
އުމަރު މުހުތާރަކީ ހަމައެކަނި ހަނގުރާމަވެރި ލީޑަރެއް ނޫނެވެ. އޭނާއަކީ ދީނީ އިލްމުވެރިއެކެވެ. އަދި އަމިއްލަ ވަތަނާއި، ދީނާއި، އަބުރާއި، އިއްޒަތުގެ ދިފާއުގައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ހުރި މުޖާހިދެކެވެ. އިޓަލީގެ ފޭރޭ ލަޝްކަރުތަކުން ޒަމާނީ ހަތިޔާރާއި، ޓޭންކުތަކާއި، މަތިންދާބޯޓުތަކާއެކު ލީބިޔާއަށް އަރައިގަތްއިރު، އުމަރު މުހުތާރުގެ އަތުގައި އޮތީ ބަޑިއާއ، އަސްތަކަކާއި، އަދި އެންމެ މުހިންމު ސިލާހު ކަމުގައިވާ މާތްﷲ ގެ މަގުގައި ޖިހާދުކުރުމުގެ ވަރުގަދަ އަޒުމެވެ. އޭނާގެ މި ހިތްވަރުގަދަ މަސައްކަތްޕުޅުގެ ސަބަބުން އުމަރު މުހުތާރަށް ތާރީހުގައި ދެވިފައިވާ އެންމެ ހައިބަތު ބޮޑު ނަމަކީ 'ސަހަރާގެ ސިންގާ' (The Lion of the Desert) އެވެ.
އުފަންވުމާއި ބޮޑުވި މާހައުލު
އުމަރު މުހުތާރު އުފަންވެވަޑައިގަތީ 1858 ވަނަ އަހަރު ލީބިޔާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ބަރްގާ (Cyrenaica) ގެ ޖަބަލުލް އަހްލަރު ނުވަތަ ފެހި ފަރުބަދައިގެ ސަރަހައްދުގެ ކައިރީގައިވާ ޒަވިޔަތު ޖަންޒޫރު ކިޔާ އަވަށަކަށެވެ. އޭނާ ނިސްބަތްވަނީ އެ ސަރަހައްދުގެ ބޮޑު އަދި އަބުރުވެރި ގަބީލާއެއް ކަމަށްވާ ފަރްހާން މި ގަބީލާއަށެވެ.
އުމަރު މުހުތާރުގެ ޅަފުރާގެ ދުވަސްތައް ވޭތުކުރެއްވީ ސަހަރާގެ ހަރުކަށި، އެހެންނަމަވެސް މިނިވަން މާހައުލުގައެވެ. އޭނާގެ ބައްޕަ މުހުތާރު ބިން އުމަރު އަވަހާރަވީ އުމަރު މުހުތާރު ވަރަށް ކުޑައިރުއެވެ. ބައްޕަ އަވަހާރަވުމުގެ ކުރިން، އުމަރު މުހުތާރާއި އޭނާގެ ކޮއްކޮ ބެލެހެއްޓުން ހަވާލުކުރެއްވީ އެ ސަރަހައްދުގެ ދީނީ އަދި އިޖުތިމާއީ ހަރަކާތެއް ކަމުގައިވާ ސަނޫސީ ތަރީގާ ގެ ބޮޑު ޝައިހެއް ކަމަށްވާ ސައްޔިދު އަހުމަދު އަލްޝަރީފްގެ ބައްޕަ ޝައިޚް ހުސައިން އަލްގަރްޔާނީއާއެވެ. މި ބެލެހެއްޓުމުގެ ދަށުން އުމަރު މުހުތާރު ބޮޑުވީ ދީނީ އަދި އަހުލާގީ ވަރުގަދަ ބިންގަލެއްގެ މަތީގައެވެ. އޭނާ ބޮޑުވި ސަރަހައްދަކީ ގަބީލާތަކުގެ މެދުގައި އޮންނަ ގުޅުމާއި، އަސްވާރުކަމާއި، އަދި ހިތްވަރުގަދަކަމަށް ލޯބިކުރާ މާހައުލެކެވެ. މިއީ ފަހުގެ ހަޔާތުގައި އޭނާއަށް ލިބިވަޑައިގަތް ލީޑަރޝިޕް ހުނަރުތަކުގެ އަސްލެވެ.
