔައެވެ.

އަދި ދައްޕަރުން ކުއްޔަށް ދޭ ބިމުގެ އަހަރީ ކުއްޔާ މެދު ވެސް އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ބީލަމުގައި ބުނަނީ، އަހަރީ ކުއްޔަކީ އަކަމީޓަރަކަށް 3 ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކަށް ހއ. އަދި ހދ. އަތޮޅުގައި ކަނޑައަޅާފައިވާ ގާނޫނީ ކުލީގެ އޮނިގަނޑަކީ އަކަމީޓަރަކަށް އަހަރަކު 4 ޑޮލަރު ކަން ފާހަގަކޮށްލެވެއެވެ.

ދައްޕަރުގެ ބީލަމުގައި، އެރަށުގައި ތަރައްގީކުރަންޖެހޭނެ ކޮޓަރި ނުވަތަ އެނދުގެ އެންމެ މަދު މިންވަރު ބަޔާންކޮށްފައި ނުވާއިރު، އެހާ ބޮޑު ސަރަހައްދަކުން ފަތުރުވެރިކަން ތަރައްގީކުރާނެ މިންވަރު އެނގޭނެ ސާފު ޝަރުތެއް ނެތި، އެއް އިންވެސްޓަރަކަށް 50 އަހަރަށް 226.13 ހެކްޓަރު ދޫކޮށްލަނީ ކީއްވެގެންތޯ އެރަށުގެ ރައްޔިތުން އޭރު ވެސް ސުވާލު އުފެއްދިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އުތުރުގައި ތަރައްގީކުރާ މިފަދަ ރިސޯޓުތަކުގައި މަދުވެގެން 150 އެނދު ނުވަތަ 75 ކޮޓަރި ތަރައްގީކުރަންޖެހެއެވެ.

އެހެންކަމުން އެކަމާ ނުރުހުން ފާޅުކޮށް އެ ބީލަން ބާތިލުކޮށް އެކަން ހުއްޓުވުމަށް ފިއްލަދޫ ރައްޔިތުންގެ ތެރެއިން ބަޔަކު މަސައްކަތް ފަށާ، ޕެޓިޝަނެއް ވެސް އެކުލަވާލިއެވެ. އަދި ހަމަ އެއާއެކުގައި ފިއްލަދޫގެ ރައްޔިތަކު އެކަން ލޯކަލް ގަވަމެންޓް އޮތޯރިޓީއަށާއި، އެ އޮތޯރިޓީގެ ބެލިވެރި ފަރާތްކަމުގައިވާ، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓުގެ އިތުރުން ވެސް، ކަމާބެހޭ އެހެނިހެން ވުޒާރާތަކަށާއި އިދާރާތަކަށް ޝަކުވާ ހުށަހަޅައިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން "ސޭވް ދައްޕަރު" ގެ ނަމުގައި ފިއްލަދޫގެ ރައްޔިތުންގެ ތެރެއިން އެކުލަވާލި ޓީމަކުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތުގެ މުގުލުގައި އިސްކޮށް ހުންނެވި ފިއްލަދޫގެ ރައްޔިތަކު ވަނީ، ދައްޕަރު ކުއްޔަށްދެނީ ކަނޑައެޅިގެން ޤާނޫނާ ހިލާފަށް ކަމަށާ، ފިއްލަދޫގެ އިހުތިސޯސްގައި ހިމެނޭ އެ ރަށަކީ ފިއްލަދޫގެ ރައްޔިތުންނަށް ލިބިފައިވާ ބިމުގެ ދެބައިކުޅަ އެއްބައި ކަމަށްވާއިރު، އެ ބިން ދިގުމުއްދަތަށް ކުއްޔަށް ދިނުމަކީ ފިއްލަދޫގެ މިހާރުގެ ރައްޔިތުންނަށާއި، އަންނަންއޮތް ޖީލުތަކަށް ވެސް ވެވޭ ބޭއިންސާފެއް ކަމަށްބުނެ އެކަން ތަހުގީގުކޮށްދެއްވާ ވަގުތުން ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކަށް މި މަހުގެ ކުރީކޮޅު ހުށަހަޅުއްވާފައެވެ.

ފިޔެސްއާ މައުލޫމާތު ހިއްސާކުރައްވަމުން ސޭވް ދައްޕަރު މޫވްމެންޓުން އޭރު ބުނެފައި ވަނީ، ފިއްލަދޫގައި ފަތުރުވެރިކަން ތަރައްގީކުރުމާ ނުވަތަ އިންވެސްޓްމަންޓްތަކާ އެ މޫވްމެންޓުން ދެކޮޅުނޫން ކަމަށާ، ކަންބޮޑުވަނީ އޭރު އެ ހުށަހަޅާފައިވާ ގޮތާއި އޭގެ މިންވަރާ މެދުގައި ކަމަށެވެ.

