
ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފް (ޕީޕަލްސް ނެޝަނަލް ފްރަންޓް) އިން އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްކި ހުރިހާ ހުވަފެންތައް ބިލާހަކަށްވެ އޭރު ދެއްކެވި ހުރިހާ ވާހަކަތަކެއް މިއަދު އަވާމެންދުރަށް ވެފައިވާ ކަމަށާ ރައީސް މުއިއްޒު ކިބައިން ދިވެހިން މިއަދު ކުރާ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.
އެހެންކަމުން މިއަދުގެ މި ހާލަތު ބަދަލުކޮށްގެން ނޫނީ ގައުމު ސަލާމަތް ނުވާނެ ކަމަށާ، ހާލަތު ބަދަލުކުރަން ޕީއެންއެފާ އަދި އެމަނިކުފާނުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ދިވެހި ރައްޔިތުން އަތުކުރި އޮޅާލުމަށް ގޮވާލައްވާކަމަށް ވެސް "ނިކަން ތެބެފެނެއި" މި ނަމުގައި އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންވީ ރައްޔިތުންނަށް ނުހަނު ކުލަ ރީތި ހުވަފެންތަކެއް ދައްކައިގެން ނަމަވެސް އެ ވާހަކަތައް މިއަދު ރައީސް މުއިއްޒު ހަނދުމަ ނައްތާލަފައިވާ ކަމަށާ، އެގޮތުން ރައްޔިތުންނަށް 14 ހަފްތާގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ލިޔެ ނެރުނު ބޯ ފޮތުގައި ހުރި އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރު ވެސް، ވެރިކަމަށް 3 އަހަރު ފުރިގެންދާއިރު ނުފުދޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ މައްޗަށް މައްސަލަތަކެއް ހަދައި، ޝަރީއަތަށް ފޮނުވި ނަމަވެސް، ޖަލަށް ލާންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެންމެ ގިނަ ބަޔަކު ކުރި އެއް ސުވާލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެތޯ އާއި، އިންތިހާބުގެ ކުރިން އަލުން ޖަލަށް ލާނެތޯ ކުރި ސުވާލުކަމަށެވެ.
ޖަވާބުގައި، ހުރިހާ ކަމެއްވެސް ތަވައްކުލް ކުރައްވަނީ މާތް ﷲ އަށް ކަމަށާ، ކަންކަން އޮޅުވާލައިގެން މައްސަލަތައް އުފެއްދި ނަމަވެސް އެމަނިކުފާނު ޖަލަށް ލެވޭނެ އެއްވެސް އަސާސެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމެއްގެ ވެރިއަކު ރައްޔިތުންނާ ސަމާސާކޮށް، ހާލަތު އޮޅުވާލައިގެން ކަންކަން ސިއްރުކުރުމަކީ ލިބިގެންވާ ލައިސަންސެއް ނޫން ކަމަށާ، މިއަދު ފެންނަނީ ރައްޔިތުން ނިކަމެތިވެ ބިކަވަމުންދާއިރު، ސަރުކާރާއި ސަރުކާރާ ގާތް މީހުންގެ ދިރިއުޅުން އިންތިހާއަށް މުއްސަނދިވެ އުފުލިގެންދާ މަންޒަރު ކަމަށެވެ.
މިހާރު ރާއްޖެ ތަހައްމަލުކުރަމުންދާ ފަދަ އިގްތިސާދީ ތަދުމަޑުކަމެއް ދިވެހި ތާރީހުގައި ވެސް ދެކެފައިނުވާ ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެކަންކަން ރަނގަޅުކުރުމަށް ވަޒީރުންގެ މަޖިލީހުގައި ވެސް ރައީސް މުއިއްޒު ކުރައްވާ ކަމަކަށް ނުސީދާ ގޮތުން ވެސް ބަހެއް ބުނެލެވޭވަރުގެ ވަޒީރަކު ވެސް ނެތް ކަމަށާ، ކޮފީ މޭޒުތަކުގައި ސަމާސާއަކަށް ވާހަކައެއް ދެއްކި ވަޒީރުން ވެސް ވަނީ މަގާމުން ވަކިކޮށް ގެއަށް ފޮނުވާލާފައި ކަމަށެވެ.
އަދި ސަރުކާރުން ބާކީ އޮތް މުއްދަތުގައި ރައްޔިތުންނަށް ކަމެއް ކޮށްދޭނެ ކަމަށް އުންމީދު ކުރުމަކީ އަވާމެންދުރަކަށް އިންތިޒާރުކުރުން ފަދަ ކަމެއް ކަމަށް ވެސް ރައީސް ޔާމީން، ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.