ދީނީ ތައުލީމާއި އިޖުތިމާއީ ޒިންމާ
އުމަރު މުހުތާރަކީ ޒުވާން އުމުރުގައި ދީނީ އިލްމު އުނގެނުމަށް ހާއްސަ ސަމާލުކަމެއް ދެއްވި ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލުކުރެއްވީ ސަނޫސީ ޖަމާއަތުގެ މަރުކަޒީ މަދަރުސާއެއް ކަމަށްވާ ޖަގްބޫބު މަދަރުސާއިންނެވެ. އެތަނުން އޭނާ ކީރިތި ގުރުއާން ހިތުދަސްކުރެއްވިއެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތާއި، އިސްލާމީ ފިގުހާއި، އަރަބި ބަހުގެ އިލްމު މަތީ ފެންވަރަކަށް އުނގެނިވަޑައިގަތެވެ.
ކިޔަވައިވިދާޅުވުމަށްފަހު، އުމަރު މުހުތާރު ވެގެންދިޔައީ ގުރުއާން ކިޔަވައިދެއްވާ މުދައްރިސަކަށެވެ. އޭނާ އެކި އަވަށްތަކުގައި ޒަވިޔާ ނުވަތަ ދީނީ އަދި ތައުލީމީ މަރުކަޒުތައް ހިންގަވައި، ކުޑަކުދިންނަށް ގުރުއާނާއި ދީނުގެ އަސާސްތައް ދަސްކޮށްދެއްވިއެވެ. އޭނާގެ މި މަސައްކަތުގެ ސަބަބުން އުމަރު މުހުތާރު އާންމުންގެ މެދުގައި ޝައިހް އުމަރު ގެ ނަމުން މުހާތަބުކުރެވެން ފެށުނެވެ.
ދީނީ އިލްމުވެރިއެއްގެ އިތުރުން، އުމަރު މުހުތާރަކީ ގަބީލާތަކުގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށްދެއްވާ ހިކުމަތްތެރި މުސްލިހެކެވެ. އޭނާގެ ހުރި ތެދުވެރިކަމާއި، އިންސާފުވެރިކަމެއްގެ ސަބަބުން އެކި ގަބީލާތަކުގެ ވެރިން އޭނާއަށް ނުހަނު އިހުތިރާމްކުރިއެވެ. މީގެ އިތުރުން، ސަނޫސީ ޖަމާއަތުގެ އިސްވެރިން އޭނާގެ ގާބިލުކަން ފާހަގަކުރައްވައި، ސޫދާނުގެ ބައެއް ސަރަހައްދުތަކުގެ ޒަވިޔާތައް ހިންގުމާއި، އެތަންތަނުގައި އިސްލާމްދީން ފެތުރުމުގެ ޒިންމާވެސް އުމަރު މުހުތާރާ ހަވާލުކުރެއްވިއެވެ. އެހެންކަމުން، ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން އުމަރު މުހުތާރަކީ މުޖުތަމައެއް ބިނާކުރުމުގެ ހުރިހާ ސިފައެއް ފުރިހަމަވެފައިވާ ލީޑަރެކެވެ.
އިޓަލީގެ އިސްތިއުމާރާ ދެކޮޅަށް ކުރެއްވި ހަނގުރާމަ
1911 ވަނަ އަހަރަކީ ލީބިޔާގެ ތާރީހު ބަދަލުކޮށްލި އަހަރެކެވެ. އެ އަހަރު އިޓަލީން އުސްމާނީ ހިލާފަތުގެ ދަށުގައި އޮތް ލީބިޔާއަށް ހަމަލާދީ، އެ ގައުމު އަޅުވެތިކުރުމުގެ މަސައްކަތް ފެށިއެވެ. އިޓަލީގެ ބޭނުމަކީ ރޯމަން އެމްޕަޔަރުގެ ކުރީގެ ހައިބަތާއި ކަރާމާތް ދިރުވައި، މެޑިޓަރޭނިއަން ކަނޑުގެ ދެކުނު ބިތް އެމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. މިގޮތުން އިޓަލީގެ ޒަމާނީ ސިފައިން ކަނޑުމަގުން ލީބިޔާގެ ބަނދަރުތަކަށް ބޭލިއެވެ. އަދި ތުރިޕޮލީ އަދި ބެންގާޒީ ފަދަ ބޮޑެތި ރަށްތައް ހިފިއެވެ. އުސްމާނީ ސިފައިންނަށް އެކަށީގެންވާ ރައްދެއް ނުދެވި ފަހަތަށް ޖެހެން ޖެހުނު ދަނޑިވަޅުގައި، ލީބިޔާގެ ރައްޔިތުން އަމިއްލައަށް ތެދުވެ ޖިހާދު އިއުލާނުކުރިއެވެ. މި ޖިހާދުގެ ކުރީގައި ހުންނެވީ އުމުރުން އޭރު 53 އަހަރުގެ އުމަރު މުހުތާރެވެ.