އަދި ބޭނުންވާ ޕްލޭނިންގ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރަށުގެ ބޮޑު ސަރަހައްދެއް ބައި ގަރުނަށް ބަންދުވެގެން ދިއުމުން ކުރާނެ ނޭދެވޭ އަސަރުތަކާ މެދުގައި ކަންބޮޑުވުން ފާޅުކުރައްވާ ސޭވް ދައްޕަރު މޫވްމެންޓުން އޭރު ބުނެފައިވަނީ، ދައްޕަރަކީ ފަތުރުވެރިކަމާއި، އަމިއްލަ ވިޔަފާރިތަކާއި، ކަނޑުގެ ހަރަކާތްތަކުގެ އިތުރުން އާންމު ހިދުމަތްތަކާއި އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށް މުސްތަގުބަލުގައި އޮތް ބޮޑު ފުރުސަތެއް ކަމަށާ، އެހެންނަމަވެސް 226.13 ހެކްޓަރުގެ ބިމާއި ފަޅު އެއްފަހަރާ 50 އަހަރަށް ކުއްޔަށް ދީފިނަމަ، އަންނަން އޮތް ޖީލުތަކަށް އެ ފުރުސަތުތައް ބަންދުވެގެންދާނެތީ އެއީ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"މައްސަލައަކީ ދައްޕަރު ތަރައްގީކުރުމެއް ނޫން، މައްސަލައަކީ ޕްލޭނިންގ މަރުހަލާތައް ފުރިހަމަނުކޮށް އަދި ރައްޔިތުންގެ ހަގީގީ ބަހެއް ނެތި، މިހާރު ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ދައްޕަރުގެ 226.13 ހެކްޓަރުގެ ސަރަހައްދެއް އެއް ފަރާތަކަށް 50 އަހަރަށް ދޫކޮށްލަން އުޅުން." – ސޭވް ދައްޕަރު މޫވްމެންޓް

މިކަމާގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާލުމަށް ފިއްލަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާދަމް ރާޝިދުއަށް އޭރު ފޯނުންގުޅުމުން ފޯނު ނުނެގުމުގެ ސަބަބުން ވަނީ މައުލޫމާތު ލިބޭގޮތް ނުވެފައެވެ.

ސޭވް ދައްޕަރު މޫވްމެންޓުގެ ފަރާތުން އެ ޝަކުވާތައް ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކަށް ހުށަހަޅުއްވާފައި ވަނިކޮށް، ލޭންޑްޔޫސް ޕްލޭނާ ހިލާފަށް، ދައްޕަރު ކުއްޔަށް ނުދެވޭނެ ކަމަށާ، އެކަން ހުއްޓާލުމަށް، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް އިން ބުދަ ދުވަހު ވަނީ ފިއްލަދޫ ކައުންސިލަށް އަންގާފައެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދަށް އެޑްރެސްކުރައްވާ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް އިން ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ފިޔެސް އަށް ލިބިފައި ވާއިރު، އެ ސިޓީގައި ވަނީ، ފިއްލަދޫ އިން ބިން ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ 21 ސެޕްޓެމްބަރު 2022 ގައި ފާސްކޮށްފައިވާ ފިއްލަދޫގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށްކަމުގައި ވާތީ، ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ބިން ދޫނުކުރެއްވުމަށް އެ ކައުންސިލަށް އަންގާ ކަމަށެވެ.

"ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 56-2 ގެ (ބ) އާއި، ޤާނޫނު ނަންބަރު 2024/16 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު) ގެ ދަށުން އެއްވެސް ބޭނުމަކަށް ބިން ދޫކުރެވޭނީ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމުގައި ދަންނަވަން. އެގޮތުން ފިއްލަދޫގެ ލޭން ޑްޔޫސް ޕްލޭން 21 ސެޕްޓެމްބަރު 2022 ގައި ފާސްކޮށްފައިވަނީ ދައްޕަރު ފެހި ސަރަހައްދެއްގެގޮތުގައި، ޒޯންކުރެވިގެންކަމަށް ވާތީ، އެ ސަރަހައްދުން އެހެން ބޭނުމަކަށް ބިން ދޫކުރެވެނީ ހަމަޖެހިފައިވާ ލޭންޑް ޔޫސް ޕްލޭނަސް އިސްލާހު ގެނެވި އެ އިސްލާހު މި މިނިސްޓްރީއަށް ހުށަހަޅުއްވާ ފާސްކުރުމަށްފަހުގައި ކަމުގައި ދަންނަވަމެވެ." - މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް

ފިޔެސްއާ މައުލޫމާތު ހިއްސާކުރައްވަމުން ސޭވް ދައްޕަރު މޫވްމެންޓުން މިއަދު ބުނެފައިވަނީ، ފިއްލަދޫގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކާ ދުރު ރާސްތާއަށް ވިސްނާ އަމާޒުހިފައިގެން ކުރަންޖެހޭ މިފަދަ ކަންކަމުގެ އެކޮޅާއި މިކޮޅު، ކުރިއަށްއޮތްތަނުގައި ވެސް ސޭވް ދައްޕަރު މޫވްމެންޓުގައި ހިމެނޭ ބޭފުޅުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށާ، މިފަދަ ކަންކަމުގައި އެ ބޭފުޅުން ވަރިހަމަކޮށްގެން ދެންވެސް ނުތިއްބަވާނެ ކަމަށެވެ.

ކޮމެންޓް