ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރުގެ ބިންގާ އެޅުން.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި
13 ސެޕްޓެމްބަރ 2026 (އާދީއްތަ)   20:23
އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާ އެކު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ބިންގާ އަޅައިފި އެވެ.

ދިވެހިރާއްޖެ އަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީ ގޮތުން 900 އަހަރު ފުރުން ފާހަގަކުރާ ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުން އެންމެ ބޮޑު މިސްކިތުގެ ބިންގާ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި އަޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ، ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރު (ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުالله) ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި މި މަޝްރޫއު ހަވާލުކޮށްފައިވާ ސައުދީ އަރަބިއްޔާގެ އަލްރާޖިހީ ކުންފުނީގެ  ސީއީއޯ ބަންދަރު އަބްދުﷲ އަލްރާޖިހީ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް-ގަހްތާނީ އާއި ހައުސިން ޑިވެލެޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މިސްކިތް ބިނާކުރަނީ ސައޫދީ އަރަބިއްޔާގެ އަލް ރާޖިހީ ކުންފުނީގެ މާލީ އެހީއާ އެކު އެވެ. މިސްކިތް ޑިޒައިން ކޮށްފައިވަނީ ވެސް އެ ކުންފުނީގެ ތަޖުރިބާކާރުންނެވެ. މި މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފާފައެވެ.

your imageހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުމެއް.--

ހުޅުމާލޭގައި ބޮޑު މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހުންނާނެ ކަމަށާއި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ.

މި މަރުކަޒުގައި ނަމާދުކުރާ ސަރަހައްދުގެ އިތުރުން އިސްލާމީ ތައުލީމާއި ސަގާފަތް އާލާކުރުމަށް ގިނަ ވަސީލަތްތަކެއް ހުންނާނެ އެވެ. އޭގެ ތެރޭގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރާނެއެވެ.

އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރާނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް ޤާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ. 

މި މަޝްރޫއަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއަކަށް ވާނެއެވެ.

ކޮމެންޓް