
ގ. މާލެހިޔާ، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާ މި މައްސަލައިގައި ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ތުހުމަތުގައެވެ.
އަދި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ، ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާއިރު، ކުށުގެ ވެއްޓަށް ދިޔަ ފުލުސްމީހާގެ ބަޔާނާއި ހާދިސާ ރިޕޯޓާއި މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއް ހެކީގެ ގޮތުގައި ހުށަހަޅައިފައިވެއެވެ.
އަދި އޭނާ ހައްޔަރުކުރި ވަގުތު ލައިގެންހުރި އަންނައުނު ދައްކުވައިދޭ ފޮޓޯ ސެޓަކީ ވެސް ކޯޓަށް ހުށަހަޅައިފައިވާ އެއްޗެއް ކަމަށް އަމުރުގައިވާއިރު، އޭނާ އަކީ އެފަދަ ކުށްކުރާ މީހެއްކަން އޭނާގެ ހައްޔަރު އަދި ބަންދުލޮގަށް ބެލުމުން އެނގޭ ކަމަށާ އަދި އޭނާއަކީ އިތުރު ބާވަތްތަކުގެ ރެކޯޑުތައް ވެސް އޮތް މީހެއް ކަމަށެް އަމުރުގައިވެއެވެ.
އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން އެ ކުށް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައިވަނީ ބުނެފައި ވާއިރު، އޭނާ މިސްކިތްތަކަކަށް ގެއްލުންދީގެން މި މަހުގެ 11 ވަނަ ދުވަހުވެސް ހައްޔަރުކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. އޭނާގެ ބަންދަށް މިފަހަރު، ފުރަތަމަ ޖަހާފައި ވަނީ 15 ދުވަހުގެ މުއްދަތެކެވެ.




