ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން.-- ފޮޓޯ: ޕީއެންސީ
ޕީއެންސީ މެންބަރުންގެ އަދަދު އަށްޑިހަހާހުން މައްޗަށް
މަރްޔަމް މުޙައްމަދު 19 ސެޕްޓެމްބަރ 2026 (ހޮނިހިރު)   06:21
ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) މެންބަރުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވައި ނިންމެވުމަށްފަހު، ވަރަށް މުހިންމު ކަމެއް ފާހަގަ ކުރައްވަން އެބައޮތް ކަމަށް ވިދާޅުވެ ރައީސް އަލުން ޕޯޑިއަމަށް ވަޑައިގެން ވިދާޅުވީ މީގެ ދެ އަހަރު ކުރިން ޕީއެންސީގައި ތިބީ 2،000 މެންބަރުން ކަމަށާއި ޕާޓީއަށް މެންބަރުން އިތުރުކުރަން ކުރި މަސައްކަތުގެ ތެރެއިން މިހާ ހިސާބަށް 80،083 މެންބަރުން އެ ޕާޓީގައި އެބަތިބި ކަމަށެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރު ވުމަކީ ކުރާ މަސައްކަތަށް ލިބޭ ހިތްވަރެއް ކަމަށާއި އެއިން ދޭހަކޮށްދެނީ ޕީއެންސީގެ ފަލްސަފާ ރައްޔިތުން ގަބޫލުކުރާކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި އިރާދަކުރެވިއްޔާ ފަތުއަޑުގައި ދަމުން ދަމުން ގޮސް 100،000 އަށް ވުރެ ވެސް މައްޗަށް ދާނެ ކަމަށް ގަބޫލުކުރަނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެފައިވާއިރު މިހާ ގިނަ އަދަދެއްގެ މެންބަރުން މިހާތަނަށް އެއްވެސް ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ވެފައެއް ނުވެއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރަނީ ސަރުކާރާއި ސަރުކާރު ނިސްބަތްވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި މަޖުބޫރުކޮށްގެން ކަމަށް ބުނެ ގިނަ ވާހަކަތަކެއް ދެކެވެއެވެ. އެހެނަސް އެވާހަކަ ޕީއެންސީން ދޮގު ކުރެއެވެ.

ކޮމެންޓް