
ފާތިމާ އަލްމަންސޫރީ އުފަންވެވަޑައިގަތީ 3 ޖެނުއަރީ 1976 ގައި މޮރުކޯގެ ސަގާފީ އަދި ތާރީހީ ރަށެއް ކަމަށްވާ މަރާކޭޝްއަށެވެ. އެކަމަނާ ބޮޑުވެގެން އައީ ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ނުފޫޒުގަދަ އަދި ގަދަރުވެރި ޢާއިލާއެއްގެ ހިޔަލުގައެވެ. އޭނާގެ ބައްޕަ، ޢަބްދުއްރަހްމާން އަލްމަންސޫރީއަކީ މަރާކޭޝްގެ ކުރީގެ ގަވަރުނަރު ނުވަތަ ޕާޝާ އެވެ. މީގެ އިތުރުން ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އަށް މޮރުކޯއިން ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމު އަބްދުއްރަހްމާން އަލްމަންސޫރީ ފުރުއްވިއެވެ. މިފަދަ އާއިލީ މާހައުލެއްގެ ސަބަބުން ޅަފަތުގެ ދުވަސްވަރުއްސުރެ ވެރިކަން ހިންގުމުގެ ނިޒާމުތަކަށާއި، ރައްޔިތުންގެ ހިދުމަތަށް ފާތިމާ އަލްމަންސޫރީ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ.
ފާތިމާ އަލްމަންސޫރީގެ ތައުލީމީ ބިންގާ އެޅުއްވީ މަރާކޭޝްގައި ހުންނަ ފަރަންސޭސި ސްކޫލްތަކުންނެވެ. އޭގެފަހުން ރަބާތުގައި ހުންނަ މުޙައްމަދު 5 ވަނަ ޔުނިވަސިޓީއިން ޕްރައިވެޓް ލޯގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވިއެވެ. އަދި ތައުލީމީ ދަތުރު އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން ފަރަންސޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ އޮފް މޮންޕެލިއޭ އަށް ވަޑައިގެން ބިޒްނަސް ކޮންޓްރެކްޓް ލޯއިން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކުރެއްވިއެވެ. އަދި އެމެރިކާގެ ނިއުޔޯކްގައި ހުންނަ ޕީސް ޔުނިވަރސިޓީ އިން އެންގްލޯ-ސެކްސަން ކޮމާޝަލް ލޯގެ ދާއިރާއިން އިތުރު ތައުލީމު އުނގެނިވަޑައިގަތެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނީ ދާއިރާގެ ބޮޑު ގާބިލުކަމެއް ފާތިމާ އަލްމަންސޫރީ ހޯއްދެވިއެވެ.
ސިޔާސީ މައިދާނަށް ވެދެވަޑައިގަތުމުގެ ކުރިން، ފާތިމާ އަލްމަންސޫރީ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ކެރިއަރެއް ބިނާކުރައްވާފައެވެ. 2005 ވަނަ އަހަރު މަރާކޭޝްގެ ބާ އެސޯސިއޭޝަނާ ގުޅިވަޑައިގަތެވެ. އަދި ކަސަބްލަންކާ އަދި މަރާކޭޝްގައި ވިޔަފާރި އާއި ރިއަލް އެސްޓޭޓް ގާނޫނަށް ހާއްސަ ލޯ ފާމެއް އުފެއްދެވިއެވެ. މި ލޯފާމު ކާމިޔާބުކަމާއެކު ހިންގަވާފައިވެއެވެ. ފާތިމާ އަލްމަންސޫރީގެ ބެލުމުގެ ދަށުން ގިނަ އަދަދެއްގެ ބޮޑެތި ވިޔަފާރި މުޢާމަލާތްތައް ހިންގާ ނިންމާފައިވެއެވެ. މި ފަންނީ ތަޖުރިބާގެ ސަބަބުން ކަންކަމުގައި ދެފުށް ފެންނަ ގޮތަށް އިންޞާފުވެރިކަމާއެކު ކަންކަންކުރުމުގެ ހުނަރު އެ ކަމަނާގެ ކިބައިގައި އަށަގަތެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރުވެސް ފާތިމާ އަލްމަންސޫރީއަކީ އިޖުތިމާޢީ އަދި ސަގާފީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭކަނބަލެކެވެ. އެގޮތުން ފްރެންޗް ލޯ ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވިއެވެ. އަދި މޮރުކޯގެ އާސާރީ ތަރިކާއާއި ސަގާފަތް ހިމާޔަތްކުރުމަށް މަސައްކަތްކުރާ މޫނިއާ އެސޯސިއޭޝަން ގައިވެސް އެކަމަނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މި ކަންކަމުގެ ސަބަބުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ފުރުސަތު އެކަމަނާއަށް ލިބިވަޑައިގަތެވެ.
ފާތިމާ އަލްމަންސޫރީގެ ސިޔާސީ ހަޔާތް ރަސްމީކޮށް ފެއްޓެވީ 2007 ވަނަ އަހަރު މޫވްމަންޓް ފޯ އޯލް ޑިމޮކްރެޓްސް އިންނެވެ. އަދި އޭގެ އެއް އަހަރު ފަހުން، 2008 ވަނަ އަހަރު، ރަސްގެފާނުގެ ސީނިއަރ އެޑްވައިޒަރ ފުއާދު އަލީ އަލްހިއްމާ އިސްވެ ހުންނަވައި އުފެއްދެވި އޮތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ އުފެއްދުމުގައި ފާތިމާ އަލްމަންސޫރު ބައިވެރިވެވަޑައިގަތެވެ. މިއީ މޮރުކޯގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެކެވެ. ފާތިމާ އަލްމަންސޫރީ ވަނީ އެ ޕާޓީގެ ނޭޝަނަލް ކައުންސިލްގެ ރައީސްކަން 2014 އިން 2025 އަށް ކުރައްވާފައެވެ. އަދި ފެބްރުއަރީ 2024 ގައި ޕާޓީގެ އެންމެ މަތީ މަގާމު ނުވަތަ ނޭޝަނަލް ކޯޑިނޭޓަރު (ސެކްރެޓަރީ ޖެނެރަލް) ގެ މަގާމަށް ފާތިމާ އަލްމަންސޫރީ ހޮވިވަޑައިގަތީ ޕާޓީގެ ތެރޭގައި އެކަމަނާއަށް އޮތް ބޮޑު މަގުބޫލުކަމެއްގެ ސަބަބުންނެވެ. ޕާޓީގެ ލީޑަރޝިޕްގައި ފާތިމާ އަލްމަންސޫރީ ގެންގުޅުއްވި ހަރުދަނާ އުސޫލުތަކަކީ 2026 ވަނަ އަހަރުގެ އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި އެކަމަނާގެ އޮތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ ކާމިޔާބުކުރުމުގެ މައިގަނޑު ސަބަބެވެ.
ފާތިމާ އަލްމަންސޫރީގެ ސިޔާސީ ފަލްސަފާ ނުވަތަ އައިޑިއޮލޮޖީ ބިނާވެފައިވަނީ ލިބަރަލް-ސެންޓްރިޒަމް އަދި ޒަމާނީ ޑިމޮކްރަސީގެ މައްޗަށެވެ. ފާތިމާ އަލްމަންސޫރީ ގަބޫލުކުރައްވާ ގޮތުގައި އެކަމަނާގެ ގައުމު ކުރިއަރައިދާނީ އިސްލާމީ އަދި މޮރުކޯގެ ސަގާފީ ބިންގަލުގެ މަތީގައި ތިބެގެނެވެ. ދުނިޔެއަށް ހުޅުވާލެވިފައިވާ ޒަމާނީ ވިސްނުންތަކެއް ގެންގުޅެގެންނެވެ. އޭނާގެ ސިޔާސީ ޝިއާރަކީ 'ފައިސާއަށްވުރެ އަހުލާގާއި ހަމަތައް މުހިންމުވުން' މި މޮޓޯ އެވެ.
ފާތިމާ އަލްމަންސޫރީ ވަކާލާތު ކުރައްވަނީ ކޮރަޕްޝަނާ ދެކޮޅަށް 'އަހުލާގީ އިންގިލާބެއް' ގެނައުމަށެވެ. ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި ދެފުށް ފެންނަ، ނަޒާހަތްތެރި ނިޒާމެއް ގާއިމުކުރުމައްޗަށެވެ. މީގެ އިތުރުން، އެކަމަނާގެ އައިޑިއޮލޮޖީގެ އެންމެ މުހިންމު އެއް ތަނބަކީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމެވެ. ސިޔާސީ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި ޕާޓީގެ ތެރޭގައި 40 އިންސައްތައިގެ އަންހެނުންގެ ކޯޓާއެއް ކަނޑައެޅުމަށް އޭނާ ވަނީ ވަކާލާތު ކުރައްވާފައެވެ. ފާތިމާ އަލްމަންސޫރީގެ އިގުތިސޯދީ ވިސްނުމަކީ، ދުނިޔޭގެ ކުރިއެރުންތަކަށް ލޯހުޅުވިގެންދާއިރު، ރަށު ފެންވަރުގައި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ފަދަ ލޯކަލް އެކްޝަން ތަކެއް ނެގުމުގެ މައްޗަށެވެ.
ފާތިމާ އަލްމަންސޫރީގެ ސިޔާސީ ކެރިއަރު ފެށިގެން އައީ ރެކޯޑް ކާމިޔާބީތަކަކާއެކު އެވެ. މިގޮތުން 2009 ވަނަ އަހަރު، އުމުރުން އެންމެ 33 އަހަރުގައި، އެކަމަނާ މަރާކޭޝްގެ މޭޔަރުކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތެވެ. މިއީ އެ ރަށުގެ ތާރީހުގައިވެސް އަންހެން މޭޔަރަކު ހޮވުނު ފުރަތަމަ ފަހަރެވެ. އޭނާގެ ފުރަތަމަ މޭޔަރުކަމުގެ ދައުރުގައި (2009-2015) މަރާކޭޝްގެ އުމްރާނީ ތަރައްގީއަށާއި އިދާރީ އިސްލާހުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އެގޮތުން 400 އަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަވާފައި ވެއެވެ.
2011 ވަނަ އަހަރު މޮރުކޯގައި ބޭއްވުނު އިންތިހާބު ކާމިޔާބު ކުރައްވައި ޕާލިމަންޓަށް އިންތިހާބުވެވަޑައިގަތެވެ. އަދި 2021 އާ ހަމައަށް މަޖިލިސް މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި ދެމިހުންނެވިއެވެ، 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް އިންތިހާބުގައި ފާތިމާ އަލްމަންސޫރީ ދެވަނަ ފަހަރަށް މަރާކޭޝްގެ މޭޔަރުކަމަށް އިންތިބުވެވަޑައިގަތެވެ. އަދި އޭރު އޮތް އަޒީޒު އަހައްނޫޝްގެ ސަރުކާރުގެ ކެބިނެޓަށް އެކަމަނާ އައްޔަނުކުރެވުނެވެ. އެގޮތުން މޮރުކޯގެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، އާބަން ޕްލޭނިން، ހައުސިންގް އެންޑް ސިޓީ ޕޮލިސީ ގެ މަގާމާ އެކަމަނާ ހަވާލުވެވަޑައިގަތެވެ. ފާތިމާ އަލްމަންސޫރީގެ ވަޒީރުކަމުގެ ދައުރުގައި އެކަމަނާ ހިންގެވި އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ 2024 އިން 2029 އަށް ރޭވުނު ބޯހިޔާވަހިކަމުގެ އެހީގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 166,000 އަށްވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންނާއި އަންހެނުންނެވެ.
2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު އާއްމު އިންތިހާބަކީ ފާތިމާ އަލްމަންސޫރީގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު ކާޟިޔާބެވެ. މި އިންތިހާބުގައި އެކަމަނާގެ އޮތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ އިން ވަނީ މޮރުކޯގެ ރައްޔިތުންގެ މަޖިލީހުގެ 395 ގޮނޑީގެ ތެރެއިން 97 ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިހާބުގެ އެއްވަނަ ހޯދާފައެވެ. މޮރުކޯގެ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ ގައި ބޮޑުވަޒީރުކަމަށް އައްޔަނުކުރެވޭނީ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރެވެ. މިގޮތުން، ރަސްގެފާނު މުހައްމަދު 6 ވަނަ ވަނީ އިންތިހާބުން އެއްވަނަ ހޯދި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ފާތިމާ އަލްމަންސޫރީއާ ބޮޑުވަޒީރުކަން ހަވާލުކުރައްވާފައެވެ. އަދި އައު ކެބިނެޓެއް އެކުލަވާލުމުގެ ޒިންމާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ. މި ތާރީހީ ނިންމުމާއެކު އެކަމަނާ ވެގެންގޮސްފައިވަނީ މުޅި އަރަބި ދުނިޔޭގައިވެސް ބޮޑުވަޒީރުކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއަށެވެ. އޭނާގެ ކުރިން މި މަގާމު ފުރުއްވާފައިވަނީ ތޫނިސްގެ ނަޖްލާ ބޫދަން އެވެ.
ފާތިމާ އަލްމަންސޫރީގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ، ސްޕެއިން އަދި ޕޯޗުގަލްއާއެކު މޮރުކޯއިން ކޯ-ހޯސްޓްކުރާ 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ގައުމު ތައްޔާރުކުރުމެވެ. މި ބޮޑު މުބާރާތާ ގުޅުވައިގެން ގައުމުގެ އުމްރާނީ ތަރައްގީއަށް ބިލިއަނުން ޑޮލަރު އިންވެސްޓްކުރުމަށް އެކަމަނާގެ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ އިތުރުން، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުން ކޮންޓްރޯލްކުރުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ރައްޔިތުންގެ މުސާރަ ބޮޑުކުރުމަކީ އެކަމަނާގެ ކެމްޕޭނުގައި ވެވަޑައިގެންނެވި މުހިންމު ވައުދުފުޅުތަކެކެވެ. ތައުލީމާއި ސިއްހީ ދާއިރާގެ ފެންވަރު މަތިކުރުމަކީވެސް ފާތިމާ އަލްމަންސޫރީގެ ސަރުކާރުގެ އިސް އިސްތިރާޖީ އަމާޒެކެވެ. އަމިއްލަ ދިރިއުޅުމަށް ބަލާއިރު، އެކަމަނާއަކީ ދެ ކުދިންގެ މައެކެވެ. 2014 ވަނަ އަހަރު ފޯބްސް މަޖައްލާއިން ހޮވި އެފްރިކާގެ އެންމެ ނުފޫޒުގަދަ 20 އަންހެނުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަތެވެ. އަދި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޔަންގް ގްލޯބަލް ލީޑަރެއްގެ ޝަރަފުވެސް އެކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ.
ފާތިމާ އައްޒަހްރާ އަލްމަންސޫރީ އަކީ ހަމައެކަނި ސިޔާސީ މީހެއް ނޫނެވެ. ކިއެއްތަ؟ އެކަމަނާއަކީ ހަރުދަނާ އުސޫލުތަކަކާއި ޒަމާނީ ވިސްނުމަކާއެކު، އިސްލާމީ މުޖުތަމައުތަކުގައި އަންހެނުންނަށް އެންމެ މަތީ ހިސާބަށް ވާސިލުވެވޭނެކަން ދުނިޔެއަށް ސާބިތުކޮށްދިން ހިތްވަރުގަދަ، ނަމޫނާ ލީޑަރެކެވެ.




