
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި ފާސްކުރި ގަރާރުގައި ބުނެފައިވަނީ ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓް ދޭން ނިންމީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ އާއި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާބުވާ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
މި ގަރާރު ޕީއެންސީގެ މަތީ މަޖިލީހުން ފާސްކުރީ އަތް ހިއްލައިގެން ނެގި ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.
ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަމަށް ފުރަތަމަ އިއުލާންކުރެއްވީ 2024 ނޮވެމްބަރު 23 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.
"އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް އަންނަވާ ބޭފުޅަކު އެ މަގާމުގަ ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް،" އަބްދުއްރަހީމް ކުރިން ވިދާޅުވެފައި ވެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް ވަނީ ގަރާރަށް ތާއީދުކުރައްވާ މުއިއްޒަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މުއިއްޒު ވާދަކުރައްވާނެކަން ކަށަވަރުވެގެންދިޔައިރު، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.




