
ޕީއެންސީގެ ކޮންގްރެސް (މަތީ މަޖިލިސް) ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ އެމަނިކުފާނާ ޓިކެޓް ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއާ ހަވާލު މިކުރީ މިމަހުގެ 17 ވަނަ ދުވަހު، ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމަނިކުފާނަށް ދެންނެވުމަށް ޕާޓީން ގަރާރެއް ފާސްކުރުމަށް ފަހުއެވެ.
އެ ގަރާރުގައި ބުނެފައިވަނީ ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓް ދޭން ނިންމީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ އާއި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާބުވާ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
މި ގަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރީ އަތް ހިއްލައިގެން ނެގި ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.
ހަމައެއާއެކު ގަރާރުގައި ވަނީ، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓު ދޭންޖެހޭ ކަމަށެވެ.
މިހާތަނަށް ޕީއެންސީގެ ރިޔާސީ ޓިކެޓަށް އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވާއިރު، މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ވެސް އަބްދުއްރަހީމް ވަނީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނީ ވަރަށް ފަސޭހައިން ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރުމަށް ޕީއެންސީގެ އެންމެހާ މެންބަރުންނަށް އަބްދުއްރަހީމް ގޮވައިލެއްވިއެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއާ ހަވާލުކުރުމުން ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އެމަނިކުފާނެވެ. މުއިއްޒަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް ޕީއެންސީގެ މަތީ މަޖިލީހުގެ މެންބަރުން ވަނީ އިގުރާރުވެސް ވެފައެވެ.
މިމަހުގެ 15 ވަނަ ދުވަހު ފެށި ޕީއެންސީގެ ކޮންގްރެސް މިރޭ ނިންމާލާއިރު މަގާމުތަކަށް އިންތިޚާބުވި ބޭފުޅުންނާއި، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރެއްވުން ކުރިއަށް ދިޔައެވެ.
އޭގެ ތެރޭގައި ޕާޓީގެ ނާާއިބު ރައީސުންނާއި މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރި އަންހެން މެންބަރުންނާއި ޒުވާނުންގެ މެންބަރުކަމުގެ މަގާމަށް އިންތިހާބު ބޭފުޅުންނާއި މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރި އާންމު މެންބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ އިދާރީ އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.




