މަރިޔަމް ސަމާ ޝަރީފް: ސަމާ އާއި އޭނާގެ ޓީމުން ކުރަނީ ޝުކުރުވެރިވުން ހައްގު މަސައްކަތެއް.--
ސަމާ: އިންސާނިއްޔަތުގެ ހިތް
މުހައްމަދު ހަލީމް 5 އޮކްޓޯބަރ 2026 (ހޯމަ)   14:06
މިއަދުގެ ދިވެހި މުޖުތަމައުގައި ސޯޝަލް މީޑިއާ އަކީ ހަމައެކަނި ވަގުތުދުއްވާލުމާއި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫނެވެ. އެއަށްވުރެ މާ ފުން، މާ އަގުހުރި އިޖުތުމާއީ ހިދުމަތްތަކެއްގެ މައިދާނެކެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ ދިވެހި ޓިކްޓޮކްގެ ވެށިން ފެންނަ މަގުބޫލު ޝަހުސިއްޔަތްތަކެވެ. އޭގެ ތެރެއިންވެސް އެންމެ އަލިގަދަ ތަރިއަކީ މަރިޔަމް ސަމާ ޝަރީފް، ސަމާ ނުވަތަ ޓިކްޓޮކް ސަމާއެވެ. ސަމާއަކީ އަތަކީ އެތައް ދިވެހި ރައްޔިތުންގެ ލޮލުގެ ކަރުނަ ފުހެދޭ އޯގާތެރި އަތެކެވެ. ޓިކްޓޮކް ލައިވްތަކުގައި ގިނައަދަދެއްގެ ނިކަމެތިންނާއި ބަލިމީހުންނަށް އެހީތެރިވުމުގައި ސަމާ ދައްކުވައިދެނީ އިންސާނިއްޔަތުކަމުގެ ރިވެތި ނަމޫނާ އެކެވެ.

ހިތުން ހިތަށް: އުންމީދެއް ނެތް ފަރާތްތަކަށް ލިބުނު ދިރުމެއް
ހިތުން ހިތަށް ޗެރިޓީ އެންޖީއޯއަކީ ސަމާގެ އިސްނެގުމަށް އުފެދިގެންއައި 'ޗެރިޓީ ކްލަބް' އެކެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލިމީހުންނާއި ނިކަމެތި އާއިލާތި އާއިލާތަކުގެ އުއްމީދުގެ ދަންމަރު ރޯކޮށްލަދޭ ވަރުގަދަ ޕްލެޓްފޯމެކެވެ. ހިތުން ހިތަށް މި ނަމުން ދޭހަވަނީ ސަމާގެ ހިތަކީ އެހީއަށް ބޭނުންވެފައިވާ ހިތްތަކާއި ގުޅިފައިވާ އޯގާތެރި މިތުރެއްކަމެކެވެ. ކޮންމެ މަހަކުވެސް ހާއްސަ ފަންޑު ރައިޒިން އިވެންޓްތައް ބާއްވައިގެން އެހީއަށް ބޭނުންވާ ވަކިވަކި ފަރުދުންނަށާއި ނުވަތަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަމާގެ އެންމެ ބޮޑު އެއް މަގުސަދެވެ.

މި ހަރަކާތްތައް ކުރިއަށްދަނީ ހަމައެކަނި ސަމާގެ އެކަނި މަސައްކަތުންނެއް ނޫނެވެ. އޭނާގެ ފަހަތުގައި އޮތް ވަރުގަދަ ޓިކްޓޮކް ކޮމިއުނިޓީއަކީ ހިތުން ހިތުގެ އެންމެ ބޮޑު ވިންދެވެ. ސަމާ ލައިވްއަށް އަރައި، އެހީއަށް ބޭނުންވެފައިވާ މީހެއްގެ ވާހަކަ މުޖުތަމައާ ހިއްސާކޮށްލައެވެ. މިއިން ކޮންމެފަހަރަކު އެތައް ސަތޭކަ ދިވެހިންނެއް އެމީހުންގެ ހިތްތައް ހުޅުވާލައެވެ. މި ފަންޑު ރައިޒިން ހަރަކާތްތަކަކީ ދެފުށް ފެންނަ ގޮތަށް ސަމާ ހިންގާ ހަރަކާތެކެވެ. މި ގޮތުން އެހީގެ ގޮތުގައި ލިބޭ ފައިސާ ވަގުތުން ވަގުތަށް ޖަމާވަމުންދަނީ އެހީ ބޭނުންވާ މީހާގެ އެކައުންޓަށެވެ.

ކޭސްތަކުގެ ސައްހަކަން ކަށަވަރުކުރުން: ފަންޑްރައިޒް ކުރުމުގެ ކުރިން ހިންގާ ހަރުދަނާ ވެރިފިކޭޝަން އުސޫލު
ސަމާގެ ހިތުން ހިތަށް އެހީގެ ކެމްޕޭނެއް ފެށުމުގެ ކުރިން، އެއީ ހަގީގީ އަދި ސައްހަ ކޭސްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ވަރަށް ހަރުދަނާ ވެރިފިކޭޝަން އުސޫލެއް ގެންގުޅެއެވެ. ސޯޝަލް މީޑިއާގައި ހިންގޭ ސްކޭމްތަކާއި އޮޅުވާލުންތަކުން އާންމުންގެ ފައިސާ ރައްކާތެރިކުރުމަކީ ސަމާ އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމެވެ. މިގޮތުން، އެހީއަށް އެދި ހުށަހަޅާ ކޮންމެ މީހެއްގެ މެޑިކަލް ލިޔެކިޔުންތަކާއި، ޑޮކްޓަރުންގެ ރިޕޯޓުތަކާއި، އާސަންދައިންނާއި އެންސްޕާއިން އެހީ ދީފައިވާ މިންވަރުގެ ރަސްމީ ލިޔުންތައް ސަމާގެ ޓީމުން ތަފްސީލުކޮށް ދިރާސާކުރެއެވެ. އަދި އެހީއަށް އެދޭ އާއިލާއަކީ ހަގީގަތުގައިވެސް މާލީ ގޮތުން ނިކަމެތި ހާލަތެއްގައި ތިބި އާއިލާއެއްކަން ކަށަވަރުކުރުމަށްޓަކައި، އެރަށެއްގެ ކައުންސިލް އިދާރާ ނުވަތަ އެނގޭ ބައެއް މެދުވެރިކޮށް ބެކްގްރައުންޑް ޗެކްތައް ހަދައެވެ. މިފަދަ ހަރުދަނާ އުސޫލެއްގެ ދަށުން ކޭސްތަކުގެ ސައްހަކަން ސަމާ ކަށަވަރުކުރާތީ، ފައިސާ ހަދިޔާކުރާ ފަރާތްތަކަށް އެމީހުންގެ ލާރި ދަނީ ހަމަ ސީދާ ހައްގުވެރިޔާއަށްކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އޮވެއެވެ.

ދެފުށް ފެންނަ އިތުބާރު ހުރި އުސޫލުތައް: ފަންޑްރައިޒް ކުރުމުގައި ސަމާގެ ސްޓްރެޓެޖީ
ޓިކްޓޮކް ސަމާ އޭނާގެ ފަންޑްރައިޒިން ހަރަކާތްތައް ރޭވުމާއި ހިންގުމުގައި ގެންގުޅޭ އެންމެ ހާއްސަ އަދި އެންމެ ކާމިޔާބު އުސޫލަކީ ސީދާ ބަލިމީހާއަށް އެހީ ލިބޭނެ ފަދަ ދެފުށް ފެންނަ ޓްރާންސްޕޭރަންޓް ނިޒާމެއް ގާއިމުކުރުމެވެ. ސަމާގެ ލައިވްތަކުގައި އެއްވެސް މެދުވެރިއަކު ނުވަތަ ތިންވަނަ ފަރާތެއްގެ އެކައުންޓެއް ބޭނުމެއް ނުކުރެއެވެ. ބޭނުންކުރަނީ އެހީއަށް އެދޭ މީހާގެ ބޭންކް އެކައުންޓް ނަންބަރާއި މައުލޫމާތެވެ. އަދި މީގެ އިތުރުން، ބައެއް އިވެންޓުތަކުގައި ސަމާގެ ޓީމުން އިސްނަގައިގެން ޓިކްޓޮކްގެ އެހެން މަގުބޫލު ހޯސްޓުންނާއި ކްރިއޭޓަރުން އެއް ޕްލެޓްފޯމަކަށް ގެނެސް 'ބޮކްސް ބެޓްލް' ނުވަތަ ގްރޫޕް ލައިވްތައް މެދުވެރިކޮށް މުޅި ކޮމިއުނިޓީގެ ސަމާލުކަން އެއްފަހަރާ ހޯދައެވެ. މިފަދަ ހަރަކާތްތަކުގައި ލިބޭ ފައިސާގެ ހިސާބުތައް ވަގުތުން ވަގުތަށް އަދާހަމަކޮށް އާންމު ކުރެއެވެ. މިއީ، ފައިސާ ހަދިޔާކުރާ ފަރާތްތަކުގެ ހިތްތަކުގައި ސަމާ އާއި ހިތުން ހިތަށް ޓީމަށް އޮތް އިތުބާރު ވަރުގަދަވެފައިވާ ކަމެކެވެ. އަދި މަދުވަގުތުކޮޅެއްގެ ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ އެއްކުރެވޭ ސަބަބެވެ.

'ހިޔާ ފޯ ދޮންކަލޯ': ރާއްޖޭގެ ޓިކްޓޮކް ތާރީހު ބަދަލުކޮށްލި ރެކޯޑު އިވެންޓް
ދިވެހި ސޯޝަލް މީޑިއާ އެހީތެރިކަމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ފަންޑްރައިޒިން ހަރަކާތަކީ ޓިކްޓޮކް ސަމާ އާއި މަގުބޫލު ހޯސްޓް އަބްދުﷲ ޒިޔަމް (އެމްޓީޕީ) މުހައްމަދު ފައްޔާހު ހަސަން (ދޮންކަލޯ) އަށް ގެއެއް ބިނާކޮށްދިނުމަށް ހިންގި ބޮޑު ހަރަކާތެވެ. ދޮންކަލޯގެ ބައްޕަ، ހަސަން ފަޔާޒް، އަމިއްލަ ވަޒީފާ ދޫކޮށް އަބަދުމެ އުޅެން ޖެހިފައިވަނީ ދޮންކަލޯގެ ފުރިހަމަ ކެއާގިވަރ ނުވަތަ ބަލަހައްޓާ ބެލެހެއްޓުން ތެރިއެއްގެ ގޮތުގައެވެ. އެހެންކަމުން، އިމާރާތް ކުރަން ފެށި ގެ ނިންމޭނެ އެއްވެސް މަގެއް ނެތި ފަޔާޒު ހުރީ މާޔޫސްވެފައެވެ. ނަމަވެސް، މިކަމުގައި ސަމާގެ ޓީމުން މުޅި މުޖުތަމައު ހޭލައްވާލިއެވެ.

your image'ހިޔާ ފޯ ދޮންކަލޯ' އިވެންޓްގެ ކާމިޔާބު ފާހަގަކޮށް ކޮށްފައިވާ ޕޯސްޓެއް.--

ދޮންކަލޯގެ ބައްޕަގެ ރަސްމީ ޓިކްޓޮކް އެކައުންޓުން، 'ހިޔާ ފޯ ދޮންކަލޯ' ގެ ނަމުގައި ފެށި ހާއސަ ލައިވް ވެގެން ދިޔައީ މުޅި ރާއްޖެ ސިއްސުވާލީ އިވެންޓަކަށެވެ. މި އިވެންޓުގައި 1.2 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހަދިޔާގެ ގޮތުގައި ފަޔާޒުގެ އެކައުންޓަށް ޖަމާވިއެވެ. މި އިވެންޓަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޓިކްޓޮކް ހޯސްޓުން ބައިވެރިވި ލައިވްއެކެވެ. އަދި މިއީ، ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގެ ބާރާއި އިތުބާރު މުޅި ގައުމަށް ސާބިތުކޮށްދިން ތާރީހީ ކަމެކެވެ. މީގެ ސަބަބުން ދޮންކަލޯއަށް ފުރިހަމަ، ރައްކާތެރި މާހައުލެއްގައި ދިރިއުޅެވޭނެ އަމިއްލަ ގެއެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް ވެގެންދިޔައީއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދިއްކޮށްލި އަތް
ސަމާގެ އޯގާތެރިކަމާއި އިސްނެގުން ހަމައެކަނި އޮތީ ދިވެހިރާއްޖޭގެ ބޯޑަރުގެ ތެރޭގައި އެކަންޏެއް ނުފެތެއެވެ. ފަލަސްތީނުގެ ގާޒާގައި ނިކަމެތި ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީވުމަށްވެސް ސަމާ ވަނީ ވަރުގަދަ ހަރަކާތްތަކެއް ހިންގާފަ އެވެ. އަދި މި އިވެންޓުން ލިބުނު ގިނަ އަދަދެއްގެ ރުފިޔާ އާއި ޑޮލަރު އެއްކޮށް ވަނީ ފަލަސްތީނުގެ އިމަޖެންސީ ރިލީފް ފަންޑަށް ހަދިޔާކޮށްފައިވެއެވެ. މިއީ ސޯޝަލް މީޑިއާގެ ދިވެހި އިންފްލުއެންސަރަކު ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި ވަރަށް ތާރީހީ މަސައްކަތެކެވެ.

ނިކަމެތިންނާއި ބަލިމީހުންގެ ހިތުގެ ދުއާ
އާސަންދަ އާއި އެހެނިހެން އެހީތައް ދައުލަތުން ހަމަޖައްސައި ދެއްވިޔަސް އޭގެން ގިނަފަހަރަށް 'އޮރިޔާން ނިވަލެއް' ނުވެއެވެ. ބޭސްފަރުވާގެ ހަރަދު ބޮޑުކަމުންނެވެ.  އޭގެ ސަބަބުން ނިކަމެތިވެ، މާޔޫސްވެ، ދެއަތް އުރާލައިގެން  ތިބްންޖެހިފައިވާ އާއިލާތަކަށް ސަމާގެ މި ހަރަކާތްތަކީ މާތްﷲ މެދުވެރިކުރެއްވި ބޮޑު ރަހުމަތެކެވެ. އެނދުމަތިވެފައިވާ ބަލިމީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މައިންބަފައިންގެ ލޮލުން އޮހޮރޭ ކަނުރަތައް އުފާވެރިކަމަށް ބަދަލުކޮށްލަދޭ އިންސާނިއްޔަތުގެ ހިތަކީ ސަމާއެވެ.

ނިންމުން
މަރިޔަމް ސަމާ ޝަރީފް އަކީ ހަމައެކަނި ޓިކްޓޮކްގެ ސްކްރީންތަކުން ފެންނަ މޫނެއް ނޫނެވެ. އޭނާއަކީ ދިވެހި ޒުވާނުންނަށް ހުރި ލާމަސީލު ނަމޫނާއެކެވެ. ސޯޝަލް މީޑިއާގެ ނުފޫޒާއި މަގުބޫލުކަން އަމިއްލަ އެދުން މުޅި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އެއްކިބާ ކުރެވިދާނެކަން ސަމާ ވަނީ ސާބިތުކޮށްދީފައެވެ. ސަމާގެ މި އިންސާނީ ހިދުމަތުގެ ދަތުރަކީ ސަމާ އާއި އޭނާގެ ޓީމަށް ސާބަހާއި ޝުކުރު ހައްގު މަސައްކަތެކެވެ. އަދި މިފަދަ ހެޔޮލަފާ، އޯގާތެރި ދިވެހި ދަރިން ދިވެހި އުއްމަތުގެ ފަސްގަނޑުގައި ގިނަވުމަކީ މުޅި ގައުމަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.

ކޮމެންޓް