
މިފަހަކަށް އައިސް މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ މިސްކިތްތަކުން ވައްކަން ކުރުމާ އެ ތަންތަނަށް އެކިވަރުގެ ގެއްލުންތައް ދިނުމުގެ މައްސަލަތައް އާންމުވަމުންދާ މި ދަނޑިވަޅުގައި އެކަމުގެ ކަންބޮޑުވުން މޭޔަރު އާޒިމް ފާޅުކުރައްވާފައި ވާއިރު، މާލެ ސިޓީ ކައުންސިލުން ބުނީ، މިފަދަ ހާދިސާތައް އިތުރުވަމުންދާއިރު، އެންމެ ފަހުން އިއްޔެރޭގެ ވަގުތެއްގައި މަސްޖިދުއް އަފީފުއްދީން މިސްކިތުގެ ވުޟޫކުރާ ބައިގައި ހުރި ކާނުމަތިގަނޑު ވެސް ވަގަށް ނަގާފައި ވާ ކަމަށެވެ.
އަދި ސިޓީ ކައުންސިލުން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކުރުމުން، ފުލުހުން މިހާރު ވަނީ މިކަން ކުރި މީހާ އާއި މިސްކިތުން ވަގަށް ނެގި އެލްމެނިއަމް ކާނުމަތިގަނޑު ހޯދައިފައި ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ސަރަހައްދުގައި ޖުމްލަ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ތަންތަނަށް ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެއް ކަމަށާ، އެގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާތަކާއި، ލައިޓް ތަކާއި ފެން އިސްކުރުތަކުގެ އިތުރުން ސައުންޑް ސިސްޓަމް ފަދަ އަގުބޮޑެތި ތަކެތި ވެސް ވަނީ މިފަހުން ވަގަށް ނަގާފައި ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ނަމާދަށް އަރާ ފަރާތްތަކަށް ދޭ ހިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރާކަމަށާ، އަދި އޭގެ އިތުރުން، އެފަދަ ކަންކަމުގެ ސަބަބުން ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވެސް މާލެ ސިޓީކައުންސިލުން މިއަދު ވަނީ ހިތާމަޔާއެކުގައި ފާހަގަކޮށްފައެވެ.




