އިބްރާހީމް ޓްރައޮރޭ: ހުޅަނގުގެ ނުފޫޒާ ދެކޮޅަށް އޭނާ ގެންގުޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތުތަކެއް.--
ކެޕްޓަން އިބްރާހީމް ޓްރައޮރޭ: އެފްރިކާގެ އުންމީދީ ޒުވާން ލީޑަރު
މުހައްމަދު ހަލީމް 19 އޮކްޓޯބަރ 2026 (ހޯމަ)   08:26
ކެޕްޓަން އިބްރާހީމް ޓްރައޮރޭ އުފަންވެވަޑައިގަތީ 1988 ވަނަ އަހަރު ބުރްކީނާ ފާސޯގައެވެ. އޭނާއަކީ އަސްކަރިއްޔާގެ ކެޕްޓަނެކެވެ. އަދި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބުރްކީނާ ފާސޯގެ ރައީސް އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އުމުރުފުޅަކީ އެންމެ 34 އަހަރެވެ. އެހެންކަމުން މި ޒުވާން ލީޑަރު ވެގެންދިޔައީ ދުނިޔޭގެ އެންމެ ޒުވާން ދައުލަތުގެ ވެރިޔާ އަށެވެ.

އޭނާގެ ޒުވާން އުމުރާއެކުވެސް، ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް އޭނާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މުޅި އެފްރިކާ ބައްރުގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފައެވެ. ހާއްސަކޮށް ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުތަކުން ގައުމުގެ ގުދުރަތީ މުއްސަނދިކަން ސަލާމަތްކުރެއްވިއެވެ. 'އިގުތިސޯދީ މިނިވަންކަމެއް' އަލުން ހޯދައި ދެއްވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަކީ މިއަދު މުޅި ދުނިޔޭގައި ބަހުސްކުރެވެމުންދާ، އެފްރިކާގެ އާ އިންގިލާބު ނުވަތަ ރިވައިވަލެއްގެ ފެށުމެވެ.

ތައުލީމާއި އަސްކަރީ ހިދުމަތް
ޔުނިވަރސިޓީ އޮފް އުއަގަދޫގޫއިން ޖިއޮލޮޖީ ނުވަތަ ބިމުގެ އިލްމު ގެ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވުމަށްފަހު އަސްކަރިއްޔާއާ ޓްރައޮރޭ ގުޅިވަޑައިގަތީ 2009 ވަނަ އަހަރު އެވެ. ބުރްކީނާ ފާސޯ އަދި މަގުރިބު (މޮރޮކޯ) ގެ އަސްކަރީ އެކަޑެމީތަކުން އޭނާ މަތީ ތަމްރީނު ހޯއްދެވިއެވެ. އަދި މާލީ ގައި އޮތް އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި މަސައްކަތް ކުރައްވިއެވެ. މާލީގެ ހަނގުރާމަވެރިންގެ ހަމަލާތަކާ ދެކޮޅަށް ދެއްކެވި ހިތްވަރުގެ ސަބަބުން 2020 ވަނަ އަހަރު ޓްރައޮރޭ ކެޕްޓަންގެ ރޭންކަށް ޕްރޮމޯޓު ކުރެއްވިއެވެ. މި އަސްކަރީ ތަޖުރިބާގެ ބޭނުންހިއްޕަވައި، އޭނާ ވަނީ ގައުމުގެ އިގުތިސޯދީ ދާއިރާ ހަރުދަނާކުރުމަށްޓަކައި އަސްކަރީ ޑިސިޕްލިންއެއް ގާއިމުކުރައްވާފައެވެ. މިގޮތުން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ވަޒީރުންގެ މުސާރަ 30 އިންސައްތަ އުނިކުރެއްވިއެވެ. އަދި އެ ފައިސާ ގައުމުގެ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރައްވަން ފެއްޓެވިއެވެ.

