
އެކަމާގުޅޭގޮތުން މައުޫމާތު ދީފައިވަނީ، މިއަދު އިސްލާމިކް މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު މުހައްމަދު ޝަހީމްއެވެ.
ޝަހީމް ވިދާޅުވީ އުމުރުން 70 އަހަރުން މަތީގެ 324 މީހުންނަށް އެ އުސޫލުގެ ދަށުން އަންނަ އަހަރު ހައްޖުވުމުގެ ފުރުސަތު ދެވޭނެ ކަމަށާ، 75 އަހަރުން މަތީގެ 86 މީހުން އެހީތެރިންނާއެކު ހައްޖަށް ދިއުމުގެ ފުރުސަތު ވެސް ދޭނެ ކަމަށެވެ.
އެގޮތުން އަންނަ އަހަރު، ޖުމްލަ 410 މީހުންނަށް އެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝަހީމް ވިދާޅުވީ، އެ އުސޫލު ތަންފީޒުކުރުމާއެކު އަންނަ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް މިހާރު އަންދާޒާކޮށްފައިވާ މުއްދަތަށް ލަސްވުމެއް ނާންނާނެ ކަމަށެވެ.
އެހެން ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށް ވެސް އަންނަ އަހަރު އިސްކަންދޭނެ ކަމަށާ، އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖުގެ ކޯޓާގެ އަދަދަށް ބަލައި ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިގޮތަށް ބަދަލު ގެނައި ސަބަބަކީ، ހައްޖަށްދާން އެ މީހުން އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތުމުން ވީހާވެސް ގިނަ ދޮށީ އުމުރުގެ މީހުންނަށް ހައްޖު ވުމުގެ ފުރުސަތު ފަހިކޮށްދިނުން،" - ޝަހީމް
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެނީ، ހައްޖު ކިޔޫގައި ތިބޭތާ 3 އަހަރު ވެފައިވާ މީހުންގެ ގޮތުގައި ބަލާނީ ޑިސެމްބަރު 31، 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ އެންމެން ކަމަށާ، 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ ޑިސެމްބަރު 31، 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ މީހުންނަށް ކަމަށެވެ.
އެ އުސޫލުތަކުގެ ދަށުން ފުރުސަތު ދެވޭ ހުރިހާ އެންމެންނަކީ ވެސް މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، ހަމައެކަނި ހައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ކަނޑައަޅާފައި ވާއިރު، އެ ބަދަލާއެކު ކިޔުގައި ތިބި 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސަވުމެއް އައި ނަމަވެސް އެއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.