އުމަރު މުހުތާރު ވިސްނުންތެރިކަމާއެކު ދެނެގަތީ، އިޓަލީގެ ބޮޑެތި ބަޑިތަކާއި ޓޭންކުތަކާ ކުރިމަތިލުމުގައި ހުޅުވާލެވިފައިވާ މައިދާނެއްގައި ސީދާ ހަނގުރާމައަކަށް ދިއުމަކީ އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓުން ފަދަ ކަމެއް ކަމަށެވެ. އެހެންކަމުން އޭނާ އިހުތިޔާރުކުރެއްވީ ގެރިއްލާ ހަނގުރާމައިގެ (Guerrilla Warfare) އުކުޅުތަކެވެ. އޭނާ މުޖާހިދުން ކުދިކުދި ގުރޫޕުތަކަށް ބަހާލައި، ޖަބަލުލް އަހްލަރުގެ ފަރުބަދަތަކާއި ހޮހަޅަތަކުގެ ބޭނުން ހިފައިގެން އިޓަލީ ސިފައިންނަށް ކުއްލި ހަމަލާތައް ދޭން ފެށިއެވެ.
މުޖާހިދުން ބޭނުންކުރި ހިޓް އެންޑް ރަން ނުވަތަ ޖަހާފައި ފިލުމުގެ އުކުޅާއި، ސަހަރާގެ ހޫނުގަދަ މާހައުލާއި، ފަރުބަދަތަކުގެ ދަތިމަގުތަކުގެ ފުރިހަމަ ބޭނުން ހިފުމުގެ ސަބަބުން އިޓަލީގެ ޒަމާނީ ލަޝްކަރު މުޅިން ގޮތް ހުސްވިއެވެ. މި އުކުޅުތަކުގެ ސަބަބުން، އިޓަލީއަށް 20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ލީބިޔާގެ އެތެރެއަށް ވެރިވެގަނެވޭ ގޮތެއް ނުވިއެވެ. 1922 ގައި އިޓަލީގެ ވެރިކަމަށް ފާސިސްޓް ޑިކްޓޭޓަރު ބެނިޓޯ މުސޮލިނީ އައުމަށްފަހު، އުމަރު މުހުތާރުގެ ޖިހާދު ހުއްޓުވުމަށް ލޭއޮހޮރުވުން ބޮޑު އާ ފިޔަވަޅުތަކެއް އެޅިއެވެ. މުސޮލިނީ ލީބިޔާއަށް ފޮނުވި ރަހުމުކުޑަ ޖެނެރަލް ރޮޑޮލްފޯ ގްރާޒިއާނީ، ސަހަރާގެ ވަށައިގެން ކަށިނަރުދަމައި، އާންމު ރައްޔިތުން ކޮންސެންޓްރޭޝަން ކޭމްޕުތަކަށް ލައި، މުޖާހިދުންނަށް ކާބޯތަކެތި ލިބޭނެ ހުރިހާ މަގެއް ބަންދުކުރިއެވެ. މިފަދަ ނިކަމެތި އަދި ދަތި އުދނގޫ ހާލަތެއްގައިވެސް އުމަރު މުހުތާރު އަމާންނުދީ ހަނގުރާމަ ކުރިއަށް ގެންދެވިއެވެ.
ހައްޔަރުކުރުމާއި ޖެނެރަލް ގްރާޒިއާނީގެ ކުރިމަތިލުން
އުމަރު މުހުތާރުގެ ޖިހާދީ ހަޔާތުގެ ފަހު ސަފުހާ ލިޔެވުނީ 1931 ވަނަ އަހަރުއެވެ. އުމުރުން 73 އަހަރުގައި، ހަނގުރާމައިގައި ޒަހަމްވެ ވަޑައިގަތެވެ. އަދި ސަވާރުވެ އިންނެވި އަސް މަރުވުމުގެ ސަބަބުން އޭނާ އިޓަލީ ސިފައިންގެ އަތްދަށުގައި ހައްޔަރުވިއެވެ. އޭނާ ބެންގާޒީގެ ސުލޫގުގައި ހުރި އަސްކަރީ ޖަލެއްގައި ބަންދުކުރިއެވެ. އަދި ބެންގާޒީގެ ގަސާބު ގެ ނަމުން މަޝްހޫރުވެފައިވާ އިޓަލީގެ ޖެނެރަލް ރޮޑޮލްފޯ ގްރާޒިއާނީ އަމިއްލައަށް އުމަރު މުހުތާރާ ސުވާލުކުރުމަށް ދިޔައެވެ. މިއީ ދެ މީހުންގެ މެދުގައި ނަފްސާނީ ގޮތުން ހިނގި ވަރުގަދަ ކުރިމަތި ލުމެކެވެ.
ގްރާޒިއާނީ އުމަރު މުހުތާރާ ސުވާލުކުރިއެވެ. އިޓަލީގެ މި ބޮޑު ދައުލަތާ ދެކޮޅަށް ހަނގުރާމަކުރަނީ ކީއްވެތޯއެވެ؟ އޭނާގެ ކުޑަކުޑަ ލަޝްކަރަށް އިޓަލީ ބަލިކުރެވިދާނެކަމަށް ހީވަނީތޯއެވެ؟ އުމަރު މުހުތާރު ސާބިތުކަމާއެކު ޖަވާބުދެއްވިއެވެ. އޭނާ ހަނގުރާމަކުރަނީ، ދީނާއި ވަތަނުގެ ދިފާއުގައި ކަމަށެވެ. އަދި އަސްކަރީ ބާރަކީ ހުރިހާ އެއްޗެއް ނޫން ކަމަށެވެ. އަދި ނަސްރު ދެއްވުން އޮތީ މާތްﷲ ގެ ހަޒުރަތުން ކަމަށް ވިދާޅުވިއެވެ.
މި ޖަދަލުގައި ގްރާޒިއާނީ، އުމަރު މުހުތާރަށް ބޮޑު ހުށަހެޅުމެއް ހުށަހެޅިއެވެ. އެއީ މުޖާހިދުންނަށް ހަތިޔާރު ބެހެއްޓުމަށް އަމުރުކޮށް ސިޓީއެއް ލިޔެދިނުމެވެ. އެގޮތް ހަދައިފިނަމަ، ފުރާނަ ސަލާމަތްކޮށްދީ، ގައުމުން ބޭރުގައި އަރާމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް ބުންޏެވެ. ނަމަވެސް އުމަރު މުހުތާރު ވަގުތުން އެކަމާ ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވީ، ނަމާދުގައި މާތްﷲ ގެ އެއްކައުވަންތަކަމަށް ހެކިވެ، އުފުލާ ޝަހާދަތް އިނގިލިން، ބާތިލު ގޮތުގައި އެންމެ އަކުރެއްވެސް ނުލިޔާނެ ކަމަށެވެ. ގްރާޒިއާނީ އޭނާގެ ހަނދާންތަކުގައި ލިޔެފައިވާ ގޮތުން، އުމަރު މުހުތާރުގެ ހުރި ބިރުގަތުމެއް ނެތް ހައިބަތުގެ ސަބަބުން، ހައްޔަރުގައި ހުރި ކުށްވެރިޔަކީ ކާކުކަން އޮޅޭހާ ބޮޑު ނަފްސާނީ އަސަރެއް ގްރާޒިއާނީގެ ހިތަށް ކުރިއެވެ.
އަވަހާރަކޮށްލުމާއި މަޝްހޫރު ބަސްފުޅު
1931 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އިޓަލީގެ އަސްކަރީ ކޯޓުން، އުމަރު މުހުތާރު ދަންޖައްސައި އަވަހާރަކޮށްލުމަށް، އެންމެ 1 މިނެޓުގެ ތެރޭގައި ސިޔާސީ ހުކުމެއް އިއްވިއެވެ. އަދި ޖެހިގެން އައި ދުވަހު، ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ހެނދުނު، ސުލޫގުގެ ބޮޑު މައިދާނަކަށް ލީބިޔާގެ 20,000 ހާހަށްވުރެ ގިނަ ލީބިޔާ ރައްޔިތުން މަޖުބޫރުން ޖަމާކުރިއެވެ. މިއީ، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް ކުރިކަމެކެވެ. އުމަރު މުހުތާރު ހިނިތުންވުމާއެކު، އަދި ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަވަމުން ގޮސް ދަންމަޗަށް އެރިއެވެ.
އުމަރު މުހުތާރު އަވަހާރަކޮށްލުމުގެ ކުރިން އިޓަލީގެ އޮފިސަރުންނާ މުހާތަބުކޮށް ވިދާޅުވި މަޝްހޫރު ބަސްފުޅަކީ ތާރީހުގައި އަބަދަށް ވިދާ ބަބުޅާނެ ބަސްފުޅެކެވެ. އޭނާ ވިދާޅުވިއެވެ. 'އަހަރެމެންނަކީ އަމާންދޭނެ ބައެއް ނޫނެވެ. އަހަރެމެންނަށް އޮތީ ކާމިޔާބުވުން، ނޫނީ މަރުވުމެވެ. މިއީ އަހަރެމެންގެ ނިމުމެއް ނޫނެވެ. ތިޔަބައިމީހުންނަށް ޖެހޭނީ އަހަރެމެންގެ އަންނަން އޮތް ޖީލުތަކާވެސް ހަނގުރާމަކުރާށެވެ. އަދި އަހަރެންގެ އުމުރަކީ އަހަރެންގެ ދަންޖެއްސުމަށްވުރެ ދިގުވެގެންވާ އެއްޗެކެވެ.' އުމަރު މުހުތާރު ދަންޖައްސާ އަވަހާރަކޮށްލި ނަމަވެސް، އެ މަންޒަރު ދުށް ލީބިޔާގެ ރައްޔިތުންގެ ހިތްތަކުގައި އިސްތިއުމާރާ ދެކޮޅަށް އޮތް ނަފުރަތާއި މިނިވަންކަމުގެ ރޫހު ކުރިއަށްވުރެ އެތައް ގުނައެއް ވަރުގަދަވެގެންދިޔައެވެ.
އުމަރު މުހުތާރު ޝަހީދުކޮށްލުމަށްފަހު، އޭނާގެ ހަށިގަނޑު ފުރަތަމަ ފަސްދާނުލެވުނީ ލީބިޔާގެ ބެންގާޒީގެ ގަބުރުސްތާނެއްގައި އެއީ ކާކުކަން ނޭނގޭ ގޮތަށެވެ. އިޓަލީ ސިފައިން އޭނާގެ ކައްވަޅު ސިއްރުކުރީ، ލީބިޔާގެ ރައްޔިތުން އެތަނަކީ ގައުމީ އަދި ދީނީ ރޫހު އާލާކުރާ ޒިޔާރަތަކަށް ހަދާފާނެތީއެވެ. ނަމަވެސް، ލީބިޔާއަށް މިނިވަންކަން ލިބުމަށްފަހު 1960 ވަނަ އަހަރު، ބެންގާޒީގައި އުމަރު މުހުތާރުގެ ހަނދާނުގައި ހާއްސަ މައުސޯލިއަމްއެއް ބިނާކުރިއެވެ. އަދި އުމަރު މުހުތާރުގެ ހަށިގަނޑު އެތަނަށް ބަދަލުކުރެވުނެވެ. އަދި އޭގެ ފަހުން، ލީބިޔާގެ ސަރުކާރުން އުމަރު މުހުތާރުގެ ހަށިގަނޑު ފަހުން ބަދަލުކުރީ ދަންޖައްސައި ޝަހީދުކޮށްލެވުނު ތާރީހީ އަވަށް ކަމަށްވާ ސުލޫގަށެވެ. މިއަދު އުމަރު މުހުތާރުގެ ރަސްމީ މަގްބަރާ ފެންނަން ހުރީ އެ އަވަށުގައެވެ.
ތާރީހީ ތަރިކަ އާއި އަސަރު
އުމަރު މުހުތާރު އަވަހާރަވުމުން، އިޓަލީއަށް ހީވީ ލީބިޔާގެ މިނިވަންކަމުގެ ރޫހު މަރުވީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. އޭނާގެ ޝަހާދަތަކީ ލީބިޔާގެ ރައްޔިތުންގެ ހިތްތަކުގައި ޖެހުނު ބޮޑު ވިންދެކެވެ. އޭނާ އަވަހާރަވިތާ 20 އަހަރު ފަހުން، 1951 ވަނަ އަހަރު ލީބިޔާއަށް ފުރިހަމަ މިނިވަންކަން ލިބުނެވެ.
އިޓަލީގެ ޖެނެރަލް ގްރާޒިއާނީގެ އަނިޔާވެރިކަމާއި ބާރުގެ ކުރިމަތީގައި އުމަރު މުހުތާރު ދެއްކެވި ސާބިތުކަމުގެ ހުލާސާއަކީ، ބާތިލުގެ ކުރިމަތީގައި ހައްގު ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެކަމުގެ އިބުރަތާއި ފިލާވަޅެވެ. މިއަދު އުމަރު މުހުތާރަކީ ހަމައެކަނި ލީބިޔާގެ ބަތަލެއް ނޫނެވެ. އޭނާއަކީ މުޅި އިސްލާމީ އުންމަތުގެ، އަދި މުޅި ދުނިޔޭގެ އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރި އެންމެހާ މުޖާހިދުންގެ މަތިވެރި ނަމޫނާއެކެވެ. އޭނާގެ ޒިކުރާ ތާރީހުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ.