ވެރިކަމަށް ވަޑައިގަތުމާއި ވެރިކަން ވައްޓާލަން ރޭވުނު ބަގާވާތްތައް
ބުރްކީނާ ފާސޯގައި ދެމުންދިޔަ ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމުގައި އޭރުގެ ސަރުކާރު ނުކުޅެދުނެވެ. އޭގެސަބަބުން 30 ސެޕްޓެމްބަރު 2022 ގައި ޓްރައޮރޭ އިސްވެ ހުރެ ގެނައި ލޭ އޮހޮރުވުމެއް ނެތް އަސްކަރީ ބަގާވާތެއްގައި ވެރިކަމަށް ވަޑައިގަތެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓްރައޮރޭ އެންމެ އިސްކަމެއް ދެއްވީ ގައުމުގެ ވަސީލަތްތަކުގެ މައްޗަށް އޮތް ބޭރުގެ ނުފޫޒުތައް ނައްތާލުމަށެވެ. އެގޮތުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލޯނު ނެގުން ހުއްޓާލެއްވިއެވެ. ގައުމުގެ ރަން ނުވަތަ ގޯލްޑް މައިންތައް ނޭޝަނަލައިޒް ކުރެއްވިއެވެ. މީގެ އިތުރުން، ގައުމުގެ ފުރަތަމަ ގޯލްޑް ރިފައިނަރީ ބިނާކުރައްވައި، ސާފުނުކުރާ ރަން ގައުމުން ބޭރުކުރުން މަނާކުރެއްވިއެވެ. މި ފިޔަވަޅު އެޅުއްވީ ގައުމުގެ މުއްސަނދިކަން ގައުމުގައި ހިފެހެއްޓުމުގެ މަގުސަދުގައެވެ.

ހުޅަނގުގެ ނުފޫޒާ ދެކޮޅަށް ޓްރައޮރޭ ގެންގުޅުއްވަނީ ވަރަށް ހަރުކަށި ސިޔާސަތުތަކެކެވެ. އޭގެ ސަބަބުން، ޓްރައޮރޭގެ ވެރިކަން ވައްޓާލުމަށް ބޭރުގެ މަދަދާއެކު ގިނަ ރޭވުންތަކެއް ރޭވުނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަސްކަރިއްޔާގެ ތެރެއިން ބަޔަކު އިސްވެ ވެރިކަން ވައްޓާލަން އުޅެނިކޮށް ސަރުކާރުން ވަނީ އެކަން ނާކާމިޔާބުކޮށްލާފަ އެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭރުގެ ޖާސޫސީ އިދާރާތަކާއި ގައުމުން ބޭރުގައި ތިބި ކުރީގެ އަސްކަރީ އޮފިސަރުން ގުޅިގެން ޓްރައޮރޭ އަވަހާރަކޮށްލަން ރޭވި ބޮޑު ބަގާވާތެއްވެސް ބުރްކީނާ ފާސޯގެ ސަލާމަތީ ބާރުތަކުން ވަނީ ހުޝިޔާރުކަމާއެކު ފުނޑުފުނޑުކޮށްލާފައެވެ. މި ހުރިހާ ގޮންޖެހުންތަކާއި ނުރައްކާތަކާއެކުވެސް، އާންމު ރައްޔިތުންގެ ބޮޑު ތާއީދާއެކު އޭނާގެ ވެރިކަން ދަނީ އިތުރަށް ވަރުގަދަވަމުންނެވެ.

އިސްތިއުމާރީ ބާރުތަކުގެ ދަށުން އިގުތިސޯދު މިނިވަންކުރުން
ކެޕްޓަން އިބްރާހީމް ޓްރައޮރޭގެ ޒައާމަތުގެ އެންމެ މުހިންމު އެއް ތަނބަކީ ހުޅަނގުގެ، ހާއްސަކޮށް ފަރަންސޭސިވިލާތުގެ ނިއޯ-ކޮލޯނިއަލް ނުވަތަ އަލުން އިސްތިއުމާރުކުރުމުގެ ނުފޫޒުން ބުރްކީނާ ފާސޯގެ އިގުތިސޯދު މިންޖުކުރުމެވެ. ގަރުނުތަކެއް ވަންދެން އެފްރިކާގެ މުއްސަނދިކަން ރޯ-މެޓީރިއަލް ނުވަތަ ސާފުނުކުރާ މާއްދާތަކުގެ ގޮތުގައި ހުޅަނގަށް ބޭރުކޮށް، ދެގުނަ އަގުގައި ތައްޔާރީ މުދާ އެތެރެކުރާ ނިޒާމު އޭނާ ވަނީ މުގުރާލައްވާފައެވެ. ޓްރައޮރޭގެ ސަރުކާރުން ވަނީ ބޭރުގެ ކުންފުނިތަކަށް ދީފައިވާ މައިނިން ލައިސަންސްތައް މުރާޖައާކޮށް، ގައުމުގެ ހައްގުތައް ބޮޑުވާނެހެން ގާނޫނުތައް ބަދަލުކޮށްފައެވެ. މީގެ އިތުރުން، ހުޅަނގުން ބޭނުންކުރާ ސީއެފްއޭ ފްރޭންކް ފައިސާގެ ބަދަލުގައި، ސާހެލް ސަރަހައްދުގެ ގައުމުތަކާއެކު އަމިއްލަ ފައިސާއެއް އުފެއްދުމުގެ މަސައްކަތްޕުޅު ޓްރައޮރޭ ވަނީ ފަށްޓަވާފައެވެ. މިއީ އިގުތިސޯދީ ގޮތުން ގައުމުގެ ފުރިހަމަ ސިޔާދަތު ހޯދުމަށް އެޅުނު އެންމެ ހިތްވަރުގަދަ ފިޔަވަޅެވެ.

ރަނުގެ ސިނާއަތް: ކުރީގެ ގެއްލުމާއި މިހާރުގެ އިންގިލާބީ ފައިދާ
މީގެކުރިން ބުރްކީނާ ފާސޯއިން ރަން ނުވަތަ ގޯލްޑް ބޭރުކުރަމުންދިޔައީ އެއްވެސް ވަރަކަށް ސާފުނުކޮށް ރޯ-މެޓީރިއަލްގެ ގޮތުގައެވެ. މީގެ ސަބަބުން ރަނުގެ ހަގީގީ އަގާއި، ރަނާއެކު ހުންނަ އެހެނިހެން އަގުބޮޑު މައުދަންތަކުގެ ފައިދާ މުޅިން ލިބެމުންދިޔައީ ހުޅަނގުގެ ރިފައިނަރީތަކަށެވެ. ނަމަވެސް، ކެޕްޓަން ޓްރައޮރޭ ވަނީ 28 ސެޕްޓެމްބަރު 2026 ގައި ގައުމުގެ ފުރަތަމަ ގައުމީ ރަން ސާފުކުރާ ކާރުހާނާ 'ރަފިނޯ-ބީއެފް' އިފްތިތާހުކުރައްވާފަ އެވެ. ކުރިން ލިބެމުން ދިޔައީ ކުޑަ ރޯޔަލްޓީ އެކެވެ. ނަމަވެސް މިބަދަލާއެކު ރަނުގެ މުޅި ޗެއިން ވެލިއުގެ ފައިދާ މިހާރު ލިބެނީ ސީދާ ދައުލަތަށެވެ. ޓްރައޮރޭ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރަނުގެ ސިނާއަތުން އެކަނިވެސް ގައުމުގެ އިގުތިސޯދަށް ވަނީ 18 ބިލިއަން ޑޮލަރު ވަދެފައެވެ. އަދި ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް 19 ޓަނުގެ ރަނުގެ ގައުމީ ރިޒާވެއް ނުވަތަ ނޭޝަނަލް ގޯލްޑް ރިޒާވް ވަނީ ބިނާކުރައްވާފައެވެ.

ރަން މައިނިން ކޮށްގެން އަހަރަކު އުފައްދާ މިންވަރު
ބުރްކީނާ ފާސޯއަކީ މިހާރު އެފްރިކާގައި އެންމެ ގިނައިން ރަން އުފައްދާ އެއް ގައުމެވެ. މީގެކުރިން އަހަރަކު އެވްރެޖްކޮށް 55 އާއި 60 ޓަނާ ދެމެދުގެ ރަން އުފެއްދި އެވެ. ނަމަވެސް، ޓްރައޮރޭ ގެންގުޅުއްވި ހަރުދަނާ މައިނިން އިސްލާހުތަކާއި އާ މައިނިން ކޯޑުގެ ސަބަބުން 2025 ވަނަ އަހަރު ރެކޯޑު އަދަދެއް ކަމަށްވާ 94 ޓަނުގެ ރަން ވަނީ އުފައްދާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 30 ޓަނުގެ އިތުރުވުމެކެވެ. އަލަށް ހުޅުވުނު ރަން ސާފުކުރާ ފެކްޓަރީގެ ފުރަތަމަ ފޭސްގައި އަހަރަކު 164 ޓަނުގެ ރަން ސާފުކުރުމުގެ ގާބިލުކަން ހުރެއެވެ. ކުރިއަށް އޮތް ތަނުގައި މި މިންވަރު އަހަރަކު 515 ޓަނުގެ މަތީ ފެންވަރުގެ ރަން ނުވަތަ %99.99 ޕިއުރިޓީ ގޯލްޑް އުފެއްދުމަށް ވަނީ އަމާޒު ހިފާފައެވެ.

އެހެނިހެން މައުދަންތަކުގެ މުއްސަނދިކަން
ބުރްކީނާ ފާސޯއަކީ ރަނުގެ އިތުރުން، އެހެނިހެން އަގުބޮޑު މައުދަންތަކުންވެސް މުއްސަނދި ގައުމެކެވެ. މީގެ ތެރޭގައި ސިނާއަތްތަކަށް މުހިންމު މައުދަނެއް ކަމަށްވާ ޒިންކް، ދަގަނޑު އުފެއްދުމަށް ބޭނުންކުރާ މެންގަނީޒް އަދި ބްލެންޑިން އަށް ބޭނުންވާ ފޮސްފޭޓް ހިމެނެއެވެ. ޓްރައޮރޭގެ ސަރުކާރުން ވަނީ މި ހުރިހާ މައުދަންތަކެއް ބޭރުގެ ކުންފުނިތަކުން ހިތުހުރި ގޮތަކަށް ނެގުން ހުއްޓުވުމަށްޓަކައި 2024 ވަނައަހަރު މައިނިންގެ އާ ގާނޫނެއް ފާސްކޮށްފައެވެ. އަދި ދައުލަތުގެ ހިއްސާ %15 އިންސައްތައަށްވުރެ މަތިކޮށްފައެވެ. އަދި ގައުމީ ކުންފުނިތަކުގެ ބައިވެރިވުން އިތުރުކޮށްފައެވެ.

ސިނާއީ ކުރިއެރުމާއި ގާއިމުކުރެއްވި ފެކްޓަރީތައް އަދި މޯޓޯސް ރަން
ގައުމު ސިނާއީކުރުމަށްޓަކައި ޓްރައޮރޭގެ ސަރުކާރުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި 15 އަށްވުރެ ގިނަ އާ ފެކްޓަރީތައް ގާއިމުކޮށްފައެވެ. ބުރްކީނާ ފާސޯއަކީ ކަފަ އުފައްދާ ގައުމެކެވެ. ނަމަވެސް، މީގެ ކުރިން ފޭރާން އެތެރެކުރަނީ ބޭރުންނެވެ. ސަރުކާރުން އަލަށް ހުޅުވި ޓެކްސްޓައިލް ފެކްޓަރީން ނުވަތަ ޓެކްސްފޯސް-ބީއެފް އިން އަހަރަކު 20 މިލިއަން މީޓަރުގެ ފޮތި އުފައްދައެވެ. މިއާއެކު ގައުމުގެ ސިފައިންގެ ޔުނިފޯމާއި އާންމުންގެ ފޭރާން މިހާރު ވަނީ އެ ގައުމުގައި އަމިއްލައަށް އުފައްދަން ފަށާފައެވެ. މީގެ އިތުރުން، ދަނޑުވެރިންގެ އުފެއްދުންތައް ބޭކާރުވެނުދިޔުމުގެ ގޮތުން ދަޅުގައި ބަންދުކޮށްގެން ޓޮމާޓޯ ޕޭސްޓް އުފެއްދުމަށް ހާއްސަކޮސްގެން ދެ ޓޮމާޓޯ ފެކްޓަރީއެއް ވަނީ ހުޅުވާފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ސިނާއަތަކީ 'މޯޓޯސް ރަން' ގެ ދަށުން ގައުމުގައި އަމިއްލަ ޓްރެކްޓަރާއި، ދަނޑުވެރިކަމުގެ އާލަތްތަކާއި، ދަތުރުފަތުރަށް ބޭނުންވާ ވެހިކަލްތައް އެސެމްބަލްކޮށް އުފެއްދުމުގެ ސިނާއަތެއް ފެށުމެވެ. މިއާއެކު ރައީސް ޓްރައޮރޭ ވަނީ ބޭރުން އަސްކަރީ ވެހިކަލްތައް އެތެރެކުރުން ހުއްޓާލައި، ގައުމީ އުފެއްދުންތެރިކަމަށް ބަރޯސާވާން އަންގަވާފައެވެ.

މާލީ މިނިވަންކަމުގެ އާ ބާބު: އީ-ވޮލެޓް ޑިޖިޓަލް ނިޒާމު
ހުޅަނގުގެ ބޮޑެތި މާލީ އިދާރާތަކާއި ބޭންކުތަކުގެ ކޮންޓްރޯލުން ގައުމުގެ މާލީ ނިޒާމު ސަލާމަތްކުރުމަށްޓަކައި ކެޕްޓަން ޓްރައޮރޭ ވަނީ 'އީ-ވޮލެޓް' ޑިޖިޓަލް ފައިސާގެ ނިޒާމެއް ގައުމުގައި ތައާރަފުކުރައްވާފައެވެ. މީގެ ސަބަބުން ރައްޔިތުން ކުރާ ކޮންމެ ޑިޖިޓަލް މުއާމަލާތަކުން މީގެ ކުރިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ބޮޑެތި ފީތައް ދާންޖެހޭ ނިޒާމު ވަނީ ނިމުމަކަށް އައިސްފައެވެ. ދައުލަތުން ހިންގާ މި އަމިއްލަ ޑިޖިޓަލް ވޮލެޓުގެ ސަބަބުން ގައުމުގެ އެތެރޭގައި ފައިސާ ދައުރުވުން އަވަސްވެ، ރައްޔިތުންނަށް ރައްކާތެރިކަމާއެކު ވިޔަފާރިކުރުމުގެ މަގު ފަހިވިއެވެ. މިއީ ހަމައެކަނި ފަސޭހައަކަށް ކުރި ކަމެއް ނޫނެވެ؛ މިއީ ބޭރުގެ އިގުތިސޯދީ ދަތިކުރުންތަކުން ސަލާމަތްވުމަށްޓަކައި، ގައުމުގެ މާލީ ސިޔާދަތު އަމިއްލަ އަތަށް ނަގައި، ބާރުގެ ދަށަށް ގެނައުމަށް އެޅުނު ވަރަށް މުހިންމު އަދި ސިޔާސީ ގޮތުން ވަރުގަދަ ފިޔަވަޅެކެވެ.

އިގުތިސޯދީ ތަރައްގީގެ އެހެނިހެން ދާއިރާތައް
ދަނޑުވެރިކަމުގެ ދާއިރާއިން 'އެގްރިކަލްޗަރަލް އޮފެންސިވް' ގެ ދަށުން ބުރްކީނާ ފާސޯ ވަނީ ކާބޯތަކެތީގެ އަމިއްލަ ފުދުންތެރިކަން ހާސިލުކޮށްފައެވެ. 2024 ވަނަ އަހަރު ގައުމުގެ ސީރިއަލް ޕްރޮޑަކްޝަން ނުވަތަ ގޮވާމުގެ އުފެއްދުންތެރިކަން 6 މިލިއަން ޓަނަށް އެރިއެވެ. މީގެ އިތުރުން، މާލީ ދާއިރާއިން 'ޕޯސްޓަލް ބޭންކް އޮފް ބުރްކީނާ ފާސޯ' އިފްތިތާހުކުރެއްވިއެވެ. މީގެ ބޭނުމަކީ ބޭރުގެ ބޭންކުތަކަށް ބަރޯސާނުވެ، ރައްޔިތުންނަށް ލޯނާއި މާލީ އެހީތެރިކަން ލިބޭނެ ގައުމީ ނިޒާމެއް ގާއިމުކުރެއްވުމެވެ. އަދި ހަކަތައިގެ ދާއިރާއިން 104 ބިލިއަން ސީއެފްއޭ ފްރޭންކްގެ ހަކަތައިގެ މަޝްރޫއެއް ފެއްޓެވިއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ގައުމުގެ އާބާދީގެ %70 މީހުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ބާރަށް ހިނގަމުންނެވެ.

އިޖުތިމާއީ ތަރައްގީ: ސްކޫލްތަކާއި ހޮސްޕިޓަލުތައް
ގައުމެއް ބިނާކުރެވޭނީ އިންސާނީ ވަސީލަތް ތަރައްގީކޮށްގެންކަން ޓްރައޮރޭ ގަބޫލުކުރައްވައެވެ. އެހެންކަމުން އޭނާގެ ސަރުކާރުން ދަނީ ތައުލީމީ އަދި ސިއްހީ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަހައްދުތަކުގައި އާ ސްކޫލްތައް ބިނާކޮށް، ކުދިންނަށް އުނދަގުލެއް ނެތި ކިޔެވޭނެ މާހައުލެއް ވަނީ ގާއިމުކޮށްފައެވެ. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުދިން ތަމްރީނުކުރުމަށް ހާއްސަ އިސްކަމެއް ދެވެއެވެ. ސިއްހީ ދާއިރާއިން، ގްރާމީން ނުވަތަ ރޫރަލް ސަރަހައްދުތަކުގައި ނުވަތަ ރަށްފުށުގައި އާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ބިނާކުރެވި، ޒަމާނީ ބޭސްފަރުވާގެ ވަސީލަތްތައް ދަނީ ގާއިމުކުރެވެމުންނެވެ. ހާއްސަކޮށް މައިންނާއި ކުޑަކުދިންގެ ސިއްހަތަށް އަޅާލާ ނިޒާމުތައް ވަނީ ހަރުދަނާކޮށްފައެވެ.

އުމްރާނީ ބޮޑެތި މަސައްކަތްތައް
ބުރްކީނާ ފާސޯގައި މިހާރު ހިނގަމުންދަނީ އެ ގައުމުގެ ތާރީހުގައިވެސް ފެނިފައިނުވާ ފަދަ ބޮޑު އުމްރާނީ ބޫމް އެކެވެ. ގައުމުގެ ފުރަތަމަ އެކްސްޕްރެސްވޭ ހިމެނޭހެން ސިޓީތައް ގުޅާލާ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އަދި އުއަގަދޫގޫ ޑޮންސިން އެއާޕޯޓް ގެ މަސައްކަތް އަލުން ފަށައި، ބައިނަލްއަގުވާމީ ފެންވަރަށް ދަނީ ތަރައްގީ ކުރަމުންނެވެ. މޭޖަރ ސިޓީތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޑްރެއިނޭޖް ނުވަތަ ފެންހިންދާ ނިޒާމު އަދި ސެނިޓޭޝަންގެ ބޮޑެތި މަސައްކަތްތައް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ގައުމުގެ ގައުމީ ސްޓޭޑިއަމް ނުވަތަ 4 އޯގަސްޓް ސްޓޭޑިއަމް ބިނާކޮށް، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ ކުޅެވޭ ފެންވަރަށް އާބާތުރަ ފިލުވައި ހުޅުވާފައިވަނީ ގައުމީ ފަހުރުވެރި ތަރިކައެއްގެ ގޮތުގައެވެ.

ނިންމުން
ކެޕްޓަން އިބްރާހީމް ޓްރައޮރޭގެ ޒައާމަތުގައި ބުރްކީނާ ފާސޯގެ ޖީޑީޕީ ވަނީ 18.8 ބިލިއަން ޑޮލަރުން 22.1 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އޭނާ ދާދިފަހުން ވަނީ ގައުމުގެ އުމްރާނީ އަދި ސިނާއީ ދާއިރާ މުޅިން ބަދަލުކޮށްލުމަށްޓަކައި 64 ބިލިއަން ޑޮލަރުގެ މެގާ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން (2026–2030) އިފްތިތާހުކުރައްވާފައެވެ. ގޮންޖެހުންތަކާއި ސަލާމަތީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ޓްރައޮރޭ ދައްކުވައިދެއްވަމުން އެ ގެންދަވަނީ ބޭރުގެ އެހީއަށް ބަރޯސާނުވެ ގައުމު ތަރައްގީކޮށް ދެވިދާނެކަމުގެ ލާމަސީލު ނަމޫނާއެކެވެ. ގައުމީ ވަސީލަތްތަކާއި ހާއްސަކޮށް ރަން ނުވަތަ ގޯލްޑުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ސިނާއީ ކުރިއެރުން ހޯދިދާނެކަމުގެ ދިރިހުރި މިސާލެކެވެ. ޓްރައޮރޭގެ މި ދަތުރަކީ މުޅި އެފްރިކާ ބައްރަށް ހޭލުންތެރިކަން ގެނެސްދިން އުންމީދީ ދަތުރެކެވެ.

ކޮމެންޓް