ޕާކިސްތާނަށް ވަޑައިގެންނެވި ޕީއެންސީގެ މެންބަރުން.-- ފޮޓޯ: ޕީއެންސީ
މަޖިލިސް ރައީސާއެކު ޕީއެންސީގެ 15 މެންބަރަކު ޕާކިސްތާނަށް
މަރްޔަމް މުޙައްމަދު 22 ސެޕްޓެމްބަރ 2026 (އަންގާރަ)   15:44
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ޕާކިސްތާނަށް ވަޑައިގެންފި އެވެ.

ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ މި ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

އެމަނިކުފާނުގެ އިތުރުން ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ދެ ނައިބު ލީޑަރުންނާއި، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް މިވަފުދުގައި ހިމެނެއެވެ.

ޕީއެންސީން މައުލޫމާތު ދިން ގޮތުގައި މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް އެ ބޭފުޅުން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށް ޕީއެންސީން ބުނެފައި ވެއެވެ.

މި ދަތުރުފުޅުގައި ބައިވެރިޑައިގަންނަވާ މެންބަރުންނަކީ:

  1. ފޮނަދޫ ދާއިރާ މެންބަރު އަބްދުއްރަހީމް (މަޖިލީހުގެ ރައީސް)
  2. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ޕީއެންސީގެ ނައިބު ރައީސް)
  3. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
  4. ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
  5. މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް
  6. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް
  7. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން
  8. ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ
  9. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް
  10. ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު
  11. ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު
  12. ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ
  13. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ
  14. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު
  15. ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު
  16. އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒު


މި މެންބަރުންގެ އިތުރުން މަޖިލީހުގެ ރައީސްގެ ބިއުރޯ ޗީފް އަދި ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އާއި މަޖިލިސް ރައީސްގެ ސެކިއުރިޓީން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިއީ ހަދުވަހުގެ ދަތުރުފުޅެއް ކަމަށާއި އިއްޔެ ފުރާވަޑައިގަތްއިރު އެނބުރި ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ޕާކިސްތާނުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ދުބާއީއަށް ވަޑައިގެން ދުބާއީ މަގުން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް