ނޫސްކޮންފަރެންސްގައި ފުލުހުން މައުލޫމާތު ދެއްވަނީ.--
ތިން މިނިސްޓްރީގައި ރޯވި ހާދިސާގެ ސީސީޓީވީ ފުޓޭޖް ދައްކައިފި
މަރްޔަމް މުޙައްމަދު 24 ސެޕްޓެމްބަރ 2026 (ބުރާސްފަތި)   15:10
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ ދެ އަހަރުވާން ގާތްވެފައި ވަނިކޮށް އެ ދުވަހުގެ ބައެއް ސީސީޓީވީ ފުޓޭޖުތައް ފުލުހުން ދައްކައި އާންމުކޮށްފި އެވެ.

2024 ޑިސެންބަރު 12 ގައި  ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި 'ޕިންކް ބިލްޑިންގް'އާއި 'ގްރީން ބިލްޑިންގް' އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެވި ވަގުތުގެ ފުޓޭޖްތައް އާންމުކުރީ މިއަދު ފުލުހުން ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.

އެ އަލިފާނުގެ ހާދިސާއާ ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ބަހުސްތައް އުފެދިފައިވަނިކޮށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ސީސީޓީޖީ ފުޓެޖުން ފެންނަ ގޮތުން ފުރަތަމަ ދުންއަރާ މަންޒަރު ފެނުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. އެއީ ހެނދުނު 6:13 ހާއިރެވެ.

އެ މަންޒަރު ފެނުނުއިރު އެ ސަރަހައްދުގައި ހަރަކާތްތެރިވީ އިމާރާތުގެ ސެކިއުރިޓީ ގާޑަކާއި، އެ ހިސާބުގައި ހުންނަ އެސްޓީއޯ ކޮށިން ދިޔަ ބިދޭސީ މީހެކެވެ. ނަމަވެސް އެ ހާދިސާ ރިޕޯޓުކުރީ، އެ ސަރަހައްދަށް ދިޔަ އެމްއެންޑީއެފް އޮފް ޑިއުޓީ އޮފިސަރެކެވެ. އެއީ 6:17ހާއިރެވެ.

އެއަށްފަހު އެމްއެންޑީއެފުން އެ ސަރަހައްދަށް ދިޔަ ގަޑިއެއް ސީސީޓީވީ ފުޓެޖުން ނުދައްކައެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ގޯތިތެރެއަށް ފަޔާ ފައިޓަރުން ވަދެފައި ވަނީ 6:35ހާއިރު ކަމަށް ވީޑިއޯއިން ފެނެއެވެ.

ފުލުހުން ކިޔައިދިން ގޮތުގައި، އިމާރާތުގައި ދުންގަނޑު ފެތުރެމުން ދިޔަ ނަމަވެސް އަލިފާން ރޯވެފައި ހުރި ތަނެއް ފަޔާ ފައިޓަރުންނަށް ފުރަތަމަ ނުފެނެއެވެ. އެހެންވެ، އަލިފާން ރޯވި ތަނެއް ހޯދަމުން ދަނިކޮށް ސީލިންގް މަތިން ރޯވެފައި ހުރި ނަރުތައް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ސީލިން ތެރެއިން ރޯވެފައި ހުރި ނަރުތަކެއް ފުރަތަމަ ފެނުނީ 7:16ގައެވެ. އެ އަލިފާން ނިއްވާލުމަށް ފަހު ވެސް ސީލިން ތެރޭގައި އެކިއެކި ސަރަހައްދުގައި ރޯވެފައިހުރިކަން އެނގުމުން، އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އަލިފާން ރޯވެފައި ހުރީ އެކި ތަންތަނުގައި ކަމުން، އެއްކޮށް ނިއްވާނުލެވި، ހުޅުގަނޑު ފެތުރިގެން ދިޔައީ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނި ގޮތުގައި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 12:45 ހާއިރެވެ. އަދި އެއްކޮށް ނިއްވާލެވުނީ 15:30 ގައެވެ.

އެ ފުޓޭޖް ދައްކަވަމުން، ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ، ގްރީން ބިލްޑިންގް ވަށައިގެން ސީސީޓީވީ ހަރުކޮށްފައިވާ ސަރަހައްދުތައް ހާމަކުރައްވައިފައެވެ. އަދި އެ ސީސީޓީވީތަކަށް ނުފެނި އެއްވެސް މީހަކަށް އެ ސަރަހައްދަށް ނުވަދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އަލިފާން ރޯވި ދުވަހުގެ ކުރީ ދުވަހުގެ 16:00، އެ ރޭ 00:00އާ ހަމައަށް އިމާރާތް ހުންނަ ބްލޮކަށް މިނިސްޓްރީގެ ސްޓާފުން ފިޔަވައި ބަޔަކު ވަދެފައިނުވާ ކަމަށެވެ. އަދި 00:40ގައި ހައުސިން މިނިސްޓްރީގެ އޮފީސް ތަޅުލުމަށް ފަހު ޑިއުޓީގައި ތިބީ ދެ ސެކިއިރިޓީ ގާޑުން ކަމަށާއި އެއަށްފަހު ފުރަތަމަ މަސައްކަތަށް އައީ، 6:01ގައި އައި ހައުސިން މިނިސްޓްރީގެ މުވައްޒަފެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މަސައްކަތު މީހެއް ކަމަށާއި އޭނާ އޮފީސް ތެރެއަށް ވަދެފައި ނުވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކޮމެންޓް